ބާސެލޯ ނަސަންދުރާގައި ބޭއްވި ޔޫތު އޮންޓްރަޕްރެނިއާޒް އެކްސްޕޯ 2026 ހުޅުވުމުގެ ރަސްމިއްޔާތުގައި ޝަރީފް ވާހަކަދައްކަވަނީ. (ފޮޓޯ/ރައީސް އޮފީސް)
ޑޮލަރު ހުސްވެއްޖެ ކަމަށް ބުނެ އޮޅުވާލަނީ ކަޅުބާޒާރުގައި އަގު މަތިކުރަން: ޝަރީފް
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ޑޮލަރު ހުސްވެއްޖެ ކަމަށް ބުނެ ފަތުރަމުންދާ ވާހަކަތަކަކީ، ކަޅުބާޒާރުގައި ޑޮލަރުގެ އަގު މަތިކުރުމަށް ދައްކާ ވާހަކަތަކެއް ކަމަށް އެ ބޭންކުގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ މުހައްމަދު ޝަރީފް އިއްޔެ ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ބާސެލޯ ނަސަންދުރާގައި ބޭއްވި ޔޫތު އޮންޓްރަޕްރެނިއާޒް އެކްސްޕޯ 2026 ހުޅުވުމުގެ ރަސްމިއްޔާތުގައި ޝަރީފް ވިދާޅުވީ، އެފަދަ ވާހަކަތަކުގެ ސަބަބުން ބޭރު ފައިސާގެ ހާލަތާ މެދު ނުބައި ތަސައްވުރެއް އުފެދި، ކަޅުބާޒާރަށް އޮންނަ ފިއްތުންތައް ބޮޑުވެގެންދާ ކަމަށެވެ.
ބުނީ ކީކޭ؟ - އޭނާ ވިދާޅުވި ގޮތުގައި، ބީއެމްއެލްއިން މިހާރު މަހެއްގެ މައްޗަށް ގާތްގަނޑަކަށް 80 މިލިއަން ޑޮލަރު ކަސްޓަމަރުންނަށް ވިއްކަމުންދެ އެވެ. މިއީ އެ ބޭންކުގެ ތާރީހުގައި ވެސް މަހެއްގެ މައްޗަށް އެވްރެޖްކޮށް އެންމެ ގިނައިން ޑޮލަރު ވިއްކި މިންވަރެވެ.
މި އަދަދުގެ ތެރޭގައި ކާޑު މުއާމަލާތްތަކަށާއި ވިޔަފާރިތަކުގެ ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ތަކަށާއި ތައުލީމީ އަދި ބޭސްފަރުވާގެ ހަރަދުތަކަށް ދޫކުރާ ބޭރު ފައިސާގެ އިތުރުން، ދަތުރުވެރިންނަށް ދޫކުރާ ޑޮލަރު ވެސް ހިމެނެ އެވެ.
ޝަރީފް ވިދާޅުވީ:
-
2021 ވަނަ އަހަރު އެ ބޭންކުން މަހެއްގެ މައްޗަށް އެވްރެޖްކޮށް ވިއްކާފައިވަނީ 21 މިލިއަން ޑޮލަރު
-
މި އަދަދު 2023 ވަނަ އަހަރު މަހަކު 37 މިލިއަން ޑޮލަރަށް އިތުރުވެ، މިހާރު ވަނީ މަހަކު ގާތްގަނޑަކަށް 80 މިލިއަން ޑޮލަރަށް އަރާފައި
ކަސްޓަމަރުންނަށް ވިއްކާ ޑޮލަރުގެ މިންވަރު މިހާ ބޮޑަށް އިތުރުވެފައިވާއިރު، ބޭންކުގައި ޑޮލަރު ނެތް ކަމަށް ބުނެވޭނީ ކިހިނެއްތޯ އޭނާ ސުވާލު އުފެއްދެވި އެވެ.
"އަޅުގަނޑު ދެކޭ ގޮތުގައި މިފަދަ ގޮތަކަށް ވާހަކަދައްކައިގެން ބޭންކުގައި ޑޮލަރު ނެތްކަމުގެ ތަސައްވުރެއް އުފެއްދުމުގެ ބޭނުމަކީ ކަޅުބާޒާރުގައި ޑޮލަރުގެ އަގުމަތިކުރުން. އަޅުގަނޑުމެންނަށް ޑޮލަރު ގަންނަން ލިބޭވަރަށް ވުރެ ޑޮލަރު ވިއްކަންޖެހޭ އަދަދު އިތުރުވުމުން އެކަން މެނޭޖްކުރުމުގައި ދަތިތަކެއް އަންނަކަމީ ހަގީގަތެއް،" ޝަރީފް ވިދާޅުވި އެވެ.
"އީކޮމާސްއަށް ވިއްކަންޖެހޭ އަދަދު އެއް ދުވަހުން އަނެއް ދުވަހަށް މި އަންނަނީ ބޮޑުވަމުން. އެހެންކަމުން ބޭންކުން ގަންނަ ޑޮލަރާއި ވިއްކާ ޑޮލަރު ބެލެންސް ކުރުމާ އެކު، ޑޮލަރު ވިއްކުމުގައި ޒަރޫރީ ކަންކަމަށް އިސްކަންދީ، ރާއްޖެއިން ބޭރުވާ ޑޮލަރު ވިއްކުން ޒިންމާދާރުކަމާ އެކު ބެލެހެއްޓުމަކީ ބޭންކުގެ ވެސް ޒިންމާއެއް."
ބީއެމްއެލްއިން ޑޮލަރުން ދޫކުރާ ލޯނުގެ މިންވަރު ވެސް ވަނީ އިތުރުކޮށްފަ އެވެ. އެގޮތުން:
-
2021 އިން 2023އާ ދެމެދު ބީއެމްއެލްއިން 249 މިލިއަން ޑޮލަރުގެ ލޯނު ދޫކޮށްފައިވޭ
-
2024 ވަނަ އަހަރު އިތުރު 142 މިލިއަން ޑޮލަރު، 2025ގައި 284 މިލިއަން ޑޮލަރު އަދި މި އަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި 226 މިލިއަން ޑޮލަރު ދޫކޮށްފައިވޭ
ޝަރީފް ވިދާޅުވީ، ވިޔަފާރިތަކަށް، ހާއްސަކޮށް ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ވިޔަފާރިތަކަށް ބޭންކުން ދޫކޮށްފައިވާ ޖުމްލަ ޑޮލަރު ލޯނުގެ އަދަދު މިދިޔަ މަހުގެ ނިޔަލަށް 860 މިލިއަން ޑޮލަރަށް އަރާފައިވާ ކަމަށެވެ. މިއީ 2023 ވަނަ އަހަރުގެ ނިޔަލަށް ޑޮލަރުން ލޯނު ދޫކޮށްފައިވާ މިންވަރާ އަޅާބަލާއިރު ދެގުނައަށްވުރެ އިތުރު އަދަދެއްކަން އޭނާ ފާހަގަކުރެއްވި އެވެ.
ޝަރީފް ވިދާޅުވި ގޮތުގައި، 2020 ވަނަ އަހަރުން ފެށިގެން ބީއެމްއެލްއަށް ލިބުނު މިންވަރަށް ވުރެ މާ ގިނައިން ޑޮލަރު ވަނީ ވިއްކާފަ އެވެ. އެގޮތުން، 2023 ވަނަ އަހަރުގެ ބޭންކުގެ އަހަރީ ރިޕޯޓާ ހަވާލާދީ ޝަރީފް ވިދާޅުވީ، އެ އަހަރާ ހަމައަށް ބޭންކަށް ލިބުނު ވަރަށް ވުރެ 333 މިލިއަން ޑޮލަރު އިތުރަށް ވިއްކާފައިވާ ކަމަށެވެ.
"މިއީ ބޭންކަށް ފޫނުބެދޭ ފަދަ ގެއްލުމެއް ލިބިދާނެ ކަމެއް. އެހެންކަމުން މި ނަހަމަކަން ރަގަޅު ކުރެވިފައިވަނީ، އާދެ މާ ކުރިން ވެސް ބޭންކުން އިތުރަށް ވިއްކި ޑޮލަރު، ޓީ ބޮންޑުގެ ގޮތުގައި ސަރުކާރަށް ނަންގަވާ އެ އަދަދަށް ޑޮލަރު ބޭންކަށް ވިއްކެވުމުން. ބޭންކުން އެއްވެސް ކަމަކު ސަރުކާރަށް ޑޮލަރު ދީފައި ނުވާނެ،" އޭނާ ވިދާޅުވި އެވެ.
ކޮމެންޓް