ބީއެމްއެލް އިން އިތުރު 7 ބްރާންޗު ހުޅުވަނީ. (ފޮޓޯ/ރައީސް އޮފީސް)
ބީއެމްއެލްއިން އިތުރު 7 ބްރާންޗު ހުޅުވައި ބޭންކިން ވިއުގަ 55 ބްރާންޗަށް
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ބޭންކިން ހިދުމަތްތައް ފޯރުކޮށްދިނުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކުރަމުން އަންނަ މަސައްކަތުގެ ދަށުން، އިތުރު ހަތް ބްރާންޗުގެ ހިދުމަތް ފަށައި ބޭންކިން ވިއުގަ ފުޅާކޮށްފި އެވެ.
ވީ ކިހިނެއް؟ - ނަސަންދުރާ ހޮޓަލުގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި މި ބްރާންޗުތައް ހުޅުވައިދެއްވީ ރައީސް މުހައްމަދު މުއިއްޒެވެ.
ތަފްސީލް - މި ބްރާންޗުތައް ހުރި ރަށްތަކަކީ:
-
• ހއ. ހޯރަފުށި
-
ށ. ކަނޑިތީމު
-
ރ. އަލިފުށި
-
ޅ. ހިންނަވަރު
-
އދ. މާމިގިލި
-
ގއ. ގެމަނަފުށި
-
ލ. މާވަށް
މި ބްރާންޗުތަކާ އެކު، ބީއެމްއެލް އިން މިހާރު ރާއްޖޭގެ 20 އަތޮޅުގައި ޖުމްލަ 55 ބްރާންޗު ހިންގަމުންދެ އެވެ. މީގެ ތެރޭގައި، މިދިޔަ ދެ އަހަރު ތެރޭ ހުޅުވި 17 ބްރާންޗު ހިމެނެ އެވެ.
ބުނީ ކީކޭ؟ - "ބޭންކް އޮފް މޯލްޑިވްސްއަށް ލިބޭ ކުރިއެރުން އަޅުގަނޑުމެން އިންވެސްޓް ކުރަނީ މުޖުތަމައުތަކުގައި ބޭންކުގެ ހިދުމަތްތައް ފުޅާކުރުމަށް،" މިއަދުގެ ރަސްމިއްޔާތުގައި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވި އެވެ.
"ބޭންކަށް ލިބޭ މާލީ ކުރިއެރުމުގެ ސަބަބުން މުޅި ރާއްޖެއަށް ފެތުރިފައިވާ އަޅުގަނޑުމެންގެ ވިއުގައަށް އިންވެސްޓްކޮށް، ކޮންމެ ދިވެއްސަކާ ގާތުން ބޭންކިން ހިދުމަތް ފޯރުކޮށްދިނުމުގެ ފުރުސަތު ލިބިގެންދޭ. މީގެ ސަބަބުން ފަރުދުންނާއި ވިޔަފާރިތަކަށް ބޭނުންވާ މާލީ ހިދުމަތްތައް ފަސޭހަކަމާ އެކު ލިބި، އެ ފަރާތްތަކުގެ ކުރިއެރުމަށް މަގުފަހިވެގެންދާނެ."
ބީއެމްެއެލްގެ ވިއުގަ
ބީއެމްއެލް އިން އަންނަނީ ރާއްޖޭގެ އެންމެ ބޮޑު ބޭންކިން ވިއުގަ ހިންގަމުންނެވެ. މީގެ ތެރޭގައި:
-
20 އަތޮޅުގައި ހުރި 55 ބްރާންޗު
-
340 އޭޓީއެމް
-
އެންމެ ޒަމާނީ ޑިޖިޓަލް ބޭންކިންގެ ވަސީލަތްތައް
ކޮމެންޓް