ބޭންކު ކާޑު ބޭނުންކޮށްގެން ވިޔަފާރި ކުރަނީ (ފޮޓޯ/ބީއެމްއެލް)

ބީއެމްއެލް

މިދިޔަ 2.5 އަހަރު ޑޮލަރު ވިއްކި ވަރު %77 ނުވަތަ 741 މިލިއަން އިތުރު: ބީއެމްއެލް

ކާޑުގެ މުއާމަލާތްތަކަށް ބަލާއިރު މިދިޔަ ދެ އަހަރާ ބައިގެ މުއްދަތުގައި ދިވެހި ރުފިޔާ އެކައުންޓުތަކުން ކުރި ކާޑު މުއާމަލާތްތަކަށް ވަނީ 870 މިލިއަން ޑޮލަރު ވިއްކާފައި؛ މިއީ އޭގެ ކުރީ ދެ އަހަރާއި ބައިގެ މުއްދަތާ އަޅާބަލާއިރު ދެގުނަ އިތުރު އަދަދު
1 ގަޑިއިރު ކުރިން

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ވޭތުވެދިޔަ ދެ އަހަރާއި ބައިގެ ތެރޭގައި ކަސްޓަމަރުންނަށް ރެކޯޑް އަދަދަކަށް ޑޮލަރު ވިއްކާފައިވާ ކަމަށާއި، އެގޮތުން އެ މުއްދަތުގައި %77 ނުވަތަ 741 މިލިއަން ޑޮލަރު އިތުރަށް ވިއެްކާފައިވާ ކަމަށް އެ ބޭންކުން މިއަދު ބުނެފި އެވެ.

ވީ ކިހިނެއް؟ - މީގެ ތެރޭގައި ކާޑު މުއާމަލާތްތަކާއި ޓެލްގްރެފިކް ޓްރާންސްފާސް (ޓީޓީ)، ތައުލީމު، ބޭސްފަރުވާ އަދި ދަތުރުފަތުރުގެ ބޭނުންތައް ހިމެނެ އެވެ.

މިއީ، ބީއެމްއެލް އިން ބުނި ގޮތުގައި، އޭގެ ކުރީގެ ދެ އަހަރާއި ބައިގެ މުއްދަތުގައި (ޖުލައި 2021 އިން ޑިސެންބަރު 2023އަށް) ވިއްކި 957 މިލިއަން ޑޮލަރާ އަޅާބަލާއިރު %77 ނުވަތަ 741 މިލިއަން ޑޮލަރުގެ އިތުރުވުމެކެވެ.

ތަފްސީލް - ކާޑުގެ މުއާމަލާތްތަކަށް ބަލާއިރު މިދިޔަ ދެ އަހަރާ ބައިގެ މުއްދަތުގައި ދިވެހި ރުފިޔާ އެކައުންޓުތަކުން ކުރި ކާޑު މުއާމަލާތްތަކަށް ވަނީ 870 މިލިއަން ޑޮލަރު ވިއްކާފަ އެވެ. މިއީ އޭގެ ކުރީ ދެ އަހަރާއި ބައިގެ މުއްދަތާ އަޅާބަލާއިރު ދެގުނަ އިތުރު އަދަދެކެވެ. އެގޮތުން:

  • 2021 ވަނަ އަހަރު މަހެއްގެ މައްޗަށް އެވްރެޖްކޮށް 10.7 މިލިއަން ޑޮލަރު މި ބޭނުމަށް ވިއްކާފައިވޭ 

  • މި އަހަރު އެވްރެޖްކޮށް މަހަކަށް އަންނަނީ 37.8 މިލިއަން ޑޮލަރު ވިއްކަމުން

ބީއެމްއެލް އިން ބުނި ގޮތުގައި، 2023 ވަނަ އަހަރު އެވްރެޖްކޮށް ޓީޓީ ފޮނުވުމަށް މަހެއްގެ މައްޗަށް ބޭންކުން ވިއްކާފައިވަނީ 10.2 މިލިއަން ޑޮލަރެވެ. މިއަހަރު ތެރޭ އެ ބޭންކުން އަންނަނީ އެވްރެޖްކޮށް މަހެއްގެ މައްޗަށް 28 މިލިއަން ޑޮލަރު ވިއްކަމުންނެވެ.

ތައުލީމާއި ބޭސްފަރުވާއަށް ވިއްކި ބޭރު ފައިސާގެ މިންވަރަށް ބަލާއިރު:

  • 2023 ވަނަ އަހަރު މަހަކަށް ވިއްކާފައިވަނީ 2.9 މިލިއަން ޑޮލަރު 

  • 2024 ގައި މި އަދަދު 4 މިލިއަން ޑޮލަރަށް އެރި 

  • މިދިޔަ އަހަރު 5 މިލިއަން ޑޮލަރަށް އަރާފައިވޭ 

  • މި އަހަރު ބީއެމްއެލް އިން އަންނަނީ މަހަކަށް 5.8 މިލިއަން ޑޮލަރު ވިއްކަމުން

ޖެނުއަރީ 2021 އިން ފެށިގެން ޑިސެންބަރު 2023ގެ ނިޔަލަށް ދަތުރުވެރިންނަށް ނަގުދު ފައިސާގެ ގޮތުގައި 155 މިލިއަން ޑޮލަރު ވިއްކާފައިވާއިރު، ޖެނުއަރީ 2024 އިން ފެށިގެން މިދިޔަ މަހުގެ ނިޔަލަށް ވަނީ 264 މިލިއަން ޑޮލަރު ވިއްކާފަ އެވެ. މިއީ ގާތްގަނޑަކަށް %70 އިތުރުވުމެކެވެ. މިއަހަރުގެ ވޭތުވެދިޔަ 6 މަސްދުވަހުގެ މުއްދަތަށް ބަލާއިރު ބޭންކުން ވަނީ މަހަކަށް 8.5 މިލިއަން ޑޮލަރު ވިއްކާފަ އެވެ.

ބޭންކުން މަހެއްގެ މައްޗަށް ބޭރު ފައިސާ ވިއްކާ މިންވަރު ފާއިތުވި ފަސް އަހަރު ތެރޭގައި ވަނީ ގާތްގަނޑަކަށް ހަތަރު ގުނަ އިތުރުވެފަ އެވެ. އެގޮތުން:

  • 2021 ވަނަ އަހަރު މަހެއްގެ މައްޗަށް އެވްރެޖްކޮށް 21 މިލިއަން ޑޮލަރު ވިއްކާފައިވޭ 

  • މި އަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި މި އަދަދު ވަނީ މަހަކު 80 މިލިއަން ޑޮލަރަށް އިތުރުވެފައި

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް