ރާއްޖޭގައި ލަގްޒަރީ ރިސޯޓެއް ތަރައްގީކުރަން ގަލްފް ހޮޓެލްސް ގްރޫޕް އާއި ކެއިރެޓްސޫ ޕްރައިވެޓް ލިމިޓެޑާ ދެމެދު އެމްއޯޔޫގައި ސޮއިކުރުން.

ޓޫރިޒަމް

ގަލްފް ހޮޓެލްސްއިން ކެއިރެޓްސޫއާ ގުޅިގެން ރާއްޖޭގައި ރިސޯޓެއް ހަދަނީ

މިއީ މި ސަރަހައްދުގައި ވެސް ގަލްފް ހޮޓެލްސް ގްރޫޕުން ތަރައްގީކުރާ ފުރަތަމަ ރިސޯޓު
10 ގަޑިއިރު ކުރިން

ބަހުރެއިންގެ ހޮސްޕިޓާލިޓީ ކުންފުންޏެއް ކަމަށްވާ ގަލްފް ހޮޓެލްސް ގްރޫޕުން ރާއްޖޭގައި އެ ކުންފުނީގެ ލަގްޒަރީ ރިސޯޓެއް ހަދަން ނިންމައިފި އެވެ.

ވީ ކިހިނެއް؟ - އެ މަޝްރޫއުގެ ދިވެހި ޕާޓްނަރަކީ ކެއިރެޓްސޫ ޕްރައިވެޓް ލިމިޓެޑެވެ. މި މަޝްރޫއާ ގުޅޭ ގޮތުން އެ ދެ ކުންފުނީގެ ދެމެދުގައި އިއްޔެ އެމްއޯޔޫއެއްގައި ވަނީ ސޮއިކޮށްފަ އެވެ.

އެ ދެ ކުންފުނިން ރާވާފައިވަނީ އަލަށް ތަރައްގީކުރާ ރިސޯޓު ތަރައްގީކޮށް ހިންގުމަށްޓަކައި ޖޮއިންޓް ވެންޗާ ކުންފުންޏެއް ހެދުމަށެވެ. އިކުއިޓީ އިންވެސްޓަރެއްގެ އިތުރުން ރިސޯޓުގެ އޮޕަރޭޓަރަކަށް ވާނީ ގަލްފް ހޮޓެލްސް އެވެ.

ތަފްސީލު - ގަލްފް ހޮޓެލްސްގެ ރިސޯޓު ތަރައްގީކުރަން ނިންމާފައިވަނީ ކ. އަތޮޅުގައި، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާ 15-25 މިނެޓު ދުރުގައި އޮންނަ ފަޅެއްގަ އެވެ.

ގަލްފް ހޮޓެލްސްއިން ރާވާފައިވަނީ:

  • 'ސިންގަލް އައިލެންޑް' ލަގްޒަރީ ރިސޯޓެއް ތަރައްގީކުރަން

  • އެތަނުގައި ހުންނާނީ ބީޗްފްރަންޓް އާއި އޯވަ ވޯޓާ ވިލާ؛ ހުރިހާ ވިލާތަކުގައި ވެސް ޕްރައިވެޓް ޕޫލެއް ހިމެނޭނެ

  • އިތުރު ވަސީލަތްތަކުގެ ތެރޭގައި ވެލްނަސް ފެސިލިޓީތަކާއި ހާއްސަ ހަފްލާތައް ބޭއްވޭނެ ފަދަ ތަންތަން ހުންނާނެ

އެ ރިސޯޓުގެ އަމަލީ މަސައްކަތް ފަށާނެ ތާރީހަކާއި ހުޅުވަން ރާވާފައިވާ ދުވަހެއް އަދި ނުބުނެ އެވެ.

ބުނީ ކީކޭ؟ - ގަލްފް ހޮޓެލްސް ގްރޫޕުގެ ސީއީއޯ އަހްމަދު ޖަނާހީ ވިދާޅުވީ މިއީ އެ ކުންފުނިން މި ސަރަހައްދުގައި ތަރައްގީކުރާ ފުރަތަމަ ރިސޯޓަށް ވުމާ އެކު މިއީ މުހިންމު މަޝްރޫއެއް ކަމަށެވެ.

ކެއިރެޓްސޫގެ މެނޭޖިން ޑިރެކްޓަރު ސޮފްވާން އަހްމަދު ވިދާޅުވީ އެ ކުންފުންޏާއި ގަލްފް ހޮޓެލްސްގެ ތަޖުރިބާއާ އެކު ބައިނަލްއަގްވާމީ އެންމެ މަތީ މިންގަނޑުތަކަށް ފެތޭވަރުގެ ލަގްޒަރީ ރިސޯޓެއް ތަރައްގީ ކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

އެނގުން މުހިންމު - ގަލްފް ހޮޓެލްސް ގްރޫޕަކީ ހޮސްޕިޓާލިޓީ ދާއިރާގައި 50އަށް ވުރެ ގިނަ އަހަރުގެ ތަޖުރިބާ ލިބިފައިވާ ކުންފުންޏެކެވެ.

އެ ކުންފުނީގެ ޕޯޓްފޯލިއޯގައި ބަހުރެއިންގެ އިތުރުން ޔޫއޭއީ އާއި އެފްރިކާގެ އެކި މަންޒިލްތަކުގައި ހިންގާ ހޮޓާ، ރިސޯޓް، ސާވިސްޑް ރެސިޑެންސް، ކޮންވެންޝަން ފެސިލިޓީތައް އަދި އެފްއެންބީ އޮޕަރޭޝަންތަކާއި ހޮސްޕިޓާލިޓީ ހިދުމަތްތައް ހިމެނެ އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް