މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯގެ ޕެނަލް ޑިސްކަޝަނެއްގައި ބީއެމްއެލްގެ ސީއީއޯ ޝަރީފް ވާހަކަދައްކަވަނީ (ފޮޓޯ/ބީއެމްއެލް)
ބޭންކުން ސަރުކާރަށް އެއްވެސް ބޭނުމަކު ޑޮލަރު ދީފައި ނުވާނެ: ޝަރީފް
ޑޮލަރުގެ ތާށިކަމަކީ ބޭންކް އޮފް މޯލްޑިވްސްއަށް ކުއްލިއަކަށް ދިމާވި މައްސަލައެއް ނޫނެވެ. 2021 ވަނަ އަހަރުން ފެށިގެން ބޭންކު ހިންގަމުން އައީ ގާތްގަނޑަކަށް %20ގެ ނެޓް ޝޯޓް ފޮރިން އެކްސްޗޭންޖް ޕޮޒިޝަނެއްގަ އެވެ. މާނައަކީ ބޭންކުގައި ހުރި ވަރަށް ވުރެ އޭރުގެ ނިސްބަތުން ގާތްގަޑަކަށް 200 މިލިއަން ޑޮލަރު އިތުރަށް ބޭންކުން ވިއްކާފައިވުމެވެ. މިހާލަތު ދިޔައީ ދުވަހުން ދުވަހަށް އިތުރުވަމުންނެވެ. މި ހާލަތަކީ މާލީ ގޮތުން ބޭންކަށް ބޮޑު ނުރައްކަލެއް އޮތް ކަމެކެވެ. އޮކްޓޯބަރު 2024ގައި މުހައްމަދު ޝަރީފް ބީއެމްއެލްގެ ސީއީއޯގެ މަގާމާ ހަވާލުވުމަށް ފަހު، މި މައްސަލަ ހައްލުކުރުމަކީ އޭނާ އެންމެ އިސްކަންދެއްވި އެއްކަންތައް ކަމުގައި ދާދި ފަހުން 'މިހާރު'އަށް ދެއްވި އިންޓަވިއުއެއްގައި ޝަރީފް ވިދާޅުވި އެވެ.
ބޭންކަށް އެވަގުތު ދިމާވެފައިވާ އެންމެ ބޮޑު އެއް ރިސްކުކަމުގައިވާ ނެޓް އޯޕަން ޕޮޒިޝަން (އެންއޯފީ) ގެ ޝޯޓްފޯލް ރަނގަޅު ކުރުމަށްޓަކައި، ސަރުކާރުން ބޭންކަށް ޑޮލަރު ވިއްކުމަށްޓަކައި، ސަރުކާރާއެކު މަޝްވަރާކުރެވިގެން މުއާމަލާތްތަކެއް ބޭންކުން ކޮށްފައިވާނެ ކަމަށް ޝަރީފް ވަނީ މިދިޔަ އެޕްރީލް މަހު ބޭންކުގެ އޭޓީއެމްއާއި ޑޮލަރު އޭޓީއެމް ހުޅުވުމަށް ބޭއްވި ހާއްސަ ހަފްލާގައި ވާހަކަދައްކަވަމުން އެ މައުލޫމާތު ހާމަކޮށްފަ އެވެ. އަދި 'މިހާރު' ނޫހަށް ދެއްވި އިންޓަވިއުގަ ޝަރީފު ވިދާޅުވެފައިވާ ގޮތުގައި:
-
ސަރުކާރުގެ އެހީތެރިކަމާއެކު، 2025 ވަނަ އަހަރު ނިމުނުއިރު ބޭންކުގެ ފޮރިން އެކްސްޗޭންޖް ޕޮޒިޝަން ވަނީ އާންމު ހާލަތަކަށް ގެނެވިފައި
-
މިކަން ކުރެވުނީ ސަރުކާރުން ބޭންކުގައި ބަހައްޓާފައި ހުރި ރުފިޔާގެ ބައެއް ޓްރެޒަރީ ބިލްތައް، ދިގު މުއްދަތުގެ ޑޮލަރު ޓްރެޒަރީ ބޮންޑުތަކަކަށް ބަދަލުކޮށްގެން
-
މީގެ ނަތީޖާއަކީ ބޭރު ފައިސާގެ ޒިންމާ ސަރުކާރުން އުފުލައި، ބޭންކުގެ މާލީ ހާލަތު ވަރުގަދަވުން މީގެ އިތުރުން ވިޔަފާރީގެ ގޮތުން ބޭންކަށް ލިބޭ ޑޮލަރު އާމްދަނީ އިތުރުކުރެވޭނެ ގޮތްތަކާއި ޑޮލަރު އިތުރަށް ގަނެވޭނެ ގޮތްތަށް ރާވައި އޭގެ ސަބަބުން ފޮރިން އެކްސްޗޭންޖް ޕޮޒިޝަން އާންމު ހާލަތުގައި މިހާ ހިސާބަށް ބަލަހައްޓަމުން އައިސްފައިވާ ކަމަށްވެސް އޭނާ ވިދާޅުވެފައިވޭ
"އަޅުގަނޑު ސާފުކޮށް ދަންނަވާލަން ބޭނުންވަނީ، ބޭންކުން ސަރުކާރަށް އެއްވެސް ބޭނުމަކު ޑޮލަރު ދީފަ ނުވާ ވާހަކަ. ޓްރެޜަރީ ބިލްތަކަށް ބަދަލު ގެނައީ ހަމައެކަނި ބޭންކުގެ ބޭރު ފައިސާގެ ހާލަތު ވަރުގަދަކުރަން އެވަގުތަށް އޮތް ހަމައެކަނި ގޮތަކީ އެއީ ކަމަށްވާތީ،" ޝަރީފް ވިދާޅުވެފައިވެ އެވެ.
ބޭންކަށް ޑޮލަރު ވިއްކޭނީ ބޭންކަށް ގަންނަން ލިބޭ ޑޮލަރަކުން ކަމަށްވާއިރު، ބޭންކުގެ އެންއޯޕީ އެހާބޮޑަށް ނެގެޓިވްވުމަކީ ބޭންކަށް އޮތް ވަރަށް ނުރައްކާތެރިކަމެއްގެ ގޮތުގައި މާލީ ދާއިރާގެ ބޭފުުޅުން ވެސް ފާހަގަކޮށްފައިވެ އެވެ. އެއީ، ބޭންކުން ޑޮލަރު ވިއްކުމުގެ މުއާމަލާތްތައް މުޅިން ހުއްޓާލަންޖެހޭ ފަދަ ހާލަތެކެވެ. މިފަދަ ހާލަތެއްގައި ބޭންކުންޖެހޭނީ އެންއޯޕީ ރަނގަޅު މިންވަރަކަށް ގެނައުމަށްޓަކައި ގިނަ އަދަދެއްގެ ޑޮލަރު ގަންނާށެވެ.
ބޭންކުން މީގެ ކުރިން ބުނެފައިވާ ގޮތުގައި 200 މިލިއަން ޑޮލަރުގެ ޝޯޓްފޯލްއަކުން އަރައިގަތުމަށް އެއްފަހަރާ އެވަރަށް ޑޮލަރުގަތުމަކީ ރާއްޖޭގެ ޑޮލަރުގެ ހާލަތު އޮތްގޮތުން ކުރެވިދާނެ ކަމެއްކަމަށް ނުފެނެ އެވެ. އަދި ދުވަހުން ދުވަހަށް ޑޮލަރު ގަންނަ އަދަދަށް ވުރެ ވިއްކޭ އަދަދު އިތުރުވާނަމަ، އަދި ވިޔަފާރި އާއި އާންމު ރައްޔިތުންގެ ބޭނުންތަކަށް ޑޮލަރު ވިއްކުން ކުރިޔަށް ގެންދާނަމަ، އެންއޯޕީ ރަނގަޅު ކުރާނެގޮތެއް ހޯދަން ވެސް ބޭންކަށް މަޖުބޫރުވާނެ އެވެ.
ޝަރީފް ވިދާޅުވި ގޮތުގައި ރުފިޔާގެ ޓްރެޒަރީ ބިލްތަކެއް ޑޮލަރު ޓްރެޒަރީ ބޮންޑުތަކަކަށް ބަދަލުކުރުމަކީ ރަނގަޅު ނިންމުމެކެވެ. މިހެން ހެދުމުން ސަރުކާރުގައި ބޭންކުން އިންވެސްޓް ކޮށްފައިވާ ޓީ ބޮންޑު ގެ ޑޮލަރު ބޭންކަށް މާރުކުރުމުން ބޭންކުން ސަރުކާރަށް އެދެވެނީ ދިވެހި ރުފިޔާ އެވެ. ބޭންކުގައި ޑޮލަރު އެސެޓް އިތުރުވުމުން އެ މިންވަރަށް އެންއޯޕީ ރަނގަޅު ވެގެންދާނެ އެވެ.
މިއީ ބޭންކުން ރުފިޔާއިން ސަރުކާރަށް ދޫކޮށްފައިވާ ފައިސާ ކަމުގައި ވީނަމަވެސް، ރުފިޔާގެ ޓީ.ބިލްތައް ޑޮލަރުގެ ޓީ ބޮންޑަށް ބަދަލުކުރުމުން ސަރުކާރުގެ ހިސާބުތަކުން ދައްކާނީ ޑޮލަރުގެ ދަރަނީގެ ގޮތުގަ އެވެ. އެހެން ކަމުން ބޭންކުން އެބުނާގޮތަށް މިކަންތައް ތަރުތީބުކުރެވިފައިވާ ގޮތުން މިއީ ބޭންކުން ސަރުކާރަށް ޑޮލަރުގެ ގޮތުގައި ދޫކޮށްފައިވާ ފައިސާއެއް ނޫނެވެ. މިއީ ބޭންކުން ރައްޔިތުންގެ ބޭނުންތަކަށް ޑޮލަރުވިއްކޭނެ ގޮތް މަގުފަހިކޮށް ދިނުމަށްޓަކައި ވަރަށް ބޮޑު އަދަދަކަށް ބޭރުފައިސާގެ ޒިންމާ ސަރުކާރުން ނެގުމެވެ.
ބޭންކުގެ ބޭރު ފައިސާގެ ހާލަތު ރަނގަޅުވުމާ އެކު، ކަސްޓަމަރުންނަށް ދޭ ކާޑު ލިމިޓް އިތުރުކުރުމާއި ވިޔަފާރިތަކަށް ޓީޓީއަށް ދޭ އެހީތެރިކަން އިތުރުކުރެވުނެވެ. އަދި ކިޔަވާ ކުދިންގެ ކާޑު ލިމިޓް 1200 ޑޮލަރަށް އިތުރުކޮށް، ޑެބިޓް އަދި ކްރެޑިޓް ކާޑުން ބޭރުގައި ކުރެވޭ ހޭދައިގެ ލިމިޓް ވަނީ މަތިކުރެވިފަ އެވެ. އަދި ދަތުރުފަތުރާއި ޓިކެޓާއި ހުރުމުގެ ހަރަދުތަކަށް މަހަކަށް ޑެބިޓްކާޑުގެ ލިމިޓް 3000 ޑޮލަރަށް ބޭންކުން ވަނީ އިތުރުކޮށްފަ އެވެ. ތައުލީމާއި ބޭސްފަރުވާގެ ކަންކަމަށް ބޭނުންވާ ބޭރު ފައިސާގެ އެހީތެރިކަން ދިނުމަށް ބޭންކުން ދަނީ ކަސްޓަމަރުންނަށް ޑޮލަރު ވިއްކަމުންނެވެ.
ބޭންކުގެ ތަފާސް ހިސާބުތަކަށް ބަލާއިރު މިވޭތުވެދިޔަ 36 މަސް ދުވަސްތެރޭ 1.6 ބިލިއަން ޑޮލަރު ބޭންކުންވަނީ ވިއްކާފައެވެ. މި ބަދަލުތައް ގެނެވުނީ ބޭންކުގެ ބޭރު ފައިސާގެ ހާލަތު ކުރިއަށްވުރެ ބޮޑުތަނުން ހަރުދަނާވެގެންނެވެ.
ކޮމެންޓް