މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯގެ ޕެނަލް ޑިސްކަޝަނެއްގައި ބީއެމްއެލްގެ ސީއީއޯ ޝަރީފް ވާހަކަދައްކަވަނީ
ރާއްޖޭގެ މާލީ ނިޒާމުގެ ކުރިމަގު ފެންނަނީ އިންވިސިބަލް ޕޭމަންޓް ނިޒާމަކުން ލުއިފަސޭހަވާތަން: ޝަރީފް
ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ރާއްޖޭގެ މާލީ ނިޒާމުގެ ކުރިމަގު ފެންނަނީ، 'އިންވިސިބަލް' ޕޭމަންޓް ނިޒާމަކުން ލުއިފަސޭހަވާތަން ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ސީއީއޯ މުހައްމަދު ޝަރީފު ވިދާޅުވެއްޖެ އެވެ.
ބުނީ ކީކޭ؟ - ޝަރީފް މިހެން ވިދާޅުވީ، މިދިޔަ ބުރާސްފަތި ދުވަހު ފެށި މޯލްޑިވްސް ފައިނޭންޝަލް ފޯރަމްގެ ޕެނަލް ޑިސްކަޝަނެއްގައި ރާއްޖޭގެ މާލީ ދާއިރާގެ ކުރިއަށް އޮތް ފަސް އަހަރުގެ ކުރިމަގު ސިފަކުރެއްވަމުންނެވެ. ޝަރީފް ވިދާޅުވީ، މުސްތަގުބޮލުގައި ރާއްޖެއިން ފެނިގެންދާނެ އެންމެ ބޮޑު އީޖާދަކަށް ވާނީ ފައިސާ ދެއްކުމުގެ އާ ގޮތްތަކެއް ތައާރަފުވުން ނޫން ކަމަށެވެ. އޭގެ ބަދަލުގައި ފައިސާގެ މުއާމަލާތްތައް ކުރެވޭގޮތް ލުއިފަސޭހަވެ، ގާތްގަނޑަކަށް 'އިންވިސިބަލް' ކަމަކަށް ވެގެންދިއުން ކަމަށް އޭނާ ވިދާޅުވި އެވެ.
"އޭރުން، ފައިސާގެ މުއާމަލާތްތައް ހިނގަމުންދާނީ ސީމްލެސްކޮށް ފަރުދާގެ ފުރަގަހުގަ އެވެ. މިސާލަކަށް، ފަތުރުވެރިޔަކު ޗުއްޓީއެއް ބުކްކުރާއިރު، އޭނާ ބޭނުންކުރަނީ ކޮން ބޭންކެއްތޯ ބެލުމެއްނެތި ރިސޯޓަށާއި، ސީޕްލޭނަށް، ލޯންޗަށް އަދި އެކްސްކާޝަން ފޯރުކޮށްދޭ ފަރާތްތަކަށް ވަގުތުން ފައިސާ ދެއްކިގެންދާ ދިއުން ތަސައްވަރުކޮށްލައްވާ. މިއީ އެޕްލިކޭޝަން ޕްރޮގްރާމް އިންޓަފޭސް (އޭޕީއައި) މެދުވެރިކޮށް ގުޅާލެވިފައިވާ ޕޭމަންޓް ނިޒާމެއްގެ ބާރު،" ޝަރީފް ވިދާޅުވި އެވެ.
މިއާއެކު ފެނިގެންދާނެ އިތުރު ބަދަލުތަކުގެ ގޮތުގައި ވިދާޅުވީ:
-
ޑިޖިޓަލް އައިޑެންޓިޓީ އާއި ފިންގާޕްރިންޓު ނުވަތަ ފޭސް އައިޑީގެ ނިޒާމު ބަޔޯމެޓްރިކްސް އަކީ ކޮންމެ ދުވަހެއްގެ ފައިސާގެ މުއާމަލާތްތަކުގެ ބައެއްގެ ގޮތުގައި ވެގެންދާނެ
-
މީގެ ސަބަބުން މުއާމަލާތްތައް ފަސޭހަ، ރައްކާތެރި އަދި އެންމެންނަށް ބައިވެރިވެވޭ ފަދަ ކަމަކަށް ވެގެންދާނެ
-
އާޓިފިޝަލް އިންޓެލިޖެންސްގެ އެހީގައި، ޕޭމަންޓް ނިޒާމުތަކަށް އިޖާދީ ބަދަލުތަކެއް ގެނެވި، ޕޭމަންޓް ޑޭޓާ ބޭނުންކޮށްގެން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ވަގުތުން ވޯކިން ކެޕިޓަލް ފޯރުކޮށްދިނުމާއި، މާލީ ހާލަތާ ގުޅޭ ލަފާދިނުމާއި، އަދި މަކަރާއި ހީލަތް ހުއްޓުވުމުގެ ރައްކާތެރިކަން އިތުރަށް ވަރުގަދަކުރެވޭނެ
ޝަރީފް ވިދާޅުވި ގޮތުން، ބައިނަލްއަގުވާމީ ފެންވަރުގައި، އަލަށް ތައާރަފުވަމުންދާ އީޖާދުތަކަށް ރާއްޖެ ތައްޔާރުވާންޖެހެ އެވެ. އެގޮތުން ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމުގައި އެ ލުއިފަސޭހަތަން ބޭނުންކުރުން މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލައްވާ ވާހަކަދެއްކެވި އެވެ. ޝަރީފް ވިދާޅުވީ ރާއްޖެ އަންނަ ފަތުރުވެރިން ހޯދާ ހިދުމަތްތަކަށް ސްޓޭބަލް ކޮއިންސް ނުވަތަ ކްރިޕްޓޯ ކަރެންސީން ފައިސާ ދައްކަން ބޭނުންވާ ހާލަތުގައި އެފަދަ ކަރަންސީ އަކީ ބަލައިގަންނަ އެއްޗަކަށް ހަދަންޖެހޭ ކަމަށެެވެ.
ޝަރީފް ވިދާޅުވި ގޮތުން، އެންމެ ބޮޑު އިންވެސްޓްމަންޓެއް ކުރަންޖެހެނީ ޑިޖިޓަލް ދާއިރާއަށް އާންމުންގެ ހޭލުންތެރިކަން އިތުރުކުރުމަށެވެ. އެގޮތުން، މުވައްޒަފުންގެ ހުނަރު އިތުރުކުރުމާއި، ސައިބާ ސެކިއުރިޓީ ވަރުގަދަކުރުމާއި ރެގިއުލޭޓަރުންނާއި ބޭންކުތަކާއި ފިންޓެކް ކުންފުނިތަކާއި ތައުލީމީ މުއައްސަސާތަކުގެ މެދުގައި އޮންނަ ގުޅުން ބަދަހިކުރުމުގެ މުހިންމުކަން ފާހަގަކުރެއްވި އެވެ.
"އަޅުގަނޑުމެންނަށް ބިންގާ އެޅިއްޖެ. ނަމަވެސް މިއީ އަދި ނިމުމެއް ނޫން. ޑިޖިޓަލް ޕޭމަންޓްސްގެ ދާއިރާގައި ޓެކްނޮލޮޖީ ކުރިއަރަމުންދާ ދުވެލި ހަލުވިކަމުން، އެއްވެސް މުއައްސަސާއަކަށް އެއްތާކު ހުއްޓި ހުންނާކަށް ފުރުސަތެއް ނެތް. އަޅުގަނޑުމެންނަށް ލިބިފައިވާ އެންމެ ބޮޑު ކުރިއެރުމަކީ މެދުނުކެނޑި ދަސްކުރުމާއި، ބަދަލުވަމުންދާ ހާލަތްތަކަށް ހޭނުމުގެ ގާބިލުކަން،" ޝަރީފް ވިދާޅުވި އެވެ.
ޝަރީފް އިތުރަށް ވިދާޅުވީ، ކޮންމެ މީހަކު ބޭނުންކުރަނީ ކޮން ބޭންކެއްތޯ ބެލުމުގެ ބަދަލުގައި ފައިސާގެ މުއާމަލާތްތަކަކީ ރައްކާތެރިކަމާއެކު އަވަހަށް ހިނގާ، ކޮންމެ ޕްލެޓްފޯމެއްގައި ވެސް، ބަލައިގަންނަ ކަމަކަށް ވާންޖެހޭނެ ކަމަށެވެ. އާ އީޖާދުތަކުގެ ކުރިއަށް އޮތް ބޮޑު ބަދަލުތައް ފެނިގެންދާނީ އޭރުން ކަމަށް ވިދާޅުވި އެވެ.
ކޮމެންޓް