މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ 2026ގައި، ދިވެހި އިންވެސްޓްމަންޓް ޕާޓްނާސް (ޑީއައިޕީ)ން އެ ކުންފުނީގެ އާ ހޮސްޕިޓަލިޓީ އިންވެސްޓްމަންޓް ފަންޑު ތައާރަފްކުރަނީ. (ދައުރު ފޮޓޯ/އިބްރާހިމް ނިއުމަތުﷲ)
ދިވެހި އިންވެސްޓްމަންޓުން އާ ހޮސްޕިޓަލިޓީ ފަންޑެއް ތައާރަފުކޮށްފި
ހުޅުމާލެ ސެންޓްރަލް ޕާކުގައި މިހާރު ކުރިއަށްދާ މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ 2026ގައި، ދިވެހި އިންވެސްޓްމަންޓް ޕާޓްނާސް (ޑީއައިޕީ)ން އެ ކުންފުނީގެ އާ ހޮސްޕިޓަލިޓީ އިންވެސްޓްމަންޓް ފަންޑު މިއަދު އިފްތިތާހުކޮށްފި އެވެ.
ވީ ކިހިނެއް؟ - މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ން އިންތިޒާމުކުރާ މި އެކްސްޕޯ އޮންނާނީ މިއަދުން ފެށިގެން ހޮނިހިރު ދުވަހުގެ ނިޔަލަށެވެ.
ކޮންމެ ދުވަހެއްގެ ހަވީރު 3 އިން ރޭގަނޑު 10އަށް ކުރިއަށްދާ މި އެކްސްޕޯގައި ވިޔަފާރި ބޭންކުތަކާއި އިންޝުއަރެންސް ކުންފުނިތަކާއި މާލީ ހިދުމަތްދޭ ފަރާތްތަކުގެ އިތުރުން، ރެގިއުލޭޓަރީ އިދާރާތަކާއި މަތީ ތައުލީމު ފޯރުކޮށްދޭ ފަރާތްތަކާއި ސަރުކާރުގެ މުއައްސަސާތަކުން ބައިވެރިވާނެ އެވެ.
ތަފްސީލް - މި ފަންޑަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ފްރެކްޝަނަލް އޯނަޝިޕް މޮޑެލްއެއްގެ ދަށުން އިންވެސްޓް ކުރުމުގެ ފުރުސަތު ހުޅުވާލުމަށް ފަރުމާކޮށްފައިވާ ފަންޑެކެވެ. މީގެ ސަބަބުން، ބޮޑު ރައުސްމާލެއް ނެތް ނަމަވެސް، ފަތުރުވެރިކަމުގެ ދާއިރާގެ މުދަލުން ހިއްސާ މިލްކުކުރުމުގެ ފުރުސަތު އިންވެސްޓަރުންނަށް ލިބިގެންދާނެ އެވެ.
މި ފަންޑުގެ ފުރަތަމަ އިންވެސްޓްމަންޓަކަށް ކަނޑައަޅާފައިވަނީ:
-
ކ. މާފުށީގައި ތަރައްގީކުރާ 60 ކޮޓަރީގެ ސިޓީ ހޮޓަލެއް
-
މާފުއްޓަކީ ރާއްޖޭގެ ލޯކަލް ޓޫރިޒަމްގައި އެންމެ ހަލުވިކަމާ އެކު ކުރިއަރަމުން އަންނަ އަދި އެންމެ ކާމިޔާބު އެއް މަންޒިލް ކަމަށްވާތީ، މިއީ ފައިދާހުރި އިންވެސްޓްމަންޓަކަށް ވާނެ ކަމަށް ޑީއައިޕީން ބުނި
-
މި ފަންޑުގައި ބައިވެރިވާ ފަރާތްތަކަށް ދިވެހި ރުފިޔާގެ އިތުރުން އެމެރިކާ ޑޮލަރުން ވެސް ފައިދާ ލިބުމުގެ ފުރުސަތު އޮންނާނެ
ޑީއައިޕީން ބުނި ގޮތުގައި، މި ފަންޑަކީ އެ ކުންފުނީގެ މަގުބޫލު 'ދިވެހި އިންވެސްޓްމަންޓް ނަފާ ފަންޑު (ދިނަފް)'އާ ތަފާތު، އީކުއިޓީ އިންވެސްޓްމަންޓް މޮޑެލްއަކަށް ބިނާކޮށްފައިވާ ފަންޑެކެވެ.
ދިނަފް ފަންޑަކީ ކުރު މުއްދަތުގެ އިންވެސްޓްމަންޓްތަކުން ކަނޑައެޅިފައިވާ ވަކި މިންވަރެއްގެ ފައިދާއެއް ފޯރުކޮށްދޭ ފަންޑަކަށްވީ ނަމަވެސް، އާ ހޮސްޕިޓަލިޓީ ފަންޑުގެ ސަބަބުން އިންވެސްޓަރުންނަށް ފަތުރުވެރިކަމުގެ ދާއިރާގެ މުދަލުގެ މިލްކުވެރިކަން ލިބި، ދިގު މުއްދަތުގެ ކުރިއެރުމުގައި ބައިވެރިވެވޭނެ އެވެ.
އެނގުން މުހިންމު - ފައިނޭންޝަލް އެކްސްޕޯގައި ޑީއައިޕީގެ ސްޓޯލަށް ޒިޔާރަތްކުރާ ފަރާތްތަކަށް މި ފަންޑުތަކާ ބެހޭ އިތުރު މައުލޫމާތު ލިބިގެންދާނެ އެވެ. މީގެ އިތުރުން، ހިއްސާގެ ބާޒާރުގައި މުއާމަލާތްކުރުމުގެ ފުރުސަތުތަކާއި ބްރޯކަރޭޖް ހިދުމަތްތަކާ ގުޅޭ މައުލޫމާތު ވެސް ކުންފުނީގެ މާހިރުން ފޯރުކޮށްދޭނެ އެވެ.
އެކްސްޕޯގެ ތެރެއިން ޑީއައިޕީގެ ސްޓޯލަށް ޒިޔާރަތްކުރާ ފަރާތްތަކަށް ހާއްސަ ހަދިޔާތަކާއި ގިފްޓް ވައުޗަރުގެ އިތުރުން ހއ. ހޯރަފުށީގައި ހުންނަ 'އަރާއިކް' ބުޓީކް ގެސްޓްހައުސްގައި ދެ ރޭގެ ހުރުން ހިލޭ ލިބޭ ލަކީޑްރޯއެއްގައި ބައިވެރިވުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލާފަ އެވެ.
ކޮމެންޓް