ދިރާގުގެ ސީއީއޯ އިސްމާއިލް (ކ) އަދި ވަލްޑެމާ ފެރަޑާޒް.

ދިރާގު

އިސްމާއިލް ރިޓަޔާކުރައްވާތީ ދިރާގުގެ ސީއީއޯއަކަށް ވަލްޑެމާ ފެރަޑާޒް އައްޔަންކޮށްފި

އާ ޗީފް އެގްޒެކެޓިވް އޮފިސަރު ހޯދުމުގެ މަސައްކަތް ލީޑުކުރީ ބިޔޮން އިން، ދިރާގުގެ ޑިރެކްޓަރުންގެ ބޯޑުގެ ރެމިއުނަރޭޝަން، ނޮމިނޭޝަން އެންޑް ގަވަނަންސް ކޮމިޓީގެ ބެލުމުގެ ދަށުން
1 ގަޑިއިރު ކުރިން
1

ދިރާގުގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) އަދި މެނޭޖިން ޑިރެކްޓަރު އިސްމާއިލް ރަޝީދު ރިޓަޔާކުރައްވަން ނިންމެވުމާ އެކު، ވަލްޑެމާ ފެރަޑާޒް އެ ކުންފުނީގެ ސީއީއޯގެ މަގާމަށް މިއަދު އައްޔަންކޮށްފި އެވެ.

ވީ ކިހިނެއް؟ - ދިރާގަށާއި ރާއްޖެއަށް ކޮށްދެއްވި ގާތްގަނޑަކަށް 40 އަހަރުގެ ހިދުމަތާ އެކު ރިޓަޔާކުރައްވަން އިސްމާއިލް ނިންމެވުމާ އެކު، ރޭވިފައިވާ ގޮތަށް ދިރާގުގެ ހިންގުމުގެ އިސް މަގާމަށް އަންނަ ބަދަލުތައް ދިރާގުން ވަނީ އިއުލާންކޮށްފަ އެވެ.

ތަފްސީލް - ދިރާގުން ބުނި ގޮތުގައި، އިސްމާއިލް ރިޓަޔާކުރައްވަން ނިންމެވުމާ ގުޅިގެން، އެ ކުންފުނިން ވަނީ ވަލްޑެމާ ފެރަޑާޒް ދިރާގުގެ ސީއީއޯ ޑެޒިގްނޭޓްގެ ގޮތުގައި މިއަދު ދިރާގާ ގުޅިފަ އެވެ.

މިއީ ދިރާގުގެ މައި ހިއްސާދާރު ބިޔޯންއިން އައްޔަންކުރާ މަގާމެކެވެ. އަދި އާ ޗީފް އެގްޒެކެޓިވް އޮފިސަރު ހޯދުމުގެ މަސައްކަތް ލީޑުކުރީ ބިޔޮންއިން، ދިރާގުގެ ޑިރެކްޓަރުންގެ ބޯޑުގެ ރެމިއުނަރޭޝަން، ނޮމިނޭޝަން އެންޑް ގަވަނަންސް ކޮމިޓީގެ ބެލުމުގެ ދަށުންނެވެ.

މި އިންތިގާލީ މަރުހަލާގައި އިސްމާއިލްއާ އެކު ވާލްޑޭ ގާތުން މަސައްކަތް ކުރައްވާނެ އެވެ.

ކުންފުނީގެ ބޯޑުން ބުނި ގޮތުގައި، މި ބަދަލުވުމުގެ މަރުހަލާ ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ވިޔަފާރީގެ ހިންގުމަށް އެއްވެސް މެދުކެނޑުމެއް ނެތި، ކަމާ ބެހޭ ފަރާތްތަކުގެ އިތުބާރު ދެމެހެއްޓޭނެ އަދި ކުންފުނީގެ ސްޓްރެޓެޖީތަކަށް ބަދަލެއް ނުގެނެސް ކުރިއަށް ގެންދެވޭނެ ގޮތަށެވެ.

މީގެ އިތުރުން، ކުންފުނިން އިސްކަންދޭ ކަންތައްތަކާއި ކުރުމަށް ކަނޑައަޅައިފައިވާ ކަންކަމާއި ދިގު މުއްދަތުގެ މިސްރާބަށް އެއްވެސް ބަދަލެއް ނާންނާނެކަމުގެ ޔަގީންކަން ބޯޑުން ވަނީ ދީފަ އެވެ.

އިސްމާއިލްގެ ހިދުމަތް

ދިރާގު 1988ގައި އުފެދުނުއިރު އޮތް ޓީމުގައި އިސްމާއިލް ހިމެނިވަޑައިގަންނަވަ އެވެ.

ޓެލެކޮމިއުނިކޭޝަންސް ދާއިރާގައި އިސްމާއިލްގެ ކެރިއަރު ފެއްޓެވީ ކޭބަލް އެންޑް ވަޔަލެސްގަ އެވެ.

އިސްމާއިލްގެ ފަހުރުވެރި އަދި ކުލަގަދަ ކެރިއަރުގައި އޭނާ ވަނީ ރާއްޖޭގެ ޓެލެކޮމިއުނިކޭޝަންސް އަދި ޑިޖިޓަލް ކަނެކްޓިވިޓީގެ ތަރައްގީއާ ގުޅޭ މުހިންމު ގިނަ މަސައްކަތްތައް ކުރައްވާފަ އެވެ. މިގޮތުން، ދިވެހިރާއްޖޭގެ ކޮމިއުނިކޭޝަންސް އުދަރެސް ބަދަލުކުރަނިވި މަޝްރޫއުތައް ލީޑުކުރެއްވުމާއި މިއަދުގެ ޑިޖިޓަލް އިގްތިސާދުގެ ބިންގާ އެޅުއްވުމަށް އިސްމާއިލް މުހިންމު ދައުރެއް އަދާކުރެއްވި އެވެ.

އިސްމާއިލްގެ ފާހަގަކޮށްލެވޭ ކާމިޔާބީތަކުގެ ތެރޭގައި:

  • ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއް ގުޅުވާލަދިން ނެޓްވޯކް ރޯލްއައުޓް ޕްރޮގްރާމް ލީޑުކޮށް އެ މަޝްރޫއު ކާމިޔާބުކަމާ އެކު ހާސިލުކުރެއްވި 

  • ރާއްޖޭގައި ޖީއެސްއެމް މޯބައިލް ހިދުމަތް ތައާރަފުކުރި 

  • 2006 ވަނަ އަހަރު ދިރާގު-އެސްއެލްޓީ ސަބްމެރީން ކޭބަލް ސިސްޓަމް އެޅި

  •  ރާއްޖޭގެ އުތުރާއި ދެކުނުގައި ޑޮމެސްޓިކް ސަބްމެރީން ކޭބަލް ގާއިމްކޮށް، އެ ނެޓްވޯކް ތަރައްގީކޮށް ދިރާގުގެ މިއަދުގެ ޑިޖިޓަލް އިންފްރާސްޓްރަކްޗާގެ މައިބަދަ ގާއިމުކުރުމުގައި އިސް ރޯލެއް އަދާކުރެއްވި 

  • 2011 ވަނަ އަހަރު ލިސްޓުކުރުމަށް ދިރާގުން ކުރިއަށް ގެންދިޔަ އައިޕީއޯގައި ރާއްޖޭގެ އަދި ބައިނަލްއަގްވާމީ އިދާރީ އަދި ރީޓެއިލް އިންވެސްޓަރުންނަށް މި އޮފަރިން މާކެޓްކޮށް، މެނޭޖްކުރެއްވި 

ދިރާގުގެ ޗީފް އެގްޒެކެޓިވް އޮފިސަރު އަދި މެނޭޖިން ޑިރެކްޓަރުގެ ގޮތުގައި 2015 ވަނަ އަހަރު އިސްމާއިލް އައްޔަންވުމަށް ފަހު ދިރާގަށް ބޮޑެތި ކުރިއެރުންތަކާއި ބަދަލުތަކެއް ގެނެސްފައިވެ އެވެ. އޭގެ ނަތީޖާއެއްގެ ގޮތުން، ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް %100 ފައިބަ-ޓު-ދަ-ހޯމް (އެފްޓީޓީއެޗު) ކަވަރެޖް ވަނީ ކާމިޔާބުކަމާ އެކު ފޯރުކޮށްދީފަ އެވެ.

ވަލްޑެމާ ފެރަޑާޒްގެ ތައާރަފެއް

ދެކުނު އެފްރިކާގެ ރައްޔިތެއް ކަމަށްވާ ވާލްޑޭ، ދިރާގާއި ގުޅެނީ 30 އަހަރަށް ވުރެ ގިނަ ދުވަހުގެ ބައިނަލްއަގްވާމީ ޓެލެކޮމިއުނިކޭޝަންސް އަދި ޑިޖިޓަލް ސާވިސަސް ލީޑަޝިޕް ތަޖުރިބާއާ އެކުގަ އެވެ.

ވާލްޑޭގެ ލީޑަޝިޕް ތަޖުރިބާ އެފްރިކާ، ޔޫރަޕް، އޭޝިއާ އަދި ކެރީބިއަންގެ ޓެލެކޮމިއުނިކޭޝަންސް އަދި ޑިޖިޓަލް ސާވިސަސް ދާއިރާތަކާ ގުޅިފައިވެ އެވެ.

ފާހަގަކޮށްލެވޭ ކާމިޔާބީތަކުގެ ތެރޭގައި ދެކުނު އެފްރިކާގެ ފުރަތަމަ މޯބައިލް ނެޓްވޯކް ތައާރަފްކުރުމުގައި އަދާކުރެއްވި މުހިންމު ދައުރު ފާހަގަކޮށްލެވެ އެވެ. މީގެ އިތުރުން، އެމްވީއެންއެކްސް، ޑިޖިސެލް، ސެލް ސީ، ޓެލްކޮމް މޯބައިލް އަދި ވޮޑަފޯން ފަދަ ދުނިޔޭގެ ނަން މަޝްހޫރު ބޮޑެތި ކުންފުނިތަކުގެ ސީނިއަ ލީޑަޝިޕް މަގަގާމުތައް ވަނީ ފުރުއްވާފަ އެވެ.

ވަލްޑޭ ވަނީ ތަރައްގީވެފައިވާ މާކެޓުތަކާއި ކުރިއަރަމުން އަންނަ މާކެޓުތަކުގައި ޓެލެކޮމް ވިޔަފާރިތައް ބިނާކުރުމާއި ކުރިއެރުވުމާ އަދި ޒަމާނީ ބަދަލުތައް ގެނައުމުގައި ނަމޫނާ ދައްކަވައި މި ދާއިރާގައި ޝަރަފުވެރި ކެރިއަރެއް ބިނާކުރައްވާފަ އެވެ.

ވަލްޑޭ ދިރާގާ ގުޅިވަޑައިގަތުމަކީ، މޯބައިލް އަދި ފިކްސްޑް ޓެލެކޮމިއުނިކޭޝަންސް، ޑިޖިޓަލް ހިދުމަތްތައް، އެންޓަޕްރައިޒް އަދި ކޮންސިއުމަ މާކެޓްތަކުގެ އިތުރުން، ވިޔަފާރިތައް އިތުރަށް ހަރުދަނާކުރުމުގެ ފުޅާ ތަޖުރިބާ އެ ކުންފުންޏަށް ލިބިގެންދާނެ ކަމެކެވެ.

އޭނާގެ ކެރިއަރުގައި އެކި ގައުމުތަކުގެ ސަރުކާރުތަކާއި ރެގިއުލޭޓަރުންނާއި އިންވެސްޓަރުން އަދި ސްޓްރެޓީޖިކް ބައިވެރިންނާ އެކު ގާތުން މަސައްކަތްކުރައްވައި ގައުމީ ޑިޖިޓަލް ތަރައްގީގެ މަޝްރޫއުތައް ކާމިޔާބުކަމާ އެކު ކުރިއަށްގެންދަވައި ބައިނަލްއަގްވާމީ މާކެޓުތަކުގައި ދެމެހެއްޓެނިވި ކުރިއެރުންތަކެއް ވަނީ ހޯއްދަވައިދެއްވާފަ އެވެ.

ވާލްޑޭގެ އެގްޒެކެޓިވް ތަޖުރިބާގެ ބޭރުން، ގުޅިގެން މަސައްކަތްކުރުމުގެ ލީޑަޝިޕް ސްޓައިލެއް އޭނާ ގެންގުޅުއްވަ އެވެ. ވާލްޑޭގެ ލީޑަޝިޕް ބިނާވަނީ އެންމެންގެ އަޑުއަހައި މީހުން ބާރުވެރިކުރުވައި ކުންފުނީގެ އެތެރޭގެ ސަގާފަތް ވަރުގަދަކޮށް ދެމެހެއްޓުމަށެވެ.

ވާލްޑޭ ގަބޫލުކުރައްވާ ގޮތުގައި ޓެކްނޮލޮޖީ އަބަދުވެސް ބަދަލުވަމުންދާނެ އެވެ. ނަމަވެސް، ދެމެހެއްޓެނިވި ކާމިޔާބީ އުފެދޭނީ އިތުބާރު ލިބިފައިވާ ގުޅުންތަކާއި ކަސްޓަމަ ފޯކަސް އަދި އަގުވަޒަންކުރެވޭ ބާރު ލިބިފައިވާ މީހުން އުޅޭ މާހައުލަކުންނެވެ.

ކޮމެންޓް (1)

profile-image-placeholder

ތެފައާސާ.

55 މިނިޓު ކުރިން
ބޭރު މީހުން މިހަލަ ބޮޑެތި ދިވެހި ކުންފުނިތަކުގެ ސީއީއޯކަމަށް އައްޔަންކުރާއިރު އިންޑަކްޝަން ޕްރޮގްރާމްގެ ތެރެއިން، އެ މީހުން ކޮށްގެން ވާނެ ކަންކަމާއި ކޮށްގެން ނުވާނޭ ކަންކަން ކިޔައިދީ އަހުލުވެރި ކުރުވަން އެބަޖެހޭ. މިސާލަކަށް، ކުންފުނީގެ ބޯޑުން ނިންމައިގެން ވިޔަސް، ކޯލް ޓެރިފް ރޭޓް ބޮޑުކޮށްފިއްޔާ އެ ވެދާނެ ފޯނު ބަޣާވާތަކަށް، އަދި ވަގުތުން ފުލުހުން އެމައްސަލަ ބަލަން ފަށައިފާނެ. ކޭސް އިން ޕޮއިންޓް:- ބޭންކު ބަޣާވާތް.

އިތުރު އާޓިކަލް

އިތުރު އާޓިކަލް