ރައީސް އޮފީހުގައި މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިކޮނޮމިކް މިނިސްޓަރު ސައީދު (ފޮޓޯ/ރައީސް އޮފީސް)
ރާއްޖޭގައި ޕޭޕަލް ހުރިކަން ސައީދު މި ދައްކަނީ ނަންބަރުތަކުން
ޕޭޕަލްގެ ހިދުމަތްތައް ނުލިބޭ ކަމަށް ގިނަ ބަޔަކު ޝަކުވާ ކުރަމުންދާ މި ދަނޑިވަޅުގައި އެއީ ސިޔާސީ ވާހަކަތަކެއް ކަމަށް ވިދާޅުވެ، ބައެއް ތަފާސްހިސާބުތަކާ އެކު އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އެ ވާހަކަތަކަށް މިއަދު ރައްދު ދެއްވައިފި އެވެ.
ބުނީ ކީކޭ؟ - ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ސައީދު ވިދާޅުވީ ޕޭޕަލް ރާއްޖޭގައި ނެތް ކަމަށް ދައްކަން އުޅެނީ ސިޔާސީ ގޮތުން ސަރުކާރާ ހިޔާލުތަފާތު މީހުން ކަމަށެވެ.
"ތަންކޮޅެއް ހިޔާލު ތަފާތު ސިޔާސީ ފަރާތްތަކުން، ޕޭޕަލް ރާއްޖެއަށް އައިމަ 'އުނހޫ ޕޭޕަލް ނުގެނެވޭ' އެހެން ވިދާޅުވަން އުޅޭހެން އަޅުގަނޑަށް ހީވަނީ. އެކަމަކު ޕޭޕަލް ރާއްޖޭގައި މިހާރު ހުރީ،" ސައީދު ވިދާޅުވި އެވެ.
ތަފްސީލު - އެކަން ސާބިތުކޮށްދެއްވަން ބައެއް ތަފާސްހިސާބުތައް ހިއްސާކުރައްވަމުން ސައީދު ވިދާޅުވި ގޮތުގައި:
-
ޕޭޕަލް ހިދުމަތަށް އެދި 3،280 ސްޓާޓަޕްސް ވަނީ ލިންކު ކޮށްފައި
-
2،159 ވޮލެޓު އެކްޓިވޭޓުކޮށްފައިވޭ
"އެހެންވީމަ [ޕޭޕަލް] މި ހިނގަނީ ނޫންތޯ؟" ސައީދު ވިދާޅުވި އެވެ.
ސައީދު ވިދާޅުވީ ރާއްޖެ ކުޑަވުމުން ޕޭޕަލް ނާންނާނެ ކަމަށް ކުރިން އެތައް ބަޔަކު ބުނަމުންދިޔަ ނަމަވެސް ޕޭޕަލް މިއޮތީ އައިސްފައި ކަމަށެވެ.
ޕޭޕަލްގެ ގިނަ ހިދުމަތްތަކެއް ހުރިކަން ފާހަގަކޮށް ސައީދު ވިދާޅުވީ އަދި އެ ހިދުމަތް މި އައީ ކަމަށާއި އެ ހިދުމަތްތައް ދާނީ ފުޅާވަމުން ކަމަށެވެ.
"ދެން ޕޭޕަލްގައި ހުރި އިތުރު އޮޕްޝަންތައް އަންނަމުންތާ ދާނީ،" ސައީދު ވިދާޅުވި އެވެ.
ކޮމެންޓް