ބީއެމްއެލްގެ ޑޮލަރު އިންވެސްޓްމަންޓް ޕޫލް ތައާރަފްކުރުމަށް ބޭއްވި ހަފްލާގައި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވާހަކަދައްކަވަނީ. (ދައުރު ފޮޓޯ/އިބްރާހިމް ނިއުމަތުﷲ)
ބީއެމްއެލްގައި ޑޮލަރުން އިންވެސްޓްކޮށްގެން %25އާ ހަމައަށް ރުފިޔާއިން ފައިދާ ދެނީ
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އިންވެސްޓްމަންޓް ޕޫލްތަކުގައި ޑޮލަރުން އިންވެސްޓްކުރުމުން %25އާ ހަމައަށް ރުފިޔާ އިން ފައިދާ ލިބޭ ގޮތަށް މިއަދު ހަދަައިފި އެވެ.
ވީ ކިހިނެއް؟ - ބީއެމްއެލް އިން ފީގެ ގޮތުގައި އާމްދަނީ ލިބޭ ވިޔަފާރީގެ މުއާމަލާތްތަކަށް އިންވެސްޓްކުރުމުގެ ފުރުސަތު ހުޅުވާލުމަށް ފަހު، މިގޮތަށް އިންވެސްޓްކުރުމަށް ވިއްކާ ޑޮލަރުން ވިޔަފާރިކޮށްގެން ލިބޭ އާމްދަނީން ބޮޑު ފައިދާއެއް އިންވެސްޓްކުރާ ފަރާތްތަކަށް ދިނުމަށް ވަނީ ނިންމާފަ އެވެ.
ކޮންމެ ދުވަހަކަށް ހުޅުވާލާ އެކި މިންވަރަށް ފައިދާލިބޭ އިންވެސްޓްމެންޓް ޕޫލްތަކުގެ ތެރެއިން އެ ވަގުތަށް އިންވެސްޓްކުރުމުގެ ފުރުސަތު ހުޅުވާލާފައިވާ ޕޫލްތަކުގެ މައުލޫމާތު ލިބިގަތުމާ އެކު، އިންވެސްޓްކުރުމުގެ މުއާމަލާތް އޮންލައިންކޮށް ފަސޭހަކަމާ އެކު ފުރިހަމަކުރެވޭނެ ގޮތް ބޭންކުގެ މޯބައިލް އެޕް އަދި އިންޓަނެޓް ބޭންކިން ތެރެއިން ވަނީ ތައާރަފުކޮށްފަ އެވެ.
ތަފްސީލް - ބީއެމްއެލް އިން ބުނި ގޮތުގައި:
-
އިންވެސްޓްކުރާ ޑޮލަރުގެ އަދަދަށްވާ ރުފިޔާ އިންވެސްޓްކުރާ ފަރާތުގެ އެކައުންޓަށް ވަގުތުން ޖަމާވާނެ
-
އިންވެސްޓްމަންޓްގެ ފައިދާ ޖެހިގެން އަންނަ ދުވަހު ކަސްޓަމަރުގެ ރުފިޔާ އެކައުންޓަށް ޖަމާވާނެ
-
އިންވެސްޓްމެންޓްތައް ހުޅުވާލާފައިވަނީ އެކި މިންވަރަށް ފައިދާ ލިބޭ ޕޫލްތަކުގެ ގޮތުގައި؛ %25އާ ހަމައަށް ފައިދާ ލިބޭނެ
ބުނީ ކީކޭ؟ - މި ހިދުމަތް ތައާރަފްކުރުމަށް ހޮޓެލް ޖެންގައި މިއަދު ބޭއްވި ހަފްލާގައި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ ރާއްޖޭން ބޭރުން ހިދުމަތް ހޯދުމަށާއި ތަކެތިގަތުމަށް ޑެބިޓް ކާޑާއި ކްރެޑިޓް ކާޑުން ކުރާ މުއާމަލާތްތަކަށް މަހެއްގެ މައްޗަށް ވިއްކާ ޑޮލަރުގެ އަދަދު ފާއިތުވި 5 އަހަރުގެ ތެރޭގައި 3.7 ގުނަ އިތުރުވެ، އެވްރެޖްކޮށް މަހަކަށް 39.3 މިލިއަން ޑޮލަރު ވިއްކަމުން އަންނަ ކަމަށެވެ. އެ ހިދުމަތް ހޯދާ ކަސްޓަމަރުންގެ އަދަދު 2 ގުނައަށް ވުރެ ވެސް އިތުރުވެ، ކޮންމެ މަހަކު 250،000،-300،000އާ ދެމެދުގެ އަދަދަކަށް މީހުން ރުފިޔާ ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތް ކުރަމުން އަންނަކަން އޭނާ ފާހަގަކުރެއްވި އެވެ.
މީގެ އެންމެ މުހިންމު ސަބަބަކީ، ޝަރީފް ވިދާޅުވި ގޮތުގައި، ދިވެހިން ބޭރުގެ ގައުމުތަކުން އޮންލައިންކޮށް މުދާ ގަތުމުގެ މުއާމަލާތްތައް (ކްރޮސް-ބޯޑަ އީ-ކޮމާސް) އިތުރުވެގެން ދިއުމެވެ.
"މިއީ ރާއްޖޭން ޑިޖިޓަލް އީޖާދުތައް ހަލުވިކަމާ އެކު ބަލައިގަންނަމުންދާ ކަމުގެ ހެއްކެއް. ޑިޖިޓަލްކޮށް ފައިސާ ދެއްކުމުގެ ނިޒާމުތަކަށް އައި ކުރިއެރުންތަކާއި ދުނިޔޭގެ އޮންލައިން ބާޒާރުތައް ފުޅާވުމުގެ އިތުރުން، މުވާސަލާތީ އަދި ލޮޖިސްޓިކްސް ނިޒާމަށް އައި ބޮޑެތި ކުރިއެރުން ތަކުގެ ސަބަބުން، ބޭރުގެ ގައުމުތަކުން ވިޔަފާރިކުރުން ވަނީ ކުރިއަށް ވުރެ ބޮޑަށް ލުއިފަސޭހަވެ، އަގުތައް ވެސް ހެޔޮވެފައި،" އޭނާ ވިދާޅުވި އެވެ.
"ދިވެހިން އަންނަނީ މިފަދަ ޓެކްނޮލޮޖީގެ ކުރިއެރުންތައް މެދުނުކެނޑި ބަލައިގަންނަމުންން. އަދި ބޭރުން މުދާ ގަތުމަށް ކުރަންޖެހޭ ހޭދަ ކުޑަވަމުން ދިއުމަކީ މި އާދަ އިތުރަށް ހަލުވިވެގެން ދިޔަ މުހިންމު ސަބަބެއް."
މި ކުރިއެރުމަކީ، ޝަރީފް ވިދާޅުވި ގޮތުގައި، ރާއްޖޭގެ އިގްތިސާދަށާއި ޑިޖިޓަލް ބޭންކިން އަދި މާލީ ހިދުމަތްތަކުގެ ދާއިރާއަށް އައި ބޮޑެތި ކުރިއެރުންތައް ހާމަކޮށްދޭ ކަމެކެވެ. މިއާ އެކު، ގިނަ ފަރާތްތަކުގެ ތަނަވަސްކަން އިތުރުވުމާ އެކު ދުނިޔޭގެ ޑިޖިޓަލް ބާޒާރުގައި ހަރަކާތްތެރިކަމާ އެކު ބައިވެރިވުމުގެ ފުރުސަތު ދިވެހިންނަށް ފަހިވެފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ.
"ކާޑުގެ ވިޔަފާރި އަކީ ބޭންކަށް ވަރަށް ބޮޑު ފައިދާއެއް ލިބޭ ވިޔަފާރިއެއް. ކާޑުގެ މުއާމަލާތްތައް އިތުރުވެގެން ދިއުމަކީ ބޭންކުގެ ފައިދާ އިތުރުވެގެންދާނެ ކަމެއް،" އޭނާ ވިދާޅުވި އެވެ.
"އެހެން ނަމަވެސް މި މުޢާމަލާތްތަކަށް ބޭންކަށް ޑޮލަރު ވިއްކޭނީ ބޭންކަށް ޑޮލަރުން ލިބޭ އާމްދަނީ އިންނާއި ބޭންކަށް ޑޮލަރު ގަނެވޭ މިންވަރަކުން. ވޭތުވެދިޔަ 36 މަސްދުވަހުގެ ތެރޭގައި ބޭންކުން މިވަނީ ގާތްގަޑަކަށް 1.6 ބިލިއަން ޑޮލަރު އާންމު ފަރުދުންގެ ބޭނުން ތަކަށާއި ކާޑުގެ މުޢާމަލާތްތަކަށް ވިއްކާފައި. މީގެ ތެރެއިން ގާތްގަޑަކަށް %60 ވިއްކިފައިވަނީ ކާޑުގެ މުއާމަލާތްތަކަށް."
ޝަރީފް ވިދާޅުވި ގޮތުގައި، އެ އަދަދު މަހުން މަހަށް އިތުރުވަމުން އަންނައިރު، ދެމެހެއްޓެނިވި ގޮތެއް ބޭންކުން މި އަދަދަށް ޑޮލަރު ވިއްކުމަކީ ކުރެވޭނެ ކަމެއް ނޫނެވެ. ނަމަވެސް ބޮޑު ނިސްބަތެއްގެ ކަސްޓަމަރުން މިހާ ގިނައިން ބޭނުންކުރަމުން އަންނަ ހިދުމަތަކަށް ދަތިވާ ގޮތަށް ނުވަތަ މެދުކެނޑޭ ގޮތަށް ފިޔަވަޅުތަކެއް އެޅުމަކީ ބީއެމްއެލް އިން ބޭނުންވާ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން ބޭނުންވަނީ ދެމެހެއްޓެނެވި ގޮތެއްގައި މި ހިދުމަތް ދިނުމަށް. އެހެންކަމުން ވަރަށް ވެސް މުހިންމު ބޭނުމަކަށް އަމާޒުކޮށް ޑޮލަރުން އިންވެސްޓްކުރާ ފަރާތްތަކަށާއި ކާޑުގެ ހިދުމަތް ބޭނުން ފަރާތްތަކަށާ އަދި ބޭންކަށް ވެސް ފައިދާ ހުރި ނިޒާމެއް އަޅުގަނޑުމެން މި ގާއިމްކުރީ،" އޭނާ ވިދާޅުވި އެވެ.
ޑޮލަރުން އާމްދަނީ ލިބޭ ފަރާތްތަކުން ރަނގަޅު ފައިދާއެއް ލިބޭ އިންވެސްޓްމެންޓް ޕޫލްތަކުގައި އިންވެސްޓްކުރުމުން، އީކޮމާސް ރީޓެއިލް ސައިޓްތަކުން ކުރާ މުއާމަލާތްތަކާއި ފީ ނަގާ އެހެން ބައެއް މުއާމަލާތްތަކުގައި އިންވެސްޓް ކުރުމަށް ފަހު އެ މުއާމަލާތްތަކުން ލިބޭ ފީ އެ މުއާމަލާތް ހިންގުމުގެ ހަރަދު ކެނޑުމަށް ފަހު އިންވެސްޓް ކުރާ ފަރާތަށް ދޭނެ ކަމަށް ޝަރީފް ވިދާޅުވި އެވެ.
"މީގެ ސަބަބުން ބޭންކަށް ޑޮލަރު ލިބި، އެ ޑޮލަރު ކަސްޓަމަރުންގެ ޒަރޫރީ ބޭނުންތަކަށް ފޯރުކޮށްދެވޭނެ. މީގެ ތެރޭގައި ކާޑު ޕޭމަންޓްތަކާއި އީ-ކޮމާސް ވިޔަފާރިތަކާއި މުދާ އިމްޕޯޓްކުރުން ހިމެނޭ. މީގެ ނަތީޖާއަކީ ދެމެހެއްޓެނިވި، ހުރިހާ ފަރާތްތަކަށް ވެސް މަންފާ ލިބޭނެ، ނިޒާމެއް ގާއިމްވެގެން ދިއުން،" އޭނާ ވިދާޅުވި އެވެ.
ކޮމެންޓް