ދިރާގާއި ސްވިމް މޯލްޑިވްސްގެ އޮފިޝަލުން. (ފޮޓޯ/ދިރާގު)

ދިރާގު

ދިރާގު މާލޭ އޯޕަން ފެތުމުގެ މުބާރާތް އަންނަ އޮގަސްޓުގައި ބާއްވަނީ

މިދިޔަ އަހަރު ބޭއްވި މުބާރާތުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން 350 ފެތުންތެރިން ބައިވެރިވެ، 340އަށް ވުރެ ގިނަ ފެތުންތެރިން ވަނީ ރޭސް ފުރިހަމަކޮށްފައި
1 ގަޑިއިރު ކުރިން

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އޯޕަން ވޯޓާ ފެތުމުގެ މުބާރާތް ކަމަށްވާ 'ދިރާގު މާލޭ އޯޕަން' ފެތުމުގެ މުބާރާތް އަންނަ 21-22 އޮގަސްޓުގައި ރަސްފަންނުގައި ބާއްވަން ނިންމައިފި އެވެ.

ވީ ކިހިނެއް؟ - ސްވިމް މޯލްޑިވްސް އިން އިންތިޒާމްކޮށްގެން ބާއްވާ 'ދިރާގު މާލޭ އޯޕަން' ސްވިމިން މުބާރާތުގެ މަގުސަދަކީ، ރާއްޖޭގައި އޯޕަން ވޯޓާ ސްވިމިން ކުރިއަރުވައި މި ކުޅިވަރަށް ޝައުގުވެރިކަން އުފެއްދުމުގެ އިތުރުން، ރާއްޖޭގެ ކަނޑުތައް ރައްކާތެރިކުރުމަށް ހޭލުންތެރިކަން އިތުރުކުރުމެވެ.

ތަފްސީލް - މި މުބާރާތުގައި ހިމެނެނީ:

  • 1 ކިލޯމީޓަރު 

  • 500 މީޓަރު 

  • 250 މީޓަރު 

  • މި އަހަރު މުޅިން އަލަށް ތައާރަފްކޮށްފައިވާ 500 މީޓަރުގެ ޓީމް ރިލޭ ކެޓަގަރީ

މި ކެޓަގަރީތަކުގައި އޮންލައިންކޮށް ރަޖިސްޓަރީކުރެވޭނެ އެވެ.

މިދިޔަ އަހަރު ބޭއްވި މުބާރާތުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން 350 ފެތުންތެރިން ބައިވެރިވެ، 340އަށް ވުރެ ގިނަ ފެތުންތެރިން ވަނީ ރޭސް ފުރިހަމަކޮށްފަ އެވެ. މީގެ ތެރޭގައި އުމުރުން 5 އަހަރުން ފެށިގެން 65 އަހަރާ ދެމެދުގެ ފެތުންތެރިން ހިމެނެ އެވެ.

ބުނީ ކީކޭ؟ - ދިރާގުގެ ޑިރެކްޓަރު ބްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަންސް މިރްޝާން ހަސަން ވިދާޅުވި ގޮތުގައި، މިފަދަ ގިނަ ބައެއްގެ ބައިވެރިވުން ހިމެނޭ ހަރަކާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މައިގަނޑު މަގުސަދަކީ، ހުރިހާ އުމުރުފުރައެއްގެ ފަރާތްތަކަށް ކުޅިވަރުގެ ފުރުސަތުތައް ފަހިކޮށްދީ، ދުޅަހެޔޮ ދިރިއުޅުމަކަށް ބާރުއެޅުމުގެ އިތުރުން ކުޅިވަރުގެ ޒަރިއްޔާއިން އިޖުތިމާއީ ގުޅުންތައް ބަދަހިކުރުމަށް މަގުފަހިކޮށްދިނުމެވެ

"މީގެ އިތުރުން، ދިވެހިރާއްޖޭގެ ގުދުރަތީ މާހައުލަށް ބަލާއިރު ފަތަން ދަސްކުރުމަކީ ވަރަށް މުހިންމުކަމަށް ވާތީ، ފެތުމަށް ހިތްޖެއްސުމާއި މޫދު ކުޅިވަރުތައް ކުރިއެރުވުމަށް އެހީތެރިވުމަކީ އަޅުގަނޑުމެން ވަރަށް ބޮޑު އިސްކަމެއް ދޭ ކަމެއް،" އޭނާ ވިދާޅުވި އެވެ.

ސްވިމް މޯލްޑިވްސްގެ ރައީސް ހުސައިން ޝަމީމް ވިދާޅުވި ގޮތުގައި، މިދިޔަ އަހަރު ބޭއްވި 'ދިރާގު މާލެ އޯޕަން'ގެ ކާމިޔާބީ އާއި މުޅިން އަލަށް ރާއްޖޭގައި ބޭއްވި 'އޯޝަންމޭން މޯލްޑިވްސް' މެދުވެރިކޮށް ރާއްޖޭގައި މި ކުޅިވަރު ކުރިއެރުވުމަށް ވަރުގަދަ ބިންގަލެއް ވަނީ އެޅިފަ އެވެ.

"މިއީ އަދި ފެށުމެއް. އަޅުގަނޑުމެން މި ތިބީ މި އަހަރުގެ މުބާރާތައް ކުރިއަށް ވުރެ ގިނަ ބައިނަލްއަގުވާމީ އަދި ރާއްޖޭގެ ފެތުންތެރިންނަށް މަރުހަބާކިއުމަށް ތައްޔާރަށް،" އޭނާ ވިދާޅުވި އެވެ.

އަޅުގަނޑުމެންގެ ތަސައްވުރަކީ 'ދިރާގު މާލެ އޯޕަން' އަކީ ރާއްޖޭގައި ބާއްވާ އެންމެ ފާހަގަކޮށްލެވޭ އެއް ކުޅިވަރު ހަރަކާތަށް ހަދައި ބައިނަލްއަގުވާމީ ފެތުމުގެ ކަލަންޑަރުގައި މި މުބާރާތް ހިމަނައި، ބައިވެރިނުވެ ދޫކޮށްނުލެވޭ ފަދަ ޝައުގުވެރި މުބާރާތަކަށް ހެދުން."

ފާހަގަކޮށްލެވޭ - ދިރާގުން އަންނަނީ ދުޅަހެޔޮ ދިރިއުޅުމަކަށް ބާރުއަޅާ، އިޖުތިމާއީ ގުޅުން ބަދަހިކުރުމަށް އެހީތެރިވެދޭ އަދި ގިނަ ބަޔަކަށް ބައިވެރިވެވޭ ގޮތަށް ބާއްވާ މިފަދަ ކުޅިވަރު އަދި އެހެނިހެން ހަރަކާތްތަކަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް