އެއާ އިންޑިއާގެ ބޯޓެއް ވީއައިއޭގައި.

އެއާ އިންޑިއާ

އެއާ އިންޑިއާއިން މާލެ-ދިއްލީ ދަތުރުތައް މެދުކަނޑާލައިފި

އެއާ އިންޑިއާގެ މާލެ-ދިއްލީ ދަތުރުތައް މެދުކަނޑާލީ އޮގަސްޓުގެ ނިޔަލަށް؛ މިއީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެމުންދިއުމާއި މާލީ އިތުރު ގޮންޖެހުންތަކާ ހުރެ އެއާ އިންޑިއާގެ ބައިނަލްއަގްވާމީ އޮޕަރޭޝަންތަކަށް ގެނައި ބަދަލުތަކުގެ ތެރެއިން އެޅި ފިޔަވަޅެއް

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެމުންދިއުމާއި މާލީ ގޮންޖެހުންތަކުގެ ސަބަބުން އިންޑިއާގެ ގައުމީ އެއާލައިން، އެއާ އިންޑިއާއިން މާލެ އާއި ނިއު ދިއްލީއާ ދެމެދު ކުރަމުން އައި ދަތުރުތައް މެދުކަނޑާލައިފި އެވެ.

ވީ ކިހިނެއް؟ - މިއީ މިހާރުގެ ހާލަތަށް ބަލައި، އެއާ އިންޑިއާގެ ބައިނަލްއަގްވާމީ އޮޕަރޭޝަންތަކަށް ގެނައި ބަދަލުތަކުގެ ތެރެއިން އެޅި ފިޔަވަޅެކެވެ.

ތަފްސީލު - އެއާ އިންޑިއާއިން މިދިޔަ މަހުގެ ތެރޭގައި ނެރުނު ނޫސްބަޔާނެއްގައި އެ އެއާލައިންގެ ބައިނަލްއަގްވާމީ އޮޕަރޭޝަންތަކަށް ބަދަލު ގެނައި ސަބަބުތަކުގެ ގޮތުގައި ފާހަގަކުރި މައިގަނޑު ކަންތައްތަކަކީ:

  • ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެމުންދިޔުން

  • ބައެއް ސަރަހައްދުތަކުގެ އެއާސްޕޭސް ބަންދުކޮށްފައި އޮންނަ އޮތުން ދިގުލައިގެންދިޔުން

  • އޭގެ ސަބަބުން އެ އެއާލައިންގެ ބައެއް ހިދުމަތްތަކަށް މާލީގޮތުން ވަނީ އަސަރުކޮށްފައި

އެ ބަދަލާ އެކު އެއާ އިންޑިއާއިން ވަނީ ގިނަ އަދަދެއްގެ މަންޒިލްތަކަށް އެ އެއާލައިންގެ ފްލައިޓުތައް ދަތުރުކުރާ މިންވަރު މަދުކޮށް، ބައެއް މަންޒިލްތަކަށް އޮގަސްޓާ ހަމައަށް ފްލައިޓުތައް މެދުކަނޑާލާފަ އެވެ.

މާލެ - ދިއްލީގެ އިތުރުން މި ސަރަހައްދުން މެދުކަނޑާލި ދަތުރުތަކުގެ ތެރޭގައި ދިއްލީ-ޝަންހާއި، ޗެންނާއި-ސިންގަޕޫރު އަދި މުމްބާއި-ދާކާ ހިމެނެ އެވެ.

ފާހަގަކޮށްލެވޭ - މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ވައިގެ ދަތުރުފަތުރަށް ބުރޫއެރުމާ ގުޅިގެން އެއާ އިންޑިއާއިން މިދިޔަ މާޗުގެ ތެރޭގައި ރާއްޖެއަށް ދަތުރުކުރާ ފްލައިޓުތަކުގެ އަދަދު އިތުރު ކުރި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް