އެންއެޗު މޯލްޑިވްސް ކުޑަރަށް ރިސޯޓް. (ފޮޓޯ/މައިނާ ހޮޓެލްސް)
ސްރީ ލަންކާގެ ހޭލީސް ކުންފުނިން އެ ގްރޫޕުގެ ދަށުން ރާއްޖޭގައި ހިންގާ 'އެންއެޗު މޯލްޑިވްސް ކުޑަރަށް ރިސޯޓް' 17.25 މިލިއަން ޑޮލަރަށް (266 މިލިއަން ރުފިޔާ)އަށް ވިއްކާލުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
ވީ ކިހިނެއް؟ - ހޭލީސް އިން އާންމުކޮށްފައިވާ އެންމެ ފަހުގެ މާލީ ބަޔާންތައް ދައްކާ ގޮތުގައި، މި އެއްބަސްވުމުގައި ބޮހީމިއާ ލަގްޒަރީ ރިސޯޓް ޕްރައިވެޓް ލިމިޓެޑާ އެކު ސޮއިކޮށްފައިވަނީ މިދިޔަ މަހުގެ 16ގަ އެވެ.
ހޭލީސް އިން ރާއްޖޭގައި ގާއިމްކޮށްފައިވާ ސަބްސިޑަރީ ކުންފުނި، ލަގްޒަރީ ރިސޯޓް ޕްރައިވެޓް ލިމިޓެޑް މެދުވެރިކޮށް 2016ގައި އދ. ކުޑަރަށް ރިސޯޓް ގަނެފައިވަނީ 23 މިލިއަން ޑޮލަރަށް (354.7 މިލިއަން ރުފިޔާ) އަށެވެ.
ތަފްސީލް - ހޭލީސް އިން ބުނި ގޮތުގައި، އެ ކުންފުނިން ލަފާކުރަނީ މި މުއާމަލާތް ކުރިއަށް އޮތް މަސްތަކުގެ ތެރޭގައި އެއްކޮށް ނިމޭނެ ކަމަށެވެ.
މި މުއާމަލާތުގެ ސަބަބުން އެ ކުންފުންޏަށް 6.9 ބިލިއަން ލަންކާ ރުޕީސް (20.8 މިލިއަން ޑޮލަރު ނުވަތަ 321 މިލިއަން ރުފިޔާ)ގެ ގެއްލުމެއް ލިބިފައިވާ ކަމަށް ވަނީ ރެކޯޑްކޮށްފަ އެވެ. މީގެ ތެރޭގައި:
-
ލަގްޒަރީ ރިސޯޓް ޕްރައިވެޓް ލިމިޓެޑުގައި ކުރި އިންވެސްޓްމަންޓުންވީ 2.9 ބިލިއަން ލަންކާ ރުޕީސް (8.8 މިލިއަން ޑޮލަރު ނުވަތަ 135 މިލިއަން ރުފިޔާ)ގެ ގެއްލުން
-
އެ ސަބްސިޑަރީ ކުންފުނިން ލިބެންޖެހޭ ފައިސާގެ ތެރެއިން 2.5 ބިލިއަން ލަންކާ ރުޕީސް (7.5 މިލިއަން ޑޮލަރު ނުވަތަ 116 މިލިއަން ރުފިޔާ)ގެ ގެއްލުން
ފާހަގަކޮށްލެވޭ - ހޭލީސް އިން ލަންކާގައި ހޮޓާ ހިންގާ 'އަމާޔާ' ބްރޭންޑުގެ ދަށުން ކުރިން ހިންގި ކުޑަރަށް މިހާރު ވަނީ ތައިލެންޑުގެ މައިނާ ހޮޓެލްސްގެ ޕޯޓްފޯލިއޯގެ ދަށަށް ބަދަލުކޮށް، 'އެންއެޗު ހޮޓެލްސް އެންޑް ރިސޯޓްސް' ބްރޭންޑުގެ ދަށުން 'އެންއެޗު މޯލްޑިވްސް ކުޑަރަށް ރިސޯޓު'ގެ ނަމުގައި ހިންގަން ފަށާފަ އެވެ.
ރާއްޖޭގައި ގިނަ އަދަދެއްގެ ރިސޯޓް ހިންގާ މައިނާ ހޮޓެލްސް އިން މި ރިސޯޓު އެންއެޗު ބްރޭންޑުގެ ދަށުން ހުޅުވީ 1 ސެޕްޓެމްބަރު 2024ގަ އެވެ. މިއީ މި ބްރޭންޑް އިންޑިއާ ކަނޑުގެ ސަރަހައްދަށް ތައާރަފުވި ފުރަތަމަ ފަހަރެވެ.
ކޮމެންޓް (2)
ވަރިހަމަ
މީރީ