އޭއައި އެންޑް ޑޭޓާ ކޮމްޕެޓެންސީ ސެންޓަރު، މޯލްޑިވްސް އޭއައި ލެބް އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތު. (ފޮޓޯ/ބީއެމްއެލް)
މައިންޑްކޯ އާއި ބީއެމްއެލްއިން އޭއައި ލެބް އިފްތިތާހުކޮށްފި
މައިންޑްކޯ އާއި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގުޅިގެން ގައުމީ އޭއައި އެންޑް ޑޭޓާ ކޮމްޕެޓެންސީ ސެންޓަރު، މޯލްޑިވްސް އޭއައި ލެބް އިފްތިތާހުކޮށްފި އެވެ.
ވީ ކިހިނެއް؟ - މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މޯލްޑިވްސް އޭއައި ލެބް ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާނެވެ.
މޯލްޑިވްސް އޭއައި ލެބް އިފްތިތާހުކުރުމާ އެކު، މި ސެންޓަރުގެ އެންމެ ފުރަތަމަ ހަރަކާތްތައް މިއަދު ފެށިގެންދިޔައީ މި ސެންޓަރުގެ މަސައްކަތް ފެށުމުގެ ގޮތުން ބާއްވާ 'ކޯ.ލެބް 26' ހަރަކާތާ އެކު އެވެ.
ތަފްސީލް - ކޯ.ލެބް 26އަކީ އޭއައި ބޭނުންކުރުމާ ގުޅޭ ގޮތުން ރާއްޖޭން ގެންގުޅޭނެ ގައުމީ އުސޫލުތައް ބައްޓަންކުރުމަށްޓަކައި ކުރިއަށްގެންދާ ހަތަރު ދުވަހުގެ ގައުމީ ހަރަކާތެކެވެ.
މި ޕްރޮގްރާމުގެ ފުރަތަމަ ދެ ދުވަހު މައިގަނޑު ގޮތެއްގައި މަސައްކަތްކުރާނީ:
-
އޭއައި މެދުވެރިކޮށް އާންމުންނަށް ލިބޭނެ ފައިދާއަށާއި ގައުމީ އަމާޒުތަކަށް ރިއާޔަތްކޮށް، އޭއައި ބޭނުންކުރާނެ މުހިންމު ދާއިރާތައް ދެނެގަތުމަށް
-
ޑޭޓާގެ ތައްޔާރީތަކާއި އަމަލީ ގޮތުން އެކަން ކުރެވިދާނެ މިންވަރާއި ޒިންމާދާރުކަމާ އެކު އޭއައި ބޭނުންކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށް އިސްކަންދޭނެ ކަންކަން ކަނޑައަޅާނެ
ޕްރޮގްރާމުގެ ފަހު ދެ ދުވަހު ކުރިއަށްދާނީ:
-
ތަޖުރިބާކާރުންގެ އިރުޝާދާ އެކު ބާއްވާ ހެކަތަންއެއް
-
މި ހެކަތަންގައި ދެ ދާއިރާއަކުން ނުވަތަ ޓްރެކަކުން މަސައްކަތް ކުރާނެ؛ އެއީ ސަރުކާރުގެ މަސައްކަތްތަކަށް އޭއައި ބޭނުންކުރާނެ ގޮތްތައް ދެނެގަތުމަށް ހާއްސަ 'އެޕްލައިޑް އޭއައި ޓްރެކް' އަދި ބީއެމްއެލްގެ ސްވައިޕް އޭޕީއައި ބޭނުންކޮށްގެން ކުރިއަށްގެންދާ 'ފިންޓެކް އިނޮވޭޝަން ޓްރެކް'
އޭއައި ލެބް ފަރުމާކޮށްފައިވަނީ އެކި ދާއިރާތައް ގުޅިގެން މަސައްކަތްކޮށް، އޭއައި ޑޭޓާ އަދި ޑިޖިޓަލް އިނޮވޭޝަންގެ ދާއިރާއިން ރާއްޖޭގައި ދެމެހެއްޓެނިވި ގާބިލުކަން އުފެއްދުމަށެވެ.
ހެކަތަންގެ ނަތީޖާއެއްގެ ގޮތުން ޕްރޮޓޯޓައިޕްތަކާއި ހައްލު ހޯދޭނެ މަގުތަކާ އަދި އަމަލީ ގޮތުން ތަންފީޒުކުރެވޭނެ ކޮންސެޕްޓްތައް ގައުމީ ފެންވަރުގައި ކުރިއަށްގެންދިއުމަށް މަގުފަހިވާނެ އެވެ.
-
ހެކަތަންގައި ބައިވެރިވެރިވުމަށް ރަޖިސްޓްރީ ކުރުމަށް
ބުނީ ކީކޭ؟ - ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ ކަސްޓަމަރުންގެ ބޭނުންތައް ދެނެގަތުމާއި ހިރާސްތައް މެނޭޖުކުރުމާއި އާންމު ހިދުމަތްތައް ފޯރުކޮށްދިނުމާއި ސްކޭމްތައް ދެނެގަތުމާއި ސައިބަ ސެކިއުރިޓީ ވަރުގަދަކުރުމުގެ އިތުރުން، އަވަސް އަދި މައުލޫމާތުގެ މައްޗަށް ބިނާވެފައިވާ ނިންމުންތައް ނިންމުމުގެ ގާބިލުކަން އޭއައިއަށް ލިބިގެންވާ ކަމަށެވެ.
"ޓެކްނޮލޮޖީއަކީ މާލީ އިދާރާތަކަށް މިހާރު ހަމައެކަނި މަސައްކަތްތަކަށް އެހީތެރިވެދޭ ކަމެއް ނޫން. އޭގެ ބަދަލުގައި، އެއީ ކަސްޓަމަރުންގެ ތަޖުރިބާ އާއި ހިދުމަތްތަކަށް އޮންނަ ފަސޭހަކަމާ އަދި އިގްތިސާދީ ބައިވެރިވުން ބައްޓަންކުރަމުން އަންނަ މުހިންމު ވަސީލަތެއް،" އޭނާ ވިދާޅުވި އެވެ.
މައިންޑްކޯގެ މެނޭޖިން ޑިރެކްޓަރު ސައީދާ އުމަރު ވިދާޅުވީ މިފަދަ ހާއްސަ ގައުމީ މަރުކަޒެއް ގާއިމްކުރުމުން، ރާއްޖޭގެ އަމިއްލަ އޭއައި އަދި ޑޭޓާގެ ގާބިލުކަން ބިނާކުރުމަށް ފުރިހަމައަށް ސަމާލުކަން ދިނުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.
އަމަލީ ގޮތުން ބޭނުންކުރެވޭނެ، އަޅުގަނޑުމެންގެ ސަގާފަތާއި އާދަކާދައާ ގުޅޭ އަދި ރާއްޖޭގެ މާހައުލަށް އެންމެ އެކަށީގެންވާ ގޮތަށް މަސައްކަތްކުރުމަށް މަގުފަހިވެގެންދާނެކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.
"މީގެ ސަބަބުން، ވަކިވަކިން ކުރެވޭ ކަންކަމުގެ ބަދަލުގައި، މުޅި ގައުމަށް އަމާޒުކޮށްގެން ނިޒާމީ ސިފައެއްގައި މި މަސައްކަތް ކުރިއަށް ގެންދެވޭނެ،" އޭނާ ވިދާޅުވި އެވެ.
"މިއީ ދައުލަތުން ކުރާ އިންވެސްޓްމަންޓްތަކުގެ ވިލުންވެރިކަން އިތުރުކޮށް، ދިވެހި ހުނަރުވެރިން ބިނާކޮށް އަދި އާންމު ހިދުމަތްތަކުގެ ފެންވަރު މިހާރަށް ވުރެ ހަރުދަނާކުރުމަށް އެހީތެރިވެދޭނެ ކަމެއް."
މިއަދުގެ ރަސްމިއްޔާތުގައި މިނިސްޓަރު އިހުސާން ވިދާޅުވީ އޭއައިއަކީ ރާއްޖެއަށް ހަމައެކަނި 'ކުރިމަތިވާ' ކަމެއްގެ ގޮތުގައި ރާއްޖޭގެ މުސްތަގުބަލު އޮވެގެން ނުވާނެ ކަމަށެވެ. އޭގެ ބަދަލުގައި، މޯލްޑިވްސް އޭއައި ލެބް މެދުވެރިކޮށް އޭއައި ބޭނުންކުރެވޭނީ ދިވެހިންނާ އެކު، ދިވެހިންގެ އަތުން އަދި ދިވެހިންގެ ލާބައަށްޓަކާކަން އޭނާ ފާހަގަކުރެއްވި އެވެ.
ރާއްޖޭގެ ޓެކްނޮލޮޖީ ދާއިރާގެ ހުނަރުވެރިން ބިނާކުރުމަށާއި އާންމު ހިދުމަތްތަކުގައި އިންސާނީ ޒިންމާދާރުކަން ކަށަވަރުކުރުމަށާއި ސަރުކާރުގެ ހިންގުން ހަރުދަނާކޮށް، އިގްތިސާދީ ކުރިއެރުން ހޯދައި ރާއްޖެއަކީ ރައްކާތެރި އަދި ހަރުދަނާ އިގްތިސާދަކަށް ބަދަލުކުރުމަށްޓަކައި ސަރުކާރާއި އަމިއްލަ ފަރާތްތަކުގެ ގުޅުން ބަދަހިކުރުމުގެ މުހިންމުކަމުގެ މައްޗަށް ވެސް އިހުސާން އަލިއަޅުއްވާލެއްވި އެވެ.