ޗާޓާޑް ބޭންކާ ޕްރޮގްރާމްގައި ބައިވެރިވާ ބީއެމްއެލްގެ މުވައްޒަފުން. (ފޮޓޯ/ބީއެމްއެލް)
ބީއެމްއެލްގެ 30 މުވައްޒަފުން ޗާޓާޑް ބޭންކާ ޕްރޮގްރާމް ފަށައިފި
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގައި ޕްރޮފެޝަނަލް ސަނަދު ލިބިފައިވާ ފަންނީ މުވައްޒަފުން އިތުރުކުރުމުގެ މަގުސަދުގައި، އެ ބޭންކުގެ ޗާޓާޑް ބޭންކާ ޕްރޮގްރާމް ފަށައިފި އެވެ.
ވީ ކިހިނެއް؟ - މިއީ ރާއްޖޭގެ މާލީ ދާއިރާއަށް ބޭނުންވާ ބޭންކަރުން ބިނާކުރުމަށްޓަކައި، ޗާޓާޑް ބޭންކިން ކޮލިފިކޭޝަންތަކާއި ފަންނީ ތަރައްގީގެ ޕްރޮގްރާމްތައް ހިންގުމަށް މިދިޔަ ޖެނުއަރީގައި އޭޝިއަން އިންސްޓިޓިއުޓް އޮފް ޗާޓާޑް ބޭންކާސް (އޭއައިސީބީ)އާ އެކު ސޮއިކުރި އެމްއޯޔޫގެ ދަށުން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.
ތަފްސީލް - މި ޕްރޮގްރާމްގެ ފުރަތަމަ ބެޗުގައި ބީއެމްއެލްގެ 30 މުވައްޒަފުން ބައިވެރިވެފައިވާއިރު، ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި މި މުވައްޒަފުން ކޯސް ފުރިހަމަކުރާނެ އެވެ.
ޗާޓާޑް ބޭންކާ ޕްރޮގްރާމް ހިންގަނީ މުވައްޒަފުން ތަމްރީނުކުރުމަށް ބޭންކުން ހާއްސަކޮށްފައިވާ ބީއެމްއެލް އެކަޑަމީ މެދުވެރިކޮށެވެ.
މިއީ މުވައްޒަފުންގެ ގާބިލުކަން އިތުރުކުރުމަށާއި ބޭންކަށް ގެންނަމުންދާ ބަދަލުތަކަށް ތަންފީޒުކުރުމަށާއި މުޅި ރާއްޖެއަށް ފެންވަރު ރަނގަޅު ބޭންކިން ހިދުމަތްތަކެއް ފޯރުކޮށްދިނުމަށް ބީއެމްއެލް އިން ދެމުން އަންނަ އަހުމިއްޔަތު ހާމަކޮށްދޭ އިންވެސްޓްމަންޓެކެވެ.
ބުނީ ކީކޭ؟ - "އަޅުގަނޑުމެން އަބަދުވެސް ގަބޫލުކުރާ ގޮތުގައި ބޭންކުގެ އެންމެ ބޮޑު ރައުސްމާލަކީ އަޅުގަނޑުމެންގެ މުވައްޒަފުން. މެދުނުކެނޑި ފަންނީ ތަރައްގީއަށް ކުރެވޭ މަސައްކަތަކީ މި މުއައްސަސާ ވަރުގަދަކުރުމަށާއި މުސްތަގުބަލުގެ ލީޑަރުން ބިނާކުރުމަށް ވަރަށް މުހިންމު ކަމެއް،" ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވި އެވެ.
"މި ޕްރޮގްރާމްގެ ތެރެއިން ލިބޭ އިލްމާއި ތަޖުރިބާއަކީ މުވައްޒަފުންގެ އަމިއްލަ ކުރިއެރުމަށާއި ބޭންކުގެ ދެމެހެއްޓެނިވި ތަރައްގީއަށް ލިބިގެންދާނެ މުހިންމު ބާރެއް ކަމުގެ ޔަގީންކަން އަޅުގަނޑަށް އެބައޮތް."