ބޭންކް ފަންޑުން މިހާތަނަށް ޖުމްލަ 9 ޖަމިއްޔާއަކަށް ވަނީ އެހީ ފޯރުކޮށްދީފައި. (ފޮޓޯ/ބީއެމްއެލް)

ބީއެމްއެލް

ބީއެމްއެލް ފަންޑަށް ފޯމު ހުށަހަޅަން ހުޅުވާލައިފި

ކޮންމެ އަހަރަކު ވެސް ބޭންކް ފަންޑް ކާމިޔާބުކުރާ 5 ފަރާތަކަށް ތައުލީމު، ތިމާވެށި، ކުޅިވަރުގެ ދާއިރާއިން އަދި މުޖުތަމައަށް ފައިދާހުރި ޕްރޮޖެކްޓްތައް ހިންގުމަށް 200،000ރ.ގެ އެހީ ބޭންކުން ފޯރުކޮށްދޭ
13 މޭ 2026

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބޭންކް ފަންޑަށް ޕްރޮޕޯސަން ހުށަހެޅުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.

ވީ ކިހިނެއް؟ - ބޭންކް ފަންޑަކީ ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ޖަމިއްޔާ ޖަމާއަތްތަކަށް އަމާޒުކޮށްގެން އެ ފަރާތްތަކުން ހިންގަން ބޭނުންވާ ދެމެހެއްޓެނިވި އެކި މަޝްރޫޢުތައް ހިންގުމަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ކޮންމެ އަހަރަކު ވެސް ހުޅުވާލާ ފުރުސަތެކެވެ.

ތަފްސީލް - މި ފަންޑަށް އެދި ހުށަހެޅުމުގެ ފުރުސަތު:

  • ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ޖަމިއްޔާ، ޖަމާއަތްތަކާއި ކްލަބްތަކަށް މިހާރު ވަނީ ހުޅުވާލާފައި 

  • އެޕްލިކޭޝަން ފޯމާއި ޕްރޮޕޯސަލް [email protected] އަށް އީމެއިލް މެދުވެރިކޮށް ހުށަހެޅޭނެ

  • އަންނަ މަހު 14ގެ މެންދުރުފަހު 2ގެ ކުރިން ފޯމު ހުށަހެޅޭނެ

ކޮންމެ އަހަރަކު ވެސް ބޭންކް ފަންޑް ކާމިޔާބުކުރާ 5 ފަރާތަކަށް ތައުލީމު، ތިމާވެށި، ކުޅިވަރުގެ ދާއިރާއިން އަދި މުޖުތަމައަށް ފައިދާހުރި ޕްރޮޖެކްޓްތައް ހިންގުމަށް 200،000ރ.ގެ އެހީ ބޭންކުން ފޯރުކޮށްދެ އެވެ.

މިއީ މިގޮތަށް މި ފަންޑު ހިންގަމުންދާ ތިންވަނަ އަހަރެވެ.

ބުނީ ކީކޭ؟ - "ބޭންކް އޮފް މޯލްޑިވްސް އިން އަބަދު ވެސް ގަބޫލުކުރާ ގޮތުގައި، ދެމެހެއްޓެނިވި ކުރިއެރުމެއް ހާސިލުކުރެވޭނީ މުޖުތަމައުގެ ބިންގަލުން ފެށިގެން ކުރެވޭ މަސައްކަތްތަކުން. 'ބޭންކް ފަންޑަ'ކީ ރަށްރަށުގެ ޖަމިއްޔާ ޖަމާއަތްތަކުން ގެންގުޅޭ އުފެއްދުންތެރި ހިޔާލުތައް، މުޖުތަމައަށް ފައިދާކުރަނިވި ކަންކަމަށް ބަދަލުކުރުމަށް މަގުފަހިކޮށްދިނުމަށް އަޅުގަނޑުމެން ދޭ އިސްކަން ހާމަކޮށްދޭ ރަމްޒެއް،" ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވި އެވެ.

"މި ފަންޑުގެ އެހީގައި މިހާތަނަށް މުޖުތަމައަށް ލިބިފައިވާ ހެޔޮ ބަދަލުތަކާ މެދު އަޅުގަނޑުމެން ފަހުރުވެރިވަން. އަދި 2026 ވަނަ އަހަރު ވެސް، އަޅުގަނޑުމެންގެ އުއްމީދަކީ މުޖުތަމައަށް ނަފާ ލިބޭނެ ދެމެހެއްޓެނިވި އިތުރު މަޝްރޫއުތަކަކަށް އެހީތެރިކަން ފޯރުކޮށްދިނުން."

އެނގުން މުހިންމު - ބޭންކް ފަންޑު ތައާރަފުކުރި ފަހުން، މުޖުތަމައަށް ބޭނުންތެރި ތަފާތު އެކި މަޝްރޫއުތައް ހިންގުމަށް މިހާތަނަށް ޖުމްލަ 9 ޖަމިއްޔާއަކަށް މި ފަންޑުން އެހީތެރިކަން ވަނީ ފޯރުކޮށްދީފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް