ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)އިން އިންޑިއާ ފަތުރުވެރިންތަކެއް ލޯންޗަކަށް އަރަން ތައްޔާރުވަނީ. (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

ރާއްޖެ-އިންޑިއާ

ޗުއްޓީ މަދުކުރަން މޯދީ ގޮވާލެއްވުމުން އިންޑިއާގެ ފަތުރުވެރިން މަދުވާނެކަމުގެ އިންޒާރުދީފި

އިންޑިއާއިން ބޭރަށް ދަތުރުކުރުމަށް ޝައުގުވެރިކަން ފާޅުކުރާ މިންވަރު މިހާރު ވެސް %10 އާއި %15އާ ދެމެދުގެ މިންވަރަކަށް ދަށްވެފައިވާ ކަމަށް އެ ސިނާއަތުގެ އިސްވެރިން ވިދާޅުވި
13 މޭ 2026

ބޭރު ގައުމުތަކަށް ދަތުރުނުކުރުމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ކުރެއްވި އިލްތިމާސާ ގުޅިގެން، އެ ގައުމުގެ ފަތުރުވެރިކަމުގެ ސިނާއަތަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެދާނެ ކަމުގެ އިންޒާރު ކަމާބެހޭ ފަރާތްތަކުން ދީފި އެވެ.

އެނގުން މުހިންމު - އަވަށްޓެރި އިންޑިއާއަކީ ރާއްޖެއަށް ހަ ވަނައަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ގައުމެވެ. އެގޮތުން، މިދިޔަ ހޯމަ ދުވަހުގެ ނިޔަލަށް މި އަހަރު ތެރޭގައި:

  • 42،482 އިންޑިއާ ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރި

  • މިއީ އެހާތަނަށް ރާއްޖެ އައި ޖުމްލަ 852،911 ފަތުރުވެރިންގެ %5.1

ވީ ކިހިނެއް؟ - ތެލަށް ކުރާ ހޭދަ ކުޑަކުރުމަށާއި ބޭރު ފައިސާގެ ރިޒާވް ހިފެހެއްޓުމުގެ ގޮތުން، ޒަރޫރީ ބޭނުމެއް ނެތް ގޮތުގައި އިންޑިއާއިން ބޭރަށް ދަތުރުނުކުރުމަށް ބޮޑުވަޒީރު މިދިޔަ ހަފްތާ ބަންދުގައި އިލްތިމާސްކުރެއްވުމާ ގުޅިގެން، އިންޑިއާއިން ބޭރަށް ކުރާ ޗުއްޓީ ދަތުރުތައް މަޑުޖެހިދާނެ ކަމަށް އެ ސިނާއަތުގެ ބޭފުޅުން ވިދާޅުވެ އެވެ.

ތަފްސީލް - ސިނާއަތުގެ އިސްވެރިން ރޮއިޓާސްއަށް ވިދާޅުވި ގޮތުގައި، މެދުއިރުމަތީގެ ހަމަނުޖެހުންތަކާއި ތެލުގެ އަގު އުފުލުމާ ގުޅިގެން ވައިގެ ދަތުރުފަތުރުގެ އަގު ބޮޑުވެފައިވާ މި ދަނޑިވަޅުގައި، އިންޑިއާއިން ބޭރަށް ދަތުރުކުރުމަށް ޝައުގުވެރިކަން ފާޅުކުރާ މިންވަރު މިހާރު ވެސް ވަނީ %10 އާއި %15އާ ދެމެދުގެ މިންވަރަކަށް ދަށްވެފަ އެވެ.

އިންޑިއަން އެސޯސިއޭޝަން އޮފް ޓުއާ އޮޕަރޭޓާސްގެ ރައީސް ރަވީ ގޮސައިން ވިދާޅުވި ގޮތުގައި، ބޮޑުވަޒީރަކީ ގިނަ ބަޔަކު ތާއީދުކުރާ ބޭފުޅަކަށް ވުމުން، އޭނާގެ ނަސޭހަތް ގިނަ ބަޔަކު ވަރަށް ސީރިއަސްކޮށް ބަލައިގަނެ އެވެ. އެހެންކަމުން، ގިނަ ބަޔަކު މި އަހަރުގެ ދަތުރުތައް އަންނަ އަހަރަށް ފަސްކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

އީރާނުން ހޮރްމޫޒް ކަނޑުއޮޅި ބަންދުކުރުމާ ގުޅިގެން ތެލާއި ގޭސް ލިބުމަށް ދަތިވެ، ދުނިޔޭގެ ބާޒާރުގައި ހަކަތައިގެ އަގު އުފުލުމާ ގުޅިގެން އިންޑިއާއަށް ކުރިމަތިވެފައިވާ އިގްތިސާދީ ފިއްތުންތަކުން އަރައިގަތުމަށްޓަކައި، ތެޔޮ ބޭނުންކުރާ މިންވަރު މަދުކުރުމަށާއި ރަނުގެ ގަހަނާ ފަދަ އިމްޕޯޓްކުރާ ތަކެތި ގަތުން މަދުކުރުމަށް ވެސް މިދިޔަ އާދީއްތަ ދުވަހު މޯދީ ވަނީ ގޮވާލައްވާފަ އެވެ.

މޯދީގެ މި ވާހަކަތަކާ ގުޅިގެން ދަތުރުފަތުރާ ގުޅުންހުރި ކުންފުނިތަކާއި ބުކިން ޕްލެޓްފޯމްތަކާއި އެއާލައިންތަކުގެ ހިއްސާގެ އަގު ވަނީ ދަށަށް ގޮސްފަ އެވެ. މީގެ އިތުރުން، މިދިޔަ މަހުން ފެށިގެން އަންނަ މަހަށް އޮންނަ ޗުއްޓީ ދުވަސްވަރު އިންޑިއާއިން ބޭރަށް ދަތުރުކުރާ މީހުންގެ އަދަދު މިކަމުގެ ސަބަބުން ވަރަށް ބޮޑަށް މަދުވެގެންދާނެ ކަމަށް އޮފިޝަލުން ލަފާކުރައްވަ އެވެ.

އިންޑިއާގެ ފަތުރުވެރިކަމުގެ ސިނާއަތަކީ 231 ބިލިއަން ޑޮލަރަށް ވުރެ އަގުބޮޑު އަދި ގައުމުގެ ވަޒީފާތަކުގެ 10 ބައިކުޅަ 1 ބައި ހިއްސާކުރާ ސިނާއަތެކެވެ. ދުރު މުސްތަގުބަލުގައި މި ސިނާއަތް ކުރިއަރާނެ ކަމަށް ބެލެވުނު ނަމަވެސް، ބޭރު ފައިސާގެ ރިޒާވަށް ކުރާ ނޭދެވޭ އަސަރު ކުޑަކުރުމަށްޓަކައި، ގައުމުގެ އެތެރޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް ސިނާއަތުގެ ޖަމިއްޔާތަކުން މިހާރު ދަނީ ބާރުއަޅަމުންނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް