މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ގެ މައި އޮފީސް. (ފޮޓޯ/ އެމްއައިބީ)
އެމްއައިބީއަށް 15 އަހަރު: ރާއްޖޭގެ އިގްތިސާދަށް އިންގިލާބީ ބަދަލެއް ގެނެސްދިން ބޭންކެއް
މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)އިން ރާއްޖޭގައި އިސްލާމިކް ބޭންކިން ނިޒާމު މުޅިން އަލަށް ތައާރަފުކޮށް، ޒަމާނީ ޓެކްނޮލޮޖީއާ އެއް ހަމައެއްގައި އެ ހިދުމަތްތައް ތަރައްގީކޮށް ކުރިއަރުވަމުން ގެންދާތާ މިއަދަށް މިވީ 15 އަހަރެވެ.
ރާއްޖޭގައި ފުރަތަމަ އަދި ހަމައެކަނި 'ފުލީ-ފްލެޖްޑް' އިސްލާމިކް ބޭންކުގެ ގޮތުގައި އެމްއައިބީން 2011 ވަނަ އަހަރު ދަތުރު ފެށީ ސާފު އަމާޒަކާ އެކީގަ އެވެ. އެއީ، އިސްލާމީ ރިވެތި އުސޫލުތަކާ އެއްގޮތަށް ބޭންކިން ހައްލުތަކެއް ތައާރަފުކޮށް އެ ހިދުމަތްތައް ރައްޔިތުންނަށް ފޯރުކޮށްދިނުމަށެވެ. ކަސްޓަމަރުން އެމްއައިބީއަށް ކުރި އިތުބާރާއި އެ ބޭންކުން ކަސްޓަމަރުންގެ އަޑު އަހައި، އެއާ އެއްގޮތަށް ކުރި މަސައްކަތުގެ ނަތީޖާ ވެސް ވަރަށް ފޮންޏެވެ.
ފާއިތުވި 15 އަހަރު ދުވަހުގެ ތެރޭގައި އެމްއައިބީން ވަނީ ރައްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ފަރުދުންނާއި އާއިލާތަކާއި ވިޔަފާރިވެރިންނާއި ވިޔަފާރިތަކަށް ވެސް އިތުބާރު ހިފޭ މާލީ ބައިވެރިއަކަށްވެފަ އެވެ.
އެމްއައިބީގެ ފައިސާ އޭޓީއެމް، ފައިސާ ކާޑު އަދި ޕީއޯއެސްގެ ހިދުމަތްތަކާއެކު ފެށި އެ ދަތުރު އިތުރަށް ފުރިހަމަވީ އިންޓަނެޓް ބޭންކިން (ފައިސާނެޓް) އަދި މޮބައިލް ބޭންކިން (ފައިސާމޮބައިލް) ފަދަ ހިދުމަތްތައް ތައާރަފުކޮށް އެ ހިދުމަތްތައް ޒަމާނާ އެއްހަމަކުރަން ފެށި މަސައްކަތުންނެވެ.
އެމްއައިބީ ހުޅުވިތާ މަދު އަހަރުތަކުގެ ތެރޭގައި އާބާދީ ބޮޑު ތަންތަނުގައި އެ ބޭންކުގެ ބްރާންޗުތައް ހުޅުވައި ހިދުމަތްތައް ދޭން ފެށުން ވެގެން ދިޔައީ އަތޮޅުތެރޭގައި މާލީ ގޮތުން ލިބޭ ފުރުސަތުތައް ހަރުދަނާވެ، ރައްޔިތުންނާ ގާތުން އެ ހިދުމަތްތައް ލިބުން ފަހިވި ކަމަކަށެވެ.
އެ ބޭންކުން ގިރާކުރި ތާރީހީ އިތުރު ހަރުފަތަކީ 2019ގައި ކާމިޔާބު އައިޕީއޯއަކަށް ފަހު މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގައި ޕަބްލިކް ލިމިޓެޑު ކުންފުންޏެއްގެ ގޮތުގައި ލިސްޓުކުރުމެވެ.
ފާއިތުވި އަހަރުތަކުގައި އެމްއައިބީގެ ޑިޖިޓަލް ޓްރާންސްފޯމޭޝަން އެޖެންޑާ ހަރުދަނާކޮށް އެ ކަންކަން ހާސިލުކުރާ ދުވެލި ވެސް ވަނީ އެތައް ގުނައަކުން ހަލުވިކޮށްފަ އެވެ.
ވަގުތުން އެމްއައިބީ އެކައުންޓް ހުޅުވުމުން ފެށިގެން ވިޔަފާރިތަކުން މުވައްޒަފުންގެ މުސާރަ ޖަމާކުރުމާ ހަމައަށް ވެސް ގޭގައި ތިބެގެން އެމްއައިބީގެ ހިދުމަތްތައް ހޯދާލެވޭ ވަރަށް އެ ބޭންކުގެ ހިދުމަތްތައް ވަނީ ކުރިއަރުވާފަ އެވެ. އޭގެ ތެރޭގައި އިންސްޓަންޓް އެކައުންޓް އޯޕަނިންނާއި ފުލީ ޑިޖިޓަލް ބިޒްނަސް އެކައުންޓް އޯޕަނިންނާއި ފައިސާ މޯބައިލް އެކްސްއާއި އެޕްލައި ނައު އަދި އުޖާލާނައު ޕޯޓަލް ހިމެނެއެވެ.
އެމްއައިބީގެ އިތުރު ކާމިޔާބީތަކަށް ބަލާއިރު އެ ބޭންކުން ވަނީ ވިސާ ޑެބިޓް، ވިސާ ޕްލެޓިނަމް، ވިސާ ބިޒްނަސް ޑެބިޓް އަދި ސަޕްލިމެންޓަރީ ކާޑުގެ ހިދުމަތް ތައާރަފުކޮށް، އެމްއައިބީ ގްލޯބަލް ޕޭ މެދުވެރިކޮށް އީ-ކޮމާސް ކުރިއަރުވައި، ދުނިޔޭގެ ކޮންމެ ތަނަކުންވެސް ހިދުމަތް ލިބޭނެ ގޮތް ކަސްޓަމަރުންނަށް ފަހިކޮށްދީފަ އެވެ.
އޭގެ އިތުރުން އިންކްލޫސިވް އަދި ސަސްޓެއިނަބަލް ފައިނޭންސްގެ އެންމެ ކުރީ ސަފުގައި ފައިތިލަ ސާބިތުކުރުމާ އެކު އެމްއައިބީން ތައާރަފްކުރި ހިދުމަތްތަކުގެ ތެރޭގައި:
-
ހަކަތަރި ލޭބަލް ޖަހާފައިވާ އުފެއްދުންތަކަށް ކުޑަ އަގެއްގައި ފައިނޭންސިން
-
ހައްޖު ސޭވިންސް އެކައުންޓު
-
18 އަހަރުން ދަށުގެ ކުދިންނަށް ހާއްސަ ބިންގާ އެކައުންޓް ޕޯޓްފޯލިއޯ
މީގެ އިތުރުން ވެސް އެމްއައިބީ އެކައުންޓަށް މުސާރާ ޖަމާކޮށްގެން 'މިބް9 ކްލަބް'ގެ މެންބަރަކަށްވެ ޑިސްކައުންޓުތަކާއި އެކްސްލޫސިވް އޮފާތައް ހޯދުމުގެ ފުރުސަތު އެމްއައިބީން ކަސްޓަމަރުންނަށް ފަހިކޮށްދީފައިވެ އެވެ.
އެމްއައިބީން ތައާރަފުކޮށްފައިވާ މަގުބޫލު ބައެއް އިތުރު ޕްރޮޑަކްޓްތަކުގެ ތެރޭގައި:
-
ފައިސާ ވެއާ ރިންގާއި ޓެގު
-
އުޖާލާ ފައިނޭންސިން
-
ބިންގާ ކާޑު
އޭގެ ތެރެއިން ކޮންމެ އުފެއްދުމަކީ ވެސް، އެމްއައިބީއިން ބުނާ ގޮތުގައި ވަރަށް ތަފާތު އުފެއްދުންތަކެކެވެ. ވަކިން ހާއްސަކޮށް ފައިސާ ވެއާ އުފެއްދުންތަކަކީ ބޭނުންކޮށްލަން ފަސޭހަ އުފެއްދުންތަކެކެވެ.
މިދިޔަ 15 އަހަރެކޭ ވެސް އެއްފަދައިން މުސްތަގްބަލުގައި ވެސް މަސައްކަތްކުރާނީ ކަސްޓަމަރުންގެ އަޑުއަހައި، ކަސްޓަމަރުން އެދޭ ގޮތަށް ހިދުމަތްތައް ބައްޓަންކޮށްގެން ކަމުގެ ޔަގީންކަން އެމްއައިބީއިން ވަނީ ދީފަ އެވެ.
އެމްއައިބީއިން ބުނާ ގޮތުގައި އެ ބޭންކުގެ ކާމިޔާބީގެ އަސްލަކީ ވެސް އެ ބޭންކުގެ ކަސްޓަމަރުންނެވެ. އެންމެ 10 މިލިއަން ޑޮލަރުން ފަށައި، 15 އަހަރުގެ ތެރޭގައި 1 ބިލިއަން ޑޮލަރަށް ބޭންކު ފުޅާވުމަކީ ކޮންމެ ދިވެއްސަކު ވެސް ފަހުރުވެރިވުން ހައްގު ކާމިޔާބީއެކެވެ.