ވެލާ ޕްރައިވެޓް އައިލެންޑް

ރިސޯޓުތައް

ސާވިސް ޗާޖު ލިސްޓުގެ އެންމެ ކުރީގައި ވެލާ؛ 4،317 ޑޮލަރު

20 ޑިސެމްބަރުން 20 ޖެނުއަރީއާ ހަމައަށް 5 ރިސޯޓަކުން 3،000 ޑޮލަރަށް ވުރެ މަތީ އަދަދުތަކުން ސާވިސް ޗާޖު ދިން
31 ޖެނުއަރީ 2026

މިވީ މަހެއްހާ ދުވަހުގެ ތެރޭގައި އެންމެ ގިނައިން ސާވިސް ޗާޖު ދިން ރިސޯޓަކަށް، ސާވިސް ޗާޖުގެ ގޮތުގައި 4،300އަށް ވުރެ ގިނަ ޑޮލަރާ އެކު ވެލާ ޕްރައިވެޓް އައިލެންޑް ވެއްޖެ އެވެ.

ވީ ކިހިނެއް؟ - ހައި ސީޒަންގެ 20 ޑިސެމްބަރުން 20 ޖެނުއަރީއާ ހަމައަށް ސާވިސް ޗާޖުގެ ގޮތުގައި ވެލާއިން ވަނީ 4،317 ޑޮލަރު މުވައްޒަފުންނަށް ދީފަ އެވެ. އެއީ ދިވެހި ރުފިޔާއިން ބަލާއިރު 66،740ރ. އެވެ.

ނ. އަތޮޅުގައި ހިންގާ ވެލާ ޕްރައިވެޓް އައިލެންޑަކީ ރާއްޖޭގެ އެންމެ އަގުބޮޑު އެއް ރިސޯޓެވެ.

ތަފްސީލު - 'ދައުރު'އަށް ލިބިފައިވާ ހިސާބުތަކަށް ބަލާއިރު، ވެލާއަށް ފަހު އެ މުއްދަތުގައި އެންމެ ގިނައިން ސާވިސް ޗާޖު ދިނީ ކ. ވޮލްޑޯފް އެސްޓޯރިއާއިންނެވެ. އެއީ 4،117 ޑޮލަރެވެ.

'ރިސޯޓް ވޯކާސް މޯލްޑިވްސް'ގެ ފޭސްބުކް ޕޭޖުން ވެސް ބައެއް ރިސޯޓުތަކުގެ ސާވިސް ޗާޖު މައުލޫމާތު އާންމުކޮށްފައިވާއިރު، މިހާތަނަށް ހުރި ހިސާބުތަކުން 4،000 ޑޮލަރަށް ވުރެ ގިނައިން ސާވިސް ޗާޖު ދިނީ ހަމައެކަނި ވެލާ އާއި ވޮލްޑޯފް އެސްޓޯރިއާއިންނެވެ.

އެންމެ މަތިން ސާވިސް ޗާޖު ދިން 10 ރިސޯޓު:

  • 1-

    ވެލާ - 4317 ޑޮލަރު

  • 2-

    ވޮލްޑޯފް އެސްޓޯރިއާ - 4117 ޑޮލަރު

  • 3-

    ރިޓްޒް ކާލްޓަން ފަރި އައިލެންޑް - 3988 ޑޮލަރު

  • 4-

    ޝެވަލް ބްލޯންކް ރަންދެލި - 3655 ޑޮލަރު

  • 5-

    4 ސީޒަންސް - 3037 ޑޮލަރު

  • 6-

    ޖޯލި މޯލްޑިވްސް - 2650 ޑޮލަރު

  • 7-

    ވަންއެންޑްއޮންލީ ރީތި ރަށް - 2400 ޑޮލަރު

  • 8-

    ޖޯލި ބީން - 2252 ޑޮލަރު

  • 9-

    ސޮނޭވާ ފުށި - 2199 ޑޮލަރު

  • 10-

    ޕާކް ހަޔަޓް - 2026 ޑޮލަރު

އެނގުން މުހިންމު - މިދިޔަ އަހަރުގެ ޖެނުއަރީގައި އެންމެ ގިނައިން ސާވިސް ޗާޖު ދިނީ ރިޓްޒް ކާލްޓަންއިންނެވެ. އެއީ 4،409 ޑޮލަރެވެ.

އޭގެ ކުރިން، 2024 އާއި 2023 ވަނަ އަހަރު އެ ލިސްޓުގައި އެންމެ ކުރީގައި އޮތީ ވޮލްޑޯފް އެސްޓޯރިއާ އެވެ.

ފާހަގަކޮށްލެވޭ ކަމެއް - މިދިޔަ އަހަރުގެ ޖެނުއަރީއާ އަޅާބަލާއިރު މިއަހަރު ރިސޯޓުތަކުން ސާވިސް ޗާޖު ދިން މިންވަރު ޖުމްލަކޮށް ބަލާއިރު ގިނަ އެވެ.

އެގޮތުން، މިދިޔަ އަހަރުގެ 30 ޖެނުއަރީގެ ނިޔަލަށް އޭރު ލިބުނު މައުލޫމާތުގެ އަލީގައި އެކުލަވައިލި ލިސްޓުގައި 4،000 ޑޮލަރަށް ވުރެ ގިނައިން ސާވިސް ޗާޖު ދިނީ އެންމެ ރިސޯޓަކުންނެވެ. އަދި ދެ ވަނައިގައި އޮތް ރިސޯޓުން 2،300 ވަރަކަށް ޑޮލަރު ދިންއިރު، 10 ވަނައިގައި އޮތީ 1،484 ޑޮލަރެވެ.

ނަމަވެސް މިއަހަރުގެ ލިސްޓުގެ 10 ވަނައިގައި ވެސް 2،000 ޑޮލަރަށް ވުރެ މަތިން ދިން ރިސޯޓެއް ހިމެނޭއިރު، 3،000 ޑޮލަރަށް ވުރެ ގިނައިން ދިން ފަސް ރިސޯޓެއް ހިމެނެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް