ފިނޭންސް މިނިސްޓަރު ޒަމީރާއި އޯޕެކް ފަންޑުގެ ރައީސް އަބްދުލް ހާމިދު ހަލީފާ އެއްބަސްވުމުގައި ސޮއިކުރައްވަނީ. (ފޮޓޯ/އޯޕެކް ފަންޑް)

އޯޕެކް

މަޝްރޫއުތަކަށް އެހީ ހޯދަން އޯޕެކް ފަންޑާ އެކު އާ އެއްބަސްވުމެއްގައި ސޮއިކޮށްފި

1977 އިން ފެށިގެން އޯޕެކް ފަންޑުން ރާއްޖެއާ އެކު ބާއްވަމުން އަންނަ ގުޅުމުގެ ތެރެއިން، ތަރައްގީގެ އެކި މަޝްރޫއުތަކަށް 440 މިލިއަނަށް ވުރެ ގިނަ ޑޮލަރު ވަނީ ދީފައި
21 ޖެނުއަރީ 2026

ތަރައްގީގެ މަޝްރޫއުތަކަށް ލުއި ގޮތްތަކެއްގެ ދަށުން ފައިސާ ފޯރުކޮށްދޭ އޯޕެކް ފަންޑާ އެކު އޮތް ގުޅުން ބަދަހިކޮށް، ރާއްޖޭން ހިންގާ މަޝްރޫއުތަކަށް ފައިސާ ހޯދުމަށް އެ ފަންޑާ އެކު އާ އެއްބަސްވުމެއްގައި އިއްުޔެ ސޮއިކޮށްފި އެވެ.

ވީ ކިހިނެއް؟ - އޯޕެކް ފަންޑާ އެކު އާ ކަންޓްރީ ޕާޓްނަޝިޕް ފްރޭމްވޯކް އެއްބަސްވުމެއްގައި ސޮއިކުރެއްވީ އޮސްޓްރިއާގެ ވިއޭނާއަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ކުރައްވަމުންގެންދަވާ ދަތުރުގެ ތެރެއިން އޯޕެކް ފަންޑުގެ މައި މަރުކަޒުގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ. އޯޕެކް ފަންޑުން ސޮއިކުރެއްވީ އެ ފަންޑުގެ ރައީސް އަބްދުލް ހާމިދު ހަލީފާ އެވެ.

ތަފްސީލް - ފިނޭންސް މިނިސްޓްރީން ބުނީ އެ އެއްބަސްވުމުގެ ދަށުން އިސްކަންދޭނެ ދާއިރާތަކަކީ:

  • މޫސުމީ ބަދަލުތަކުން އަރައިގަތުމަށް ކުރެވޭ މަސައްކަތްތައް

  • ދެމެހެއްޓެނިވި އުމްރާނީ ތަރައްގީ

  • އިއާދަކުރަނިވި ހަކަތަ

  • މާލީ ދާއިރާގެ ހަމަޖެހުން 

  • ރަށްރަށުގެ އުމްރާނީ ތަރައްގީއަށް ހިންގާ މަޝްރޫއުތައް

ބުނީ ކީކޭ؟ - ޒަމީރު ވިދާޅުވީ މޫސުމީ ބަދަލުތަކަށް ތައްޔާރުވެ، ދެމެހެއްޓެނިވި އުމްރާނީ ވަސީލަތްތަކެއް ގާއިމުކޮށް، މާލީ ދާއިރާގެ ހަމަޖެހުން ދެމެހެއްޓުމަށް ސަރުކާރުން އިސްކަންދޭ ކަމަށެވެ.

މީގެ އިތުރުން، ރަށްރަށުގެ ތަރައްގީއަށް ކުރާ އިންވެސްޓްމަންޓްތަކުގެ ސަބަބުން ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރަށާއި ރަށު ފެންވަރުގެ އިގްތިސާދުތަކަށް ހެޔޮ ބަދަލުތަކެއް އަންނާނެކަން އޭނާ ފާހަގަކުރެއްވި އެވެ.

"މިއީ ދަތުރުފަތުރާއި ހިދުމަތްތައް ފޯރުކޮށްދިނުމާއި ރަށްރަށުގެ ފެންވަރުގައި އިގްތިސާދީ ފުރުސަތުތައް ފަހިކޮށްދިނުމަށް ނުހަނު ބޭނުންތެރި ކަމެއް،" ޒަމީރު ވިދާޅުވި އެވެ.

"ތަރައްގީވަމުން އަންނަ ކުޑަ ޖަޒީރާ ގައުމެއްގެ ހައިސިއްޔަތުން، މޫސުމީ ބަދަލުތަކާއި ބޭރުގެ އެކި ގޮންޖެހުންތަކާ އަޅުގަނޑުމެން ކުރިމަތިލާންޖެހޭ. އެހެންކަމުން ބަނދަރުތަކާއި ދަތުރުފަތުރުގެ ނިޒާމާއި ފެނާއި ނަރުދަމާގެ އިތުރުން އިއާދަކުރަނިވި ހަކަތަ ފަދަ މުހިންމު މަޝްރޫއުތަކަށް ބޭނުންވާ ދިގު މުއްދަތުގެ ލުއި ލޯނު ހޯދުމަށް މިފަދަ ގުޅުންތަކަކީ ކޮންމެހެން ބޭނުންތެރި ކަމެއް."

އެނގުން މުހިންމު - 1977 އިން ފެށިގެން އޯޕެކް ފަންޑުން ރާއްޖެއާ އެކު ބާއްވަމުން އަންނަ ގުޅުމުގެ ތެރެއިން، ތަރައްގީގެ އެކި މަޝްރޫއުތަކަށް 440 މިލިއަނަށް ވުރެ ގިނަ ޑޮލަރު ވަނީ ދީފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް