މަންޓާ އެއާގެ މަތިންދާބޯޓެއް. (ފޮޓޯ/މަންޓާ އެއާ)
މަންޓާ އެއާއަށް ސިވިލް އޭވިއޭޝަނުން ޑީ1 ރޭޓިން ދީފި
މަންޓާ އެއާގެ މެއިންޓަނެންސް އޯގަނައިޒޭޝަނަށް މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ (އެމްސީއޭއޭ)އިން ޑީ1 ރޭޓިން ދީފި އެވެ.
ވީ ކިހިނެއް؟ - މިއީ މަންޓާ އެއާއިން އެ އެއާލައިންގެ އޮޕަރޭޝަނަލް އަދި ޓެކްނިކަލް ދާއިރާތަކުން ހޯދި ފާހަގަކޮށްލެވޭ ކުރިއެރުންތައް ރަމްޒުކޮށްދޭ ކަމެކެވެ.
ބުނީ ކީކޭ؟ - މަންޓާ އެއާގެ ހެޑް އޮފް އިންޖިނިއަރިން ޕަބްލޯ އަލްވޭސް ވިދާޅުވީ މިއީ އެ އެއާލައިންގެ އިންޖިނިއަރިން ޑިވިޝަނުން ކުރިއަރާފައިވާ މިންވަރު ދައްކުވައިދޭ ކަމެއް ކަމަށެވެ.
"އެންޑީޓީ ހިދުމަތްތައް އިން-ހައުސްކޮށް ކުރެވުމަކީ، އެ ހިދުމަތް އައުޓްސޯސްކޮށްގެން ހޯދަން ކުރާ ހޭދަ އާއި ކްރިޓިކަލް އިންސްޕެކްޝަންތަކަށް ހޭދަކުރަން ޖެހޭ ވަގުތު ވެސް ސަލާމަތް ކުރެވޭނެ ކަމެއް،" އޭނާ ވިދާޅުވި އެވެ.
ތަފްސީލު - އެމްސީއޭއޭގެ ޑީ1 ސެޓްފިކޭޝަނާ އެކު މަންޓާއަށް އެއާކްރާފްޓްގެ ސްޓްރަކްޗާތަކާއި އެކި ބައިތަކަށް 'ނޮން ޑިސްޓްރަކްޓިވް ޓެސްޓިން' (އެންޑީޓީ) ހިދުމަތްތައް ދިނުމުގެ ހުއްދަ ލިބޭނެ އެވެ.
އެއާ އެކު:
-
އެންޑީޓީ ހިދުމަތްތައް އެހެން އޮޕަރޭޓަރުންނަށް ދެވޭނެ
-
ސްޓްރަކްޗަރަލް އިންސްޕެކްޝަންތަކަށް ތިން ވަނަ ފަރާތެއްގެ ރުހުން ހޯދަން ނުޖެހޭނެ
-
ހަރަދާއި ވަގުތު ސަލާމަތް ކުރެވޭނެ
އެންޑީޓީއަކީ އެއާކްރާފްޓްތަކަށާއި އޭގެ ބައިތަކަށް އެއްވެސް ގެއްލުމެއް ނުލިބޭ ގޮތަށް، އެކި މައްސަލަތައް ދެނެގަތުމަށް ކުރާ ކަމެކެވެ.
މަންޓާގެ އެންޑީޓީ ވޯކްޝޮޕަށް ޑީ1 ރޭޓިން ލިބުމާ އެކު އެ އެއާލައިންގެ އަމިއްލަ ފްލީޓުގެ އިތުރުން އެހެނިހެން އެއާލައިންތަކަށް ވެސް އެ ހިދުމަތް ދެވޭނެ ކަމަށް މަންޓާއަށް ބުނެ އެވެ.
އަލަށް ލިބުނު ސެޓްފިކޭޝަނާ އެކު މަންޓާއަށް ދެވޭނެ އެންޑީޓީ ހިދުމަތްތަކަކީ:
-
1-
ލިކުއިޑް ޕެނެޓްރެންޓް އިންސްޕެކްޝަން (ޕީޓީ)
-
2-
އެޑީ ކަރަންޓް ޓެސްޓިން (އީޓީ)
-
3-
އަލްޓްރާސޮނިކް ޓެސްޓިން (ޔޫޓީ)
މަންޓާއިން ބުނީ އެ ހިދުމަތްތަކާ އެކު އެއާކްރާފްޓް ސްޓްރަކްޗާތަކުގެ ސާފަސް، ސަބް ސާފަސް އަދި އިންޓާނަލް މައްސަލަތައް ދެނެގަނެވޭނެ ކަމަށެވެ.
މަންޓާގެ އެންޑީޓީ ވޯކްޝޮޕް ހުންނަނީ ދ. ކުޑަހުވަދޫގައި ހުންނަ އެ އެއާލައިންގެ އެމްއާރުއޯ ފެސިލިޓީގަ އެވެ.
މަންޓާއިން ބުނީ އެ އެއާލައިންގެ ޓެކްނިކަލް ތަޖުރިބާ އާއި ހިދުމަތްތައް މުސްތަގްބަލުގައި އިތުރަށް ފުޅާކުރަމުން އަންނާނެ ކަމަށާއި އެފަދަ ބައެއް ކަންކަން މިއަހަރުގެ ތެރޭގައި ކުރަން ރާވާފައި އެބަހުރި ކަމަށެވެ.