ފިހާރާއެއްގައި ވިއްކަން ބަހައްޓާފައި ހުރި ބައެއް ތަކެތި. (ފޮޓޯ/އެސްއެމްއީ ޑިޖިޓަލް)

އިސްލާމިކް މައިކްރޯ ފައިނޭންސިންއަށް ފޯމު ހުށަހަޅަން ހުޅުވާލައިފި

މި ފައިނޭންސިންގެ ދަށުން 100،000ރ.އާ ހަމައަށް މާލީ އެހީތެރިކަން ލިބޭނެ
15 ޖެނުއަރީ 2026

މޯލްޑިވްސް އިސްލާމިކް ސޯޝަލް ފައިނޭންސިން އިނިޝިއޭޓިވް (މިސްފީ)ގެ ދަށުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ތައާރަފްކުރާ ފުރަތަމަ ޕްރޮޑަކްޓް، 'އިސްލާމިކް މައިކްރޯ ފައިނޭންސިން'އަށް އެޕްލިކޭޝަން ހުށަހެޅުމަށް އެސްއެމްއީ ޑިޖިޓަލް މެދުވެރިކޮށް މިއަދު ހުޅުވާލައިފި އެވެ.

ވީ ކިހިނެއް؟ - މި ފައިނޭންސިންއަށް އެދި ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ އެސްއެމްއީ ޑިޖިޓަލްގެ ވެބްސައިޓުގައި ހިމެނޭ އެސްއެމްއީ ޕޯޓަލް މެދުވެރިކޮށް ހުޅުވާލާފަ އެވެ.

ތަފްސީލް - މި ފައިނޭންސިންގެ ދަށުން 100،000ރ.އާ ހަމައަށް މާލީ އެހީތެރިކަން ލިބޭނެ އެވެ. އެގޮތުން:

  • މިއީ ރާއްޖޭގައި ދޫކުރާ އެންމެ ކުޑަ ރޭޓު ކަމަށްވާ އަހަރަކަށް %2.5 ރޭޓުން ދޫކުރާ ފައިނޭންސިން 

  • ވިޔަފާރި ދެމެހެއްޓެނިވި ގޮތެއްގައި ހިންގޭނެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން 10 އަހަރާ ހަމައަށް އަނބުރާ ދެއްކުމުގެ މުއްދަތު ދޭނެ

  • މި މުއްދަތުގެ ތެރޭގައި 12 މަސްދުވަހާ ހަމައަށް ލިބޭ ގްރޭސް ޕީރިއަޑެއް ހިމެނޭ 

  • މި ފައިނޭންސިންއަށް އެޕްލިކޭޝަން ފީއެއް ނުވަތަ ޕްރޮސެސް ކުރުމަށް އެއްވެސް ފީއެއް ނުނަގާނެ

އިސްލާމިކް މައިކްރޯ ފައިނޭންސިންއަކީ ބޭންކިން ނިޒާމުގެ ތެރެއިން މާލީ އެހީތެރިކަން ހޯދުމުގައި ދަތިތަކާ ކުރިމަތިވާ ފަރާތްތަކަށާއި އަލަށް ވިޔަފާރީގެ މައިދާނަށް ނުކުންނަ ފަރާތްތަކަށް އަމާޒުކޮށްފައިވާ ފައިނޭންސިން އެކެވެ.

އިސްލާމީ އުސޫލުތަކާ އެއްގޮތްވާ ގޮތަށް ދޫކުރާ މި ފައިނޭންސިންއަކީ މީގެ ކުރިން އެއްވެސް ބޭންކަކުން ނުވަތަ މާލީ އިދާރާއަކުން މާލީ އެހީތެރިކަން ލިބިފައި ނުވާ ފަރާތްތަކަށް ހާއްސަކޮށްގެން ހުޅުވާލި ފުރުސަތެކެވެ.

ބުނީ ކީކޭ؟ - "އިސްލާމިކް ސޯޝަލް ފައިނޭންސިންގެ ޒަރީއާއިން އަޅުގަނޑުމެންގެ އަމާޒަކީ ބޭންކުތަކުން ފައިނޭންސިން ހޯދުމަށް ޝަރުތު ހަމަނުވާ ފަރާތްތަކަށް ވެސް ފުރުސަތުތައް ފަހިކޮށްދީ، ހުރިހާ އެންމެން ބައިވެރިވާ މާލީ ނިޒާމެއް ބައްޓަންކުރުން. މިފަދަ މަގުތައް ފަހިވުމުން އެ ފަރާތްތަކުގެ ގާބިލުކަން ދައްކުވައިދިނުމަށް ފުރުސަތު ލިބި، ކުރިމަގުގައި އެފަރާތްތަކުގެ ވިޔަފާރިއަށް ކުރިއެރުން ލިބޭނެ ކަމަށް ބެލެވޭ،" އެސްއެމްއީ ޑިޖިޓަލްގެ ސީއީއޯ ބަދުރުއްދީން ހަސަން ވިދާޅުވި އެވެ.

"މި ފައިނޭންސިންގެ ސަބަބުން އަލަށް ފަށާ ވިޔަފާރިތައް އިތުރުވެ އަދި މިހާރު ވެސް ގޭތެރޭގަ އާއި އަމިއްލައަށް ހިންގާ ކުދި ވިޔަފާރިތަކަށް ރަސްމީ ހައިސިއްޔަތެއް ލިބި، ހަރުދަނާކަމާ އެކު ކުރިއަށް ދިއުމަށް ލިބޭނެ ވަރަށް ބޮޑު ބާރަކަށް ވެގެންދާނެ."

އިތުރު އާޓިކަލް

އިތުރު އާޓިކަލް