މަސް ޕްރޮސެސްކުރުމަށް ބޭނުންވާ ސާމާނާއި ވަސީލަތްތައް އަދި ގުޅުންހުރި މުދާ ގަތުމަށް މި ފައިނޭންސިން ދޭނެ. (ފޮޓޯ/އެސްއެމްއީ ޑިޖިޓަލް)
މަހުގެ ބާވަތްތަކުގެ އުފެއްދުންތައް އިތުރުކުރަން 4 ލައްކަ ރުފިޔާ ނެގޭ ފައިނޭންސް ސްކީމެއް ތައާރަފްކޮށްފި
މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އަމާޒުކޮށް، މަހުގެ ބާވަތްތަކުން ތައްޔާރުކުރާ އުފެއްދުންތައް އިތުރުކޮށް ބާޒާރަށް ނެރުމަށް ބާރުއެޅުމަށް އެސްއެމްއީ ޑިޖިޓަލުން އާ ފައިނޭންސިން ސްކީމެއް މިއަދު ތައާރަފްކޮށްފި އެވެ.
ވީ ކިހިނެއް؟ - 'މަހަ މަންފާ'ގެ ނަން ދީފައިވާ މި ސްކީމަކީ ފިޝަރީޒް މިނިސްޓްރީ އާއި އެސްއެމްއީ ޑިޖިޓަލް ގުޅިގެން އިސްލާމީ އުސޫލުތަކާ އެއްގޮތްވާ ގޮތަށް ދޭ ފައިނޭންސިން ސްކީމެކެވެ.
ތަފްސީލް - މި ފައިނޭންސިންގެ ދަށުން، މަސް ޕްރޮސެސްކުރުމަށް ބޭނުންވާ ސާމާނާއި ވަސީލަތްތައް އަދި ގުޅުންހުރި މުދާ ގަތުމަށް:
-
ރަހުނަކާ ނުލާ 50,000ރ. އާއި 400,000ރ.އާ ދެމެދުގެ އަދަދަކަށް ފައިނޭންސިން ފޯރުކޮށްދޭނެ
-
ވިޔަފާރިތަކަށް ފަސޭހަކޮށްދިނުމުގެ ގޮތުން، މި ފައިނޭންސިން އަނބުރާ ދެއްކުމަށް 6 މަހުގެ ގްރޭސް ޕީރިއަޑެއް ހިމެނޭހެން ގިނަވެގެން 7 އަހަރު ލިބޭނެ
-
މިއީ ރާއްޖޭގައި މިވަގުތު މަސްވެރިންނަށް ދޭ އެންމެ ކުޑަ ރޭޓު ކަމަށްވާ އަހަރަކަށް %6 ރޭޓުން ދޫކުރާ ފައިނޭންސް
މި ސްކީމުގެ މައިގަނޑު މަގްސަދަކީ، އެސްއެމްއީ ޑިޖިޓަލުން ބުނި ގޮތުގައި، މި ދާއިރާގައި ހަރަކާތްތެރިވާ ކުދި ވިޔަފާރިތަކަށް ބޭނުންވާ މާލީ އެހީތެރިކަން ލުއި ފަސޭހަ ގޮތެއްގައި ފޯރުކޮށްދިނުމެވެ. އެގޮތުން:
-
މަސް ކައްކާ ހިއްކުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ އުފެއްދުންތައް ބާޒާރަށް ނެރުމަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހާއްސަ އިސްކަމެއް ދޭނެ
-
ރާއްޖޭގެ އެކި ހިސާބުތަކުގައި ވެލިއު އެޑިޝަންއަށް ބޭނުންވާ ވަސީލަތްތަކާއި މަހުގެ ބާވަތްތަކުން ތައްޔާރުކުރާ އުފެއްދުންތައް ބަންދުކުރުމާއި މަސް ހަލާކުވެދިޔަ ނުދީ ރައްކާކުރެވޭނެ ނިޒާމްތައް ގާއިމްކުރުން ފަދަ ކަންކަމަށް މާލީ އެހީ ލިބޭނެ
ބުނީ ކީކޭ؟ - މިއީ، އެސްއެމްއީ ޑިޖިޓަލްގެ ސީއީއޯ ބަދުރުއްދީން ހަސަން ވިދާޅުވި ގޮތުގައި، ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތް އިތުރަށް ހަރުދަނާކޮށް، ކުދި ވިޔަފާރިތަކުގެ ދައުރު ފުޅާކުރުމަށް އަޅާ މުހިންމު ފިޔަވަޅެކެވެ.
"މި ފައިނޭންސިން ފެސިލިޓީ މެދުވެރިކޮށް މަހުގެ ބާވަތްތަކުން ތައްޔާރުކުރާ އުފެއްދުންތަކުން ވިޔަފާރިތަކަށް އިތުރު ކުރިއެރުންތަކެއް ލިބޭނެ ކަމަށް އުންމީދުކުރަން. މިއީ ވިޔަފާރީގެ އުފެއްދުންތެރިކަން އިތުރުކޮށް، ތަކެތީގެ ފެންވަރު މަތިކުރުމަށް ލިބޭނެ މުހިންމު ފުރުސަތެއް ވެސްމެ،" އޭނާ ވިދާޅުވި އެވެ.
މި ސިނާއަތް ތަރައްގީ ކުރުމަށް ގިނަ މަސައްކަތްތަކެއް ރޭވި، ފުރުސަތުތައް ފަހިކޮށްދެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ މަސްވެރިންނަށް ލިބޭ ނަފާ އިތުރުވެ، މަސްވެރިކަމުގެ އެކްސްޕޯޓް އިތުރުކުރެވޭނެ ކަމަށް ލަފާކުރެވޭ. އަދި ރާއްޖޭގެ މަސްވެރިކަމާއި މަހުގެ އުފެއްދުންތައް ބޭރު ދުނިޔޭގައި މާކެޓު ކުރުމަށް ވެސް މި ސްކީމުން އެހީތެރިވެދޭނެ."