ނަލަ މޯލްޑިވްސް. (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)

ޗަމްޕާ ބްރަދާސް

ޗަމްޕާގެ 11 ވަނަ ރިސޯޓު؛ 5 ތަރީގެ ނަލަ މޯލްޑިވްސް ހުޅުވައިފި

މިއީ ތަފާތު 4 ކެޓަގަރީއަކުން 80 ކޮޓަރި ހިމެނޭ ރިސޯޓެއް؛ އޭގެ ތެރޭގައި ބީޗު ވިލާތަކާއި ބީޗް ޕޫލް ވިލާތަކާއި ޕޫލް ވިލާ ހިމެނޭ
1 ޑިސެމްބަރު 2025

ޅ. އަތޮޅުގައި ހިންގި އިންނަހުރާ މޯލްޑިވްސް ރިސޯޓު ފަސް ތަރީގެ ފެންވަރަށް ތަރައްގީކޮށް 'ނަލަ މޯލްޑިވްސް ބައި ޖާވާކަރަ'އަށް ރީބްރޭންޑް ކުރުމަށް ފަހު މިއަދު އަލުން ހުޅުވައިފި އެވެ.

ވީ ކިހިނެއް؟ - މިއަދު ނަލަ މޯލްޑިވްސްގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ރިސޯޓު ރަސްމީކޮށް ހުޅުވައިދެއްވީ ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ތޯރިގާއި ޗަމްޕާ ބްރަދާސްގެ ޗެއާމަން މުހައްމަދު މޫސާ އެވެ.

މިއީ ކްރައުން އެންޑް ޗަމްޕާ ރިސޯޓްސްގެ 11 ވަނަ ރިސޯޓެވެ.

ނަލަ މޯލްޑިވްސް ހުޚުވުމުގެ ރަސްމިއްޔާތު. (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)

ބުނީ ކީކޭ؟ - އެ ރަސްމިއްޔާތުގައި ކްރައުން އެންޑް ޗަމްޕާ ގްރޫޕުގެ ސީއީއޯ މުހައްމަދު ސޮލާހު ވިދާޅުވީ ނަލަ މޯލްޑިވްސް ތަރައްގީކޮށް އަލުން ހުޅުވުނީ ދެ އަހަރުގެ ބުރަ މަސައްކަތަށް ފަހު ކަމަށެވެ.

ސޮލާހު ވިދާޅުވީ އެ ރިސޯޓު ތަރައްގީކުރީ ލަގްޒަރީ، 5 ސްޓާ އެންޓްރީ ލެވެލްގެ ފެންވަރަށް، ހުރިހާ އޮޕަރޭޝަންތައް ވެސް ދެމެހެއްޓެނިވި ގޮތަކަށް ބައްޓަންކޮށްފައިވާ ރިސޯޓެއްގެ ގޮތުގައި ކަމަށެވެ.

ކްރައުން އެންޑް ޗަމްޕާ ރިސޯޓްސްގެ ސީއީއޯ މުހައްމަދު ސޮލާހު. (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)

ޓޫރިޒަމް މިނިސްޓަރު ތޯރިގު އިބްރާހިމްގެ ވާހަކައިގައި ކްރައުން އެންޑް ޗަމްޕާއަކީ ފަތުރުވެރިކަމުގެ ސިނާއަތުގައި ރާއްޖޭގެ އެންމެ ވަރުގަދަ އަދި އެންމެ އީޖާދީ އެއް ކުންފުނީގެ ގޮތުގައި ވަނީ ފާހަގަކުރައްވާފަ އެވެ.

އޭގެ އިތުރުން، ފަތުރުވެރިކަން ކުރިއެރުވުމުގައި އެ ކުންފުނިން ކުރާ މަސައްކަތް ފާހަގަކުރައްވައި ތޯރިގު ވަނީ އެކަމަށް ޝުކުރު އަދާކުރައްވާފަ އެވެ.

ޓޫރިޒަމް މިނިސްޓަރު ތޯރިގް އިބްރާހިމް. (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)

އެ ރަސްމިއްޔާތުގައި ކްރައުން އެންޑް ޗަމްޕާ ރިސޯޓްސްގެ ޗެއާޕާސަން ސާރާ މޫސާ ވިދާޅުވީ، ނަލަ މޯލްޑިވްސް ތަރައްގީކޮށްފައިވަނީ ހަލުވިކަމާ އެކު ބަދަލުވަމުން އަންނަ، ޒަމާނީ ފަތުރުވެރިކަމުގައި ވާދަކޮށްލެވޭ ފެންވަރުގައި ކަމަށެވެ.

ކްރައުން އެންޑް ޗަމްޕާ ރިސޯޓްސްގެ ޗެއާޕާސަން ސާރާ މޫސާ. (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)

ނަލަ މޯލްޑިވްސް

މިއީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ސީޕްލޭންގައި 35 މިނެޓުން ދެވޭ ހިސާބެއްގައި އޮންނަ ރިސޯޓެކެވެ.

މި ރިސޯޓުގައި ތަފާތު 4 ބާވަތެއްގެ، ޖުމްލަ 80 ކޮޓަރި ހުރެ އެވެ. އޭގެ ތެރޭގައި ހިމެނެނީ:

  • 8 ރޮމޭންޓިކް ބީޗު ވިލާ

  • 20 ސަންރައިސް ބީޗު ވިލާ

  • 22 ސަންސެޓް ބީޗު ޕޫލް ވިލާ

  • 30 އޯޝަން ޕޫލް ވިލާ

ބީޗު ބާތަކާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ކެއުންތަކަށް އިންސާފުކޮށްލެވޭ ރެސްޓޯރެންޓުތަކާ އެކު އެފްއެންބީގެ ޖުމްލަ 7 އައުޓްލެޓް މި ރިސޯޓުގައި ހުރެ އެވެ. އަދި ތަފާތު 8 ބާވަތެއްގެ ޓްރީޓްމަންޓް ލިބޭ ސްޕާއަކާއި މެޑިކަލް ކްލިނިކެއް ވެސް ހުންނާނެ އެވެ.

އޭގެ އިތުރަށް ޓެނިސް، ފުޓްސަލް، ވޮލީ އަދި ބެޑްމިންޓަން ފަދަ ކުޅިވަރު ކުޅޭނެ ތަންތަނާއި އިންޑޯ ކުޅިވަރު ކުޅެވޭ ގޭމް ރޫމެއްގެ އިތުރުން ފަތުރުވެރިންނަށް ކަމުދާނެ ކަހަލަ ވޯޓަ ސްޕޯޓްސްގެ އެކި ހިދުމަތްތައް ވެސް ނަލަ މޯލްޑިވްސްއިން ލިބޭނެ އެވެ.

މި ރިސޯޓަކީ 12 އަހަރުން މަތީގެ ކޮންމެ މީހަކަށް ވެސް އާދެވޭ، 'އެޑަލްޓްސް އޮންލީ' ރިސޯޓެކެވެ. އަދި ކުޑަކުދިންނާ އެކު ޗުއްޓީ ހޭދަކޮށްލަން ބޭނުންވާ ފަތުރުވެރިންނަށް ހާއްސަކޮށްފައިވަނީ މި ރިސޯޓާ ޖެހިގެން، އެއް ފަޅެއްގައި އޮންނަ އަދި ދެ މިނެޓުން ލޯންޗުގައި ދެވޭ ޖާވާކަރަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް