މި ފައިނޭންސިންގެ ދަށުން، ހުރިހާ ދާއިރާއެއް ހިމެނޭހެން މިހާރު ވެސް ހިނގަމުންދާ ވިޔަފާރިތަކުގެ އުފެއްދުންތެރިކަން އިތުރުކުރުމަށް ބޭނުންވާ ހަރުމުދާ ހޯދޭނެ. (ފޮޓޯ/ބީއެމްއެލް)
އެސްއެމްއީ ޑިޖިޓަލްއިން ވިޔަފާރިތަކަށް ހަރުމުދާ ހޯދަން ފައިނޭންސިން ދެނީ
ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ބޭނުންވާ ހަރުމުދާ ހޯދުމަށް ދިމާވާ މާލީ ދަތިތަކަށް ހައްލެއް ހޯދައިދިނުމަށް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ދަށުން ހިންގާ އެސްއެމްއީ ޑިޖިޓަލްއިން އާ ފައިނޭންސިން ޕްރޮޑަކްޓެއް ތައާރަފްކޮށް އެޕްލިކޭޝަން ހުށަހެޅުމަށް މިއަދު ހުޅުވާލައިފި އެވެ.
ވީ ކިހިނެއް؟ - މި ފައިނޭންސިންގެ ދަށުން، ހުރިހާ ދާއިރާއެއް ހިމެނޭހެން މިހާރު ވެސް ހިނގަމުންދާ ވިޔަފާރިތަކުގެ އުފެއްދުންތެރިކަން އިތުރުކުރުމަށް ބޭނުންވާ މެޝިނަރީ، އިކުއިޕްމަންޓް، ވިޔަފާރިއަށް ބޭނުންވާ އެއްގަމު އުޅަނދާއި ކަނޑު އުޅަނދުފަހަރުގައި އިންޖީނު އެޅުން ފަދަ ބޭނުންތަކަށް ފަސޭހަކަމާ އެކު ފައިނޭންސް ލިބޭނެ އެވެ.
މި ފައިނޭންސިންއަށް އެދި ހުށަހެޅުމުގެ ފުރުސަތު ވަނީ އެސްއެމްއީ ޑިޖިޓަލްގެ ވެބްސައިޓުގައި ހިމެނޭ އެސްއެމްއީ ޕޯޓަލް މެދުވެރިކޮށް ހުޅުވާލާފަ އެވެ.
ތަފްސީލް - މި ފައިނޭންސިން ބޭނުންކޮށްގެން ޝަރީއާ އުސޫލުތަކުގެ ތެރެއިން:
-
100،000ރ. އިން ފެށިގެން 5 މިލިއަން ރުފިޔާއާ ހަމައަށް ފައިނޭންސް ދޭނެ
-
އެއްވެސް ރަހުނަކާ ނުލާ މިލިއަނަކާ ހަމައަށް ތަކެތި ގަތުމަށް ފައިނޭންސިން ދޭނެ
-
ފެސިލިޓީ އަނބުރާ ދެއްކުމަށް 6 މަސްދުވަހުގެ ގްރޭސް ޕީރިއަޑެއް ހިމެނޭހެން 7 އަހަރު ލިބޭނެ
-
ރަހުނެއް ހިމެނޭހެން ފެސިލިޓީ ނަގާ ނަމަ އަނބުރާ ދެއްކުމަށް 10 އަހަރު ލިބޭނެ؛ މީގެ ތެރޭގައި އެއް އަހަރުގެ ގްރޭސް ޕީރިއަޑެއް ހިމެނޭ
-
އަހަރަކަށް ފައިދާ ހިސާބުކުރާނީ %9 އާއި %10.5އާ ދެމެދުގައި
ބުނީ ކީކޭ؟ - "މި ފައިނޭންސިންގެ ބޭނުމަކީ ރާއްޖޭގެ އިގުތިސާދަށް އެހީތެރިވެދިނުމާއި ވިޔަފާރިތަކަށް ދިމާވާ މާލީ ގޮންޖެހުންތަކަށް ހައްލެއް ހޯދައިދިނުން. ވިޔަފާރިތަކުން ހަރުމުދާ ގަތުމަށް ކުރިމަތިވާ މާލީ ދަތިތަކަކީ، އެފަރާތްތަކުގެ ކުރިއެރުމަށް ހުރަހަކަށް ވެފައިވާ ކަމެއް،" އެސްއެމްއީ ޑިޖިޓަލްގެ ސީއީއޯ ބަދުރުއްދީން ހަސަން ވިދާޅުވި އެވެ.
"މި ފައިނޭންސިންއާ އެކު، މިހާރު ދިމާވާ ދަތިތަކަށް ފަސޭހަ ހައްލެއް ހޯދައިދެވި، ވިޔަފާރިތަކުގެ އުފެއްދުންތެރިކަން އިތުރުވެ، އާ އިކުއިޕްމަންޓް އަދި މެޝިނަރީގެ އެހީގައި އާ މާކެޓްތަކަށް ވަނުމުގެ ފުރުސަތު ލިބޭނެ."