ދިރާގު ދުވުމުން ފައިސާ ލިބުނު ޖަމިއްޔާތަކުގެ މަންދޫބުން. (ފޮޓޯ/ދިރާގު)

ދިރާގު ދުވުމުން 13 ޖަމިއްޔާއަކަށް 678،800ރ. ހަދިޔާކޮށްފި

ދުވުންތެރިންގެ ފަރާތުން އެންމެ ގިނަ ނޮމިނޭޝަން ލިބުނު 5 ޖަމިއްޔާތަކުގެ ތެރެއިން ކޮންމެ ޖަމިއްޔާއަކަށް ވަނީ 76،831ރ. ހަދިޔާކޮށްފައި
18 ނޮވެމްބަރު 2025

ދިރާގު މޯލްޑިވްސް ރޯޑް ރޭސް (ޑީއެމްއާރުއާރު) މެދުވެރިކޮށް ކުޑަކުދިންގެ ރައްކާތެރިކަމަށް މަސައްކަތްކުރާ 13 ޖަމިއްޔާއަކަށް ޖުމްލަ 678،800ރ. ދިރާގުން ހަދިޔާކޮށްފި އެވެ.

ތަފްސީލް - މިދިޔަ މަހު 24ގައި ހުޅުމާލޭގައި ބޭއްވި ދުވުމުގައި:

  • ރަޖިސްޓަރީ ކުރި އިރު، ކޮންމެ ދުވުންތެރިއަކަށް ވެސް އެ ދުވުންތެރިއަކު އިހްތިޔާރުކުރާ ޖަމިއްޔާއެއް ނޮމިނޭޓްކުރުމުގެ ފުރުސަތު ހުޅުވާލި؛ ދުވުމުގެ ބައިވެރިން އެންމެ ގިނައިން ނޮމިނޭޓްކުރި 5 ޖަމިއްޔާއަކަށް ބަހާލާ ގޮތަށް ޖުމްލަ 200،000ރ. ދިރާގުން ވަނީ ހަދިޔާކޮށްފައި

  • ކޮންމެ ރަޖިސްޓްރޭޝަން ކިޓަކުން 100ރ. އަދި ރީތި ބިބް ނަންބަރު ވިއްކައިގެން ލިބުނު 478،800ރ. ވަނީ ޖަމިއްޔާތަކަށް ހަދިޔާކޮށްފައި

ދުވުންތެރިންގެ ފަރާތުން އެންމެ ގިނަ ނޮމިނޭޝަން ލިބުނު 5 ޖަމިއްޔާތަކުގެ ތެރެއިން ކޮންމެ ޖަމިއްޔާއަކަށް ވަނީ 76،831ރ. ހަދިޔާކޮށްފަ އެވެ. އެއީ:

  • 1-

    ކެންސަރު ސޮސައިޓީ އޮފް މޯލްޑިވްސް

  • 2-

    ޓައިނީ ހާޓްސް އޮފް މޯލްޑިވްސް

  • 3-

    މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަން

  • 4-

    މޯލްޑިވްސް ތެލެސީމިއާ ސޮސައިޓީ

  • 5-

    އެޑްވޮކޭޓިން ފޯ ދަ ރައިޓްސް އޮފް ޗިލްޑްރަން (އާކް)

މީގެ އިތުރުން، މި ރޭހަށް އެންޑޯސްކޮށްފައިވާ އިތުރު 7 ޖަމިއްޔާތަކުގެ ތެރެއިން ކޮންމެ ޖަމިއްޔާއަކަށް ދިރާގުން ވަނީ 36،831ރ. ހަދިޔާކޮށްފަ އެވެ. އެއީ:

  • 1-

    ޗައިލްޑް އެބިއުސް ޕްރިވެންޝަން ސޮސައިޓީ

  • 2-

    ބްލައިންޑް އެންޑް ވިޝުއަލް އިމްޕެއާޑް ސޮސައިޓީ އޮފް މޯލްޑިވްސް

  • 3-

    ކެއާ ސޮސައިޓީ

  • 4-

    މަމްސް އެއިޑް

  • 5-

    ސޮސައިޓީ ފޯ ހެލްތު އެޑިއުކޭޝަން (ޝީ)

  • 6-

    ވީލްޗެއާ އެސޯސިއޭޝަން އޮފް މޯލްޑިވްސް

  • 7-

    ޑައިބެޓީސް ސޮސައިޓީ އޮފް މޯލްޑިވްސް

ބުނީ ކީކޭ؟ - މި އަހަރުގެ ރޭހުގެ އިނާމު ދިނުމަށާއި ޖަމިއްޔާތަކަށް ފައިސާ ހަވާލުކުރުމަށް ބޭއްވި ހަފްލާގައި ދިރާގުގެ ސީނިއަ މެނޭޖަރު، ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ ބިޝާރާ ހަމީދު ވިދާޅުވި ގޮތުގައި، މި ރޭހުގެ ޝިޔާރަކީ އެ ކުންފުނިން އަބަދު ވެސް ހާއްސަ އިސްކަމެއްދޭ ދާއިރާއެއް ކަމަށްވާ ކުޑަކުދިން ހިމާޔަތް ކުރުމާއި ރައްކާތެރިކުރުމެވެ.

"މި މަގުސަދުގެ އިތުރުން، ތިމާވެށި ރައްކާތެރިކުރުމަށް ދިރާގުންދޭ އިސްކަމުގެ ދަށުން، މި އަހަރު ޑީއެމްއާރުއާރު ބޭއްވުމަށް ބޭނުންކުރި ކަރަންޓުގެ މިންވަރު ވަނީ އިއާދަކުރަނިވި ހަކަތަ ބޭނުންކޮށް %100 އޮފް-ސެޓްކޮށްފައި،" އޭނާ ވިދާޅުވި އެވެ.

"ދިރާގު މޯލްޑިވްސް ރޯޑްރޭހަކީ ހަމައެކަނި ދުވުމެއް ނޫން. މިއީ ޓެކްނޮލޮޖީ އަދި ސަސްޓެއިނަބިލިޓީ އިސްކޮށް، ޒިންމާދާރު އަދި މުހިންމު އިޖުތިމާއީ މަގުސަދުތަކެއް ހާސިލު ކުރުމަށް އަޅުގަނޑުމެންނަށް ލިބޭ ފުރުސަތެއް."

ފާހަގަކޮށްލެވޭ - ދިރާގު މޯލްޑިވްސް ރޯޑް ރޭހަކީ ރާއްޖޭގައި ބާއްވާ ފުރަތަމަ އަދި ހަމައެކަނި ބައިނަލްއަގްވާމީ ދުވުމެވެ. މިއީ ވޯލްޑް އެތުލެޓިކްސް ސާޓިފައިޑް ރޭސް ރޫޓަކާ އެކު އެސޯސިއޭޝަން އޮފް އިންޓަނޭޝަނަލް މެރަތަންސް އެންޑް ޑިސްޓަންސް ރޭސަސް (އެއިމްސް) ވޯލްޑް ރަނިން ކަލަންޑަރުގައި ލިސްޓުކޮށްފައިވާ ދުވުމެކެވެ.

މި ދުވުން ދެން ބާއްވާނީ 30 އޮކްޓޫބަރު 2026ގައި ކަމަށް ވެސް ދިރާގުން ވަނީ އިއުލާނުކޮށްފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް