ދިރާގު މޯލްޑިވްސް ރޯޑް ރޭހުގެ އެކި ވަނަތަކަށް ދިޔަ މީހުންނަށް އިނާމު ހަވާލުކުރަނީ. (ފޮޓޯ/ދިރާގު)

ދިރާގު މޯލްޑިވްސް ރޯޑް ރޭހުގެ އިނާމުތައް ހަވާލުކޮށްފި

އިއްޔެ ބޭއްވި ހާއްސަ ހަފްލާއެއްގައި، ޖުމްލަ 256،000ރ.ގެ ފާއިސާގެ އިނާމު ވަނީ ދީފައި
14 ނޮވެމްބަރު 2025

ދިރާގު މޯލްޑިވްސް ރޯޑް ރޭސް (ޑީއެމްއާރުއާރު) 2025ގެ ވަނަތަކަށް ދިޔަ ފަރާތްތަކަށް ދިރާގުން އިއްޔެ އިނާމު ހަވާލުކޮށްފި އެވެ.

ތަފްސީލް - އިއްޔެ ބޭއްވި ހާއްސަ ހަފްލާއެއްގައި، ޖުމްލަ 256،000ރ.ގެ ފާއިސާގެ އިނާމު ވަނީ ދީފަ އެވެ. އެގޮތުން:

  • 21.1K ކެޓެގަރީގެ ޗެމްޕިއަންއަށް 25,000ރ.ގެ ފައިސާގެ އިނާމު ދިރާގުން ހަދިޔާކުރި؛ ރަނަރަޕްއަށް 15,000ރ. އަދި ސެކަންޑް ރަނަރަޕްއަށް 10,000ރ.

  • 10K ،5K އޯޕަން އަދި 5K ކޯޕަރޭޓް ކެޓެގަރީތަކުގެ ޗެމްޕިއަނުންނަށް 10,000ރ.؛ ރަނަރަޕްއަށް 8,000ރ. އަދި ސެކަންޑް ރަނަރަޕްއަށް 6,000ރ.

  • 5K ސްކޫލް ކެޓެގަރީގެ ވަނަތައް ހާސިލްކުރި ދަރިވަރުންނަށް ވަނީ ހާއްސަ ގިފްޓް ވައުޗަރު ހަވާލުކޮށްފައި؛ އެއީ ޗެމްޕިއަނުންނަށް 5,000ރ.، ރަނަރަޕްއަށް 3,000ރ. އަދި ސެކްންޑް ރަނަރަޕްއަށް 1,000ރ.

މީގެ އިތުރުން، އެ ހަފްލާގައި ދިރާގުން ވަނީ 21.1K އަދި 10K ކެޓެގަރީތަކުން 45-50 އަހަރު، 51-55 އަހަރު، 56-60 އަހަރު އަދި 61-65 އަހަރުގެ އުމުރުފުރާތަކުން 1 ވަނަ، 2 ވަނަ އަދި 3 ވަނައަށް ދިޔަ ފަރާތްތަކުގެ އަގުވަޒަންކޮށް ހާއްސަ ސެޓްފިކެޓް ހަވާލުކޮށްފަ އެވެ.

ދިރާގުން ވަނީ ޖުމްލަ 678،800ރ. ރޯޑް ރޭހުގެ އެންޑޯސްޑް ޖަމިއްޔާތަކަށް ވެސް ހަދިޔާކޮށްފަ އެވެ. އެގޮތުން:

  • ރޭހުގެ ބައިވެރިން އެންމެ ގިނައިން ނޮމިނޭޓްކުރި ފަސް ޖަމިއްޔާއަކަށް ޖުމްލަ 200،000ރ. ފައިސާގެ އިނާމު ދިރާގުން ދިން 

  • ބައިވެރިންގެ ރަޖިސްޓްރޭޝަން ފައިސާގެ ބަޔަކާއި ހާއްސަ ބިބް ނަމްބަރު ވިއްކައިގެން ލިބުނު ފައިސާ ވަނީ ރޯޑް ރޭހުގެ އެންޑޯސްޑް 13 ޖަމިއްޔާއަކާ ހަވާލުކޮށްފައި

މި ހަފްލާގައި ދިރާގުން ވަނީ އަންނަ އަހަރުގެ ދިރާގު މޯލްޑިވްސް ރޯޑް ރޭސް 30 އޮކްޓޫބަރު 2026ގައި ބާއްވާނެކަން ވެސް އިއުލާނުކޮށްފަ އެވެ.

ބުނީ ކީކޭ؟ - ދިރާގުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިސްމާއިލް ރަޝީދު ވިދާޅުވީ ދިރާގު މޯލްޑިވްސް ރޯޑްރޭހަކީ ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ދުވުމުގެ އިތުރުން، ކުޑަކުދިންގެ ހައްގުތަށް ރައްކާތެރިކުރުމުގެ ޝިއާރުގައި ހިންގާ އަދި މިކަމަށް މަސައްކަތްކުރާ ގިނަ ޖަމިއްޔާއަކަށް މަންފާ ލިބޭ ބޮޑު އިޖްތިމާއީ ހަރަކާތެއް ކަމަށެވެ.

"މި ދުވުން ރަމްޒުކޮށްދެނީ މުޖުތަމައުގެ އެއްބައިވަންތަކަމާއި އެންމެންގެ ބައިވެރިވުން އަދި ދެމެހެއްޓެނިވި ވެށްޓެއް ކަށަވަރުކުރުމަށް އަޅުގަޑުމެން ކުރަމުން އަންނަ މަސައްކަތް،" އޭނާ ވިދާޅުވި އެވެ.

"ދިރާގު މޯލްޑިވްސް ރޯޑް ރޭހުގެ ބައިވެރިން އަދި އެހީތެރިވެދެއްވި ފަރާތްތަކުން މި މިކަމަށް ދެއްވާ ތަރުހީބަށާ އަދި މިއަހަރުގެ ދިރާގު މޯލްޑިވްސް ރޯޑް ރޭހަކީ ކާމިޔާބު ރެކޯޑް ރޭހަކަށް ހެއްދެވުމަށް ދެއްވި އެއްބާރުލެއްވުމަށް ޝުކުރު ދަންނަވަން."

ފާހަގަކޮށްލެވޭ - ދިރާގު މޯލްޑިވްސް ރޯޑް ރޭހަކީ ރާއްޖޭގައި ކޮންމެ އަހަރަކު ބާއްވާ އެންމެ ބޮޑު ދުވުމުގެ އިވެންޓެވެ.

މި އަހަރު ބޭއްވި މި ދުވުމުގެ 16 ވަނަ އެޑިޝަން ބާއްވާފައި ވަނީ މިދިޔަ މަހު 24ގައި ހުޅުމާލެ ސެންޓްރަލް ޕާކުގަ އެވެ. އެގޮތުން:

  • 4،500އަށް ވުރި ގިނަ ބައިވެރިން މި ދުވުމަށް ރަޖިސްޓްރީކުރިއިރު، 44 ގައުމެއްގެ ދުވުންތެރިން ބައިވެރިވި 

  • 28 ސްކޫލާއި 128 ކޯޕަރޭޓް ޓީމް ބައިވެރިވި 

  • މިއަހަރުގެ ރޭހުގައި އިއާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން ވަނީ ހާއްސަ ލަނޑުދަނޑިއެއް ހާސިލުކޮށްފައި؛ ދުވުން ބޭއްވުމަށް ބޭނުންކުރި ކަރަންޓުގެ މިންވަރު ގްރިޑް-ޓައިޑް ސޯލާ ސިސްޓަމް މެދުވެރިކޮށް ވަނީ %100 އޮފް-ސެޓްކޮށްފައި

ޑީއެމްއާރުއާރަކީ ވޯލްޑް އެތުލެޓިކްސް ސާޓިފައިޑް ރޭސް ރޫޓަކާ އެކު އެސޯސިއޭޝަން އޮފް އިންޓަނޭޝަނަލް މެރަތަންސް އެންޑް ޑިސްޓަންސް ރޭސަސް (އެއިމްސް) ވޯލްޑް ރަނިން ކަލަންޑަރުގައި ލިސްޓުކޮށްފައިވާ ރާއްޖޭގެ ހަމައެކަނި ބައިނަލްއަގްވާމީ ދުވުމެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް