ފެޑޯ އާއި ދިވެހި އިންވެސްޓްމަންޓް ޕާޓްނާސްގެ އޮފިޝަލުން. (ފޮޓޯ/ޑީޕީއައި)

ފެޑޯއިން ރާއްޖޭގެ ފުރަތަމަ ކޮންސްޓްރަކްޝަން ބޮންޑުން 48.9 މިލިއަން ހޯދައިފި

މި ބޮންޑް ނެރުމުގެ މަސައްކަތް ރާވައި ހިންގާފައިވަނީ ރާއްޖޭގެ ލައިސަންސް ލިބިފައިވާ އިންވެސްޓްމަންޓް މެނޭޖްމަންޓް އަދި އެޑްވައިޒަރީ ކުންފުންޏެއް ކަމަށްވާ ދިވެހި އިންވެސްޓްމަންޓް ޕާޓްނާސް (ޑީއައިޕީ)ން
22 ސެޕްޓެމްބަރު 2025

ރާއްޖޭގެ އިމާރާތް ކުރުމުގެ ދާއިރާގައި ހަރަކާތްތެރިވާ ކުންފުންޏަކުން ދޫކުރި ފުރަތަމަ ބޮންޑް، ފެޑޯ ޕްރައިވެޓް ލިމިޓެޑިން ކާމިޔާބުކަމާ އެކު ނެރެ، 48.9 މިލިއަން ރުފިޔާ ހޯދައިފި އެވެ.

ވީ ކިހިނެއް؟ - 'ވިޔަނަ' ޕްލެޓްފޯމް މެދުވެރިކޮށް ޕްރައިވެޓް ޕްލޭސްމަންޓެއްގެ ގޮތުގައި ނެރެފައިވާ މި ބޮންޑަށް މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހާއި އިންޝުއަރަންސް ކުންފުނިތައް ހިމެނޭ ގޮތަށް އިންސްޓިޓިއުޝަނަލް އިންވެސްޓަރުންނާއި ރީޓެއިލް އިންވެސްޓަރުންގެ ފަރާތުން ވަރަށް ބޮޑު ތަރުހީބެއް ލިބުނެވެ.

މިއީ %8.5ގެ އިންޓަރެސްޓް ލިބޭ 5 އަހަރުގެ ބޮންޑެކެވެ.

ތަފްސީލް - މި ބޮންޑް ނެރުމުގެ މަސައްކަތް ރާވައި ހިންގާފައިވަނީ ރާއްޖޭގެ ލައިސަންސް ލިބިފައިވާ އިންވެސްޓްމަންޓް މެނޭޖްމަންޓް އަދި އެޑްވައިޒަރީ ކުންފުންޏެއް ކަމަށްވާ ދިވެހި އިންވެސްޓްމަންޓް ޕާޓްނާސް (ޑީއައިޕީ) އިންނެވެ. އެގޮތުން، ލީޑް އެރޭންޖަރެއްގެ ހައިސިއްޔަތުން، ޑީއައިޕީން މި މުއާމަލާތް އެކުލަވާލުމާއި ތަންފީޒުކުރުމުގައި މައިގަނޑު ދައުރެއް އަދާކޮށްފައިވެ އެވެ. 

ފާހަގަކޮށްލެވޭ - މި ތާރީހީ ކާމިޔާބީއާ އެކު ފެޑޯއިން ވަނީ ރާއްޖޭގެ ކެޕިޓަލް މާކެޓްގައި އާ ސަފުހާއެއް ހުޅުވާލާފަ އެވެ. އެގޮތުން، މިއީ އިމާރާތް ކުރުމުގެ ދާއިރާގައި ހަރަކާތްތެރިވާ ކުންފުންޏަކުން ބޮންޑެއް ނެރުނު ފުރަތަމަ ފަހަރެވެ.

ފެޑޯއިން މި ބޮންޑް ނެރުމުގެ ސަބަބުން ކުރިއަށް އޮތް ތަނުގައި އެހެން ކުންފުނިތަކަށް ވެސް ކެޕިޓަލް މާކެޓް މެދުވެރިކޮށް ފައިނޭންސިން ހޯދުމުގެ މަގު ހުޅުވިގެންދާނެ އެވެ.

މިއީ ވިޔަފާރި މަޝްރޫއުތަކަށް ފައިނޭންސް ހޯދުމުގައި ރާއްޖޭގެ ކެޕިޓަލް މާކެޓްގެ ދައުރު އިތުރުވަމުން އަންނަކަން ހާމަކޮށްދޭ ކަމެކެވެ. އަދި އަމިއްލަ ވިޔަފާރިތަކަށް އެ ފަރާތްތަކުގެ ފަންޑިން ބޭސް ފުޅާކުރުމަށް ލިބޭ ފުރުސަތެކެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް