ސީ-މީ-ވީ 6 ސަބްމެރިން ކޭބަލް ނިޒާމުގެ ބައްދަލުވުމުގެ ތެރެއިން. (ފޮޓޯ/ދިރާގު)

ދިރާގު

ދިރާގުން ސީ-މީ-ވީ 6 ސަބްމެރިން ކޭބަލް ނިޒާމުގެ ބައްދަލުވުން ރާއްޖޭގައި ބާއްވައިފި

ސީ-މީ-ވީ 6 ކޮންސޯޓިއަމްގައި ދުނިޔޭގެ އެންމެ ވަރުގަދަ ޓެލެކޮމިއުނިކޭޝަން އަދި ޑިޖިޓަލް ހިދުމަތްތައް ފޯރުކޮށްދޭ ކުންފުނިތައް ހިމެނޭ
11 ސެޕްޓެމްބަރު 2025

ދިރާގުން އިންތިޒާމްކޮށްގެން، ސީ-މީ-ވީ 6 ގްލޯބަލް ކޮންސޯޓިއަމް ބައްދަލުވުން ރާއްޖޭގައި ބާއްވައިފި އެވެ.

ވީ ކިހިނެއް؟ - މި މަހު 7 އިން މިއަދަށް މާލޭގައި ބޭއްވިމި ބައްދަލުވުމުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން މުހިންމު ފަރާތްތަކުން ބައިވެރިވެ، ސީ-މީ-ވީ 6 ސަބްމެރިން ކޭބަލް ސިސްޓަމްގެ ކުރިމަގާއި ރާވައިފައިވާ ކަންކަމާ ބެހޭ ގޮތުން ވަނީ މަޝްވަރާކޮށްފަ އެވެ.

ތަފްސީލް - ސީ-މީ-ވީ 6 ސަބްމެރިން ކޭބަލް ނިޒާމަކީ ދެކުނު އިރުމަތީ އޭޝިއާ، މެދު އިރުމަތި އަދި ހުޅަނގު ޔޫރަޕް ގުޅުވައިދޭ ބައިނަލްއަގުވާމީ ގުޅުންތައް ހަރުދަނާ ކުރުމަށް ފަރުމާކޮށްފައިވާ މުހިންމު އިންފްރާސްޓްރަކްޗަ މަޝްރޫއެކެވެ.

މި ޒަމާނީ ކޭބަލް ނިޒާމުގެ ސަބަބުން ހައި ސްޕީޑް އިންޓަނެޓް އަދި ފެންވަރު ރަނގަޅު މުވާސަލާތީ ހިދުމަތްތައް އެތައް މިލިއަން ބަޔަކަށް ލިބިގެންދާނެ އެވެ.

ދިރާގުގެ މި ބޮޑު އިންވެސްޓްމެންޓްގެ ސަބަބުން ދެކުނު އޭޝިއާ، މެދު އިރުމަތި އަދި ޔޫރަޕްގެ މުހިންމު އިންޓަނެޓް އެކްސްޗޭންޖް ޕޮއިންޓްތަކާއި ޑޭޓާ ސެންޓަރުތަކުގެ ހިދުމަތްތައް ރާއްޖެއަށް ލިބި، ޑިޖިޓަލް އިގްތިސާދަށް ބޭނުންވާ މުހިންމު ހިދުމަތްތައް ލިބޭނެކަން އެ ކުންފުނިން ފާހަގަކުރި އެެވެ.

ސީ-މީ-ވީ 6 ކޮންސޯޓިއަމްގައި ދުނިޔޭގެ އެންމެ ވަރުގަދަ ޓެލެކޮމިއުނިކޭޝަން އަދި ޑިޖިޓަލް ހިދުމަތްތައް ފޯރުކޮށްދޭ ކުންފުނިތައް ހިމެނެ އެވެ. އޭގެ ތެރޭގައި:

  • ބިޔޯން ބީއެސްސީ (ބަޓެލްކޯ، ބަހްރެއިން) 

  • ބަންގްލަދޭޝް ސަބްމެރިން ކޭބަލްސް ޕްރައިވެޓް ލިމިޓެޑް (ބީއެސްސީސީއެލް، ބަންގްލަދޭޝް) 

  • ބާރުތީ އެއާޓެލް ލިމިޓެޑް (އިންޑިއާ) 

  • ޗައިނާ ޔުނައިޓެޑް ނެޓްވޯކް ކޮމިއުނިކޭޝަންސް ގްރޫޕް ކޮމްޕެނީ ލިމިޓެޑް (ޗައިނާ ޔުނިކޮމް) 

  • ޖިބޫޓީ ޓެލެކޮމް 

  • މައިކްރޮސޮފްޓް (އެމެރިކާ) 

  • މޮބިލީ (ސައޫދީ އަރަބިއްޔާ) 

  • އޮރެންޖް (ފްރާންސް) 

  • ޕީސީސީޑަބްލިއު ގްލޯބަލް 

  • ސިންޓެލް (ސިންގަޕޫރު) 

  • ސްރީލަންކާ ޓެލެކޮމް 

  • ޓެލެކޮމް އިޖިޕްޓް 

  • ޓެލެކޮމް މެލޭޝިއާ 

  • ޓެލިން (އިންޑޮނޭޝިއާ) 

  • ޓްރާންސް ވޯލްޑް އެސޯސިއޭޓްސް (ޕާކިސްތާން)

ބުނީ ކީކޭ؟ - ސީ-މީ-ވީ 6 ކޮންސޯޓިއަމްގެ ބައިވެރިންނަށް މަރުހަބާ ކިއުމަށް ބޭއްވި ހަފްލާގައި ދިރާގުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިސްމާއިލް ރަޝީދު ވަނީ މި ކޮންސޯޓިއަމްގެ ބައިވެރިންގެ އަގުހުރި މަސައްކަތް ފާހަގަކުރައްވައި އެ ފަރާތްތަކުން ދެމުން އަންނަ އެއްބާރުލުމަށް ޝުކުރު އަދާކުރައްވާފަ އެވެ.

މީގެ އިތުރުން، މި މަޝްރޫއަކީ ދިރާގުން ވަރަށް ބޮޑު އަހަންމިއްޔަތުކަމެއް ދޭ ޕްރޮޖެކްޓެއްކަން ފާހަގަކުރައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ޑިޖިޓަލް ޓްރާންސްފޮމޭޝަން ކުރިއަރައި ރާއްޖޭގެ ހުރިހާ ކަންކޮޅުތަކުގައި އިގްތިސޯދު އިތުރަށް ތަރައްގީކުރުމަށް މަގުފަހިވެގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް