ބީއެމްއެލްގެ ސީއީއޯ ޝަރީފް (ކ) އާއި ބާސްކެޓް ޖަމިއްޔާގެ ރައީސް އަހުމަދު އާދަމް އެއްބަސްވުން ބަދަލުކުރައްވަނީ. (ފޮޓޯ/ބީއެމްއެލް)
ބީއެމްއެލްއިން ބާސްކެޓްބޯޅަ ޖަމިއްޔާއާ އެކު 5 އަހަރުގެ އެއްބަސްވުމެއް؛ އެރީނާއެއް އަޅައިދެނީ
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ރާއްޖޭގައި ބާސްކެޓްބޯޅަ ކުރިއެރުވުމަށް މޯލްޑިވްސް ބާސްކެޓްބޯޅަ އެސޯސިއޭޝަން (އެމްބީއޭ)އާ އެކު ފަސް އަހަރުގެ އެއްބަސްވުމެއްގައި މިއަދު ސޮއިކޮށް، އިންޑޯ ބާސްކެޓްބޯޅަ އެރީނާއެއް ތަރައްގީކުރުމަށް އެހީތެރިވެދޭން ނިންމައިފި އެވެ.
ވީ ކިހިނެއް؟ - މި އެއްބަސްވުމުގެ ދަށުން، ބާސްކެޓްބޯޅަ ކުޅުންތެރިންނާއި ގައުމީ ޓީމުގެ ތަމްރީނުތަކަށް ބޭނުންކުރެވޭނެ ފެންވަރު ރަނގަޅު އިންޑޯ ބާސްކެޓްބޯޅަ އެރީނާއެއް ތަރައްގީކުރުމަށް ބީއެމްއެލް އިން އެހީތެރިވެދޭނެ އެވެ.
ތަފްސީލް - ބީއެމްއެލް އިން ބުނި ގޮތުގައި، މި އެރީނާގެ ސަބަބުން:
-
ބާސްކެޓްބޯޅަ ގައުމީ ޓީމާއި ބާސްކެޓްބޯޅަ ކުޅުންތެރިންގެ ޕްރެކްޓިސްއަށް ހާއްސަ ތަނަކަށް އެ އެރީނާ ވާނެ
-
ރާއްޖޭގެ އެންމެ ފާހަގަކޮށްލެވޭ ބާސްކެޓްބޯޅަ ދެ މުބާރާތް ކަަމަށްވާ ނެޝަނަލް ބާސްކެޓްބޯޅަ ލީގާއި ނެޝަނަލް 3 އޮން 3 ލީގަށް އެހީތެރިކަން ފޯރުކޮށްދޭނެ
ބުނީ ކީކޭ؟ - ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވި ގޮތުގައި، މި އެއްބަސްވުމުން ދައްކުވައިދެނީ ރާއްޖޭގައި ކުޅިވަރުގެ ހުނަރު ހަރުދަނާކޮށް، ހުނަރުވެރި ކުޅުންތެރިން ކުރެއެރުވުމަށް ބޭންކުންދޭ އަހުމިއްޔަތުކަމެވެ.
"ރާއްޖޭގެ ޒުވާނުންގެ މެދުގައި ކުޅިވަރުގެ ހުނަރު ތަރައްގީގުކުރުމަށް ގިނަ މަސައްކަތްތަކެއް މިހާރު ވެސް ކުރަމުންދާ ބޭންކެއްގެ ހައިސިއްޔަތުން، ރާއްޖޭގައި މަގުބޫލުކަން އިތުރުވަމުންދާ ކުޅިވަރެއް ކުރިއެރުވުމަށް މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަނާ އެކު އެއްބަސްވުމަކީ އަޅުގަނޑުމެންނަށް ލިބޭ ފަހުރެއް،" އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުގެ އުންމީދަކީ ރާއްޖޭގެ ބާސްކެޓްބޯޅަ ކުޅުންތެރިން މުޅިން އާ ހަރުފަތަކަށް ދިއުން."
މޯލްޑިވްސް ބާސްކެޓްބޯޅަ އެސޯސިއޭޝަންގެ ރައީސް އަހުމަދު އާދަމް ވިދާޅުވީ ބާސްކެޓުގެ ހުނަރުވެރި ކުޅުންތެރިން އިތުރަށް ކުރިއެރުވުމަށް ބީއެމްއެލްއާ ގުޅުމަކީ އެ އެސޯސިއޭޝަނަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.
"ބީއެމްއެލް ފާހަގަކުރެވެނީ ރާއްޖޭގައި އެކި ކުޅިވަރު ކުރިއަރުވައި އެތުލީޓުންނަށް ފުރުސަތު ހޯދައިދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ބޭންކެއްގެ ގޮތުގައި. މި އެއްބަސްވުމާ އެކު އަޅުގަނޑުމެންގެ އެތުލީޓުންނަށް ވެސް އިތުރަށް ފުރުސަތުތައް ފަހިވެ، އިތުރު ކާމިޔާބީތައް ހޯދުމުގެ ފުރުސަތު ވެސް ލިބިގެންދާނެ،" އޭނާ ވިދާޅުވި އެވެ.