މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އޮޑިޓަރުންގެ ފޯރަމް (ފޮޓޯ/ސީއޭ މޯލްޑިވްސް)

އޮޑިޓް ދާއިރާ

އޮޑިޓަރުން އެއްވެ ފުރަތަމަ ފަހަރަށް ފޯރަމެއް ބާއްވައިފި

މި ފޯރަމްގެ ސަބަބުން އޮޑިޓަރުންނަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރަން ބާރަކަށް ވާނެ ކަމަށް ސީއޭ މޯލްޑިވްސްއިން ބުނޭ
20 ޖުލައި 2025

ރާއްޖޭގެ އޮޑިޓް ދާއިރާގެ ފެންވަރު މަތިކުރުމަށާއި އާ ހިޔާލުތައް ތައާރަފްކުރުމަށް، އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓެންޓްސް (ސީއޭ) މޯލްޑިވްސްއިން އިންތިޒާމްކޮށްގެން ފުރަތަމަ އޮޑިޓަރުންގެ ފޯރަމެއް އިފްތިތާހުކޮށްފި އެވެ. 

ވީ ކިހިނެއް؟ - އެ ފޯރަމް އިފްތިތާހުކުރީ އިއްޔެ އެވެ. އެ ފޯރަމް އިފްތިތާހުކޮށްދެއްވީ ސީއޭ މޯލްޑިވްސްގެ ރައީސް މުހައްމަދު ހަލީމް އަބްދުﷲ އެވެ.

ތަފްސީލް - ސީއޭ މޯލްޑިވްސްއިން ބުނީ އެ ފޯރަމްގެ ބޭނުމަކީ އޮޑިޓް އަދި އެޝުއަރެންސް ހިދުމަތްތަކުގެ ފެންވަރު މަތިކުރުމަށް ރާއްޖެއިން ކުރަމުން އަންނަ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރުން ކަމަށެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އޮޑިޓަރުންގެ ފޯރަމް
އޮޑިޓަރުންގެ ފޯރަމް

މިއީ އެ ރޮގުން ހާސިލްކުރެވުނު މުހިންމު ކަމެއްގެ ގޮތުގައި ސީއޭއިން ފާހަގަކުރި އެވެ. 

"އޮޑިޓް ދާއިރާގެ ފެންވަރު ރަނގަޅުކުރަން އާ ގޮތްތައް ތައާރަފްކޮށް އިތުބާރު އިތުރުކުރުން" މި ޝިއާރުގެ ދަށުން ބޭއްވި އެ ފޯރަމްގައި 100 އަށްވުރެ ގިނަ މީހުން ބައިވެރިވެފައިވެ އެވެ.

ހަލީމުގެ ވާހަކައިގައި ވަނީ އޮޑިޓަރުންނަށް ހާއްސަ ޕްލެޓްފޯމްތަކެއް ގާއިމްކުރުމުގެ މުހިންމުކަން ފާހަގަކުރައްވައިފަ އެވެ. އެގޮތުން ވިދާޅުވީ:

  • އެކަމުގެ ސަބަބުން މައުލޫމާތު ހިއްސާކުރުމާއި ދިމާވާ ގޮންޖެހުންތަކަށް ހައްލު ހޯދޭނެ 

  • މުސްތަގުބަލުގައި ކުރިމަތިވާނެ ކަންކަމަށް ތައްޔާރުވުމަށް އެހީތެރިވާނެ 

ފޯރަމް ފެއްޓެވުމުގެ ގޮތުން ޒިޔަތު ވާހަކަ ދައްކަވަނީ

ފޯރަމްގެ ޝަރަފުވެރި މެހެމާންގެ ގޮތުގައި ބައިވެރިވި ކުރީގެ އޮޑިޓާ ޖެނެރަލް އަދި ސީއޭ މޯލްޑިވްސްގެ ކުރީގެ ރައީސް ހަސަން ޒިޔަތު ވިދާޅުވީ، އޮޑިޓަރުން މިހާރު ކުރަމުންދާ މަސައްކަތުގެ އިތުރުން، އިދާރާތަކަށް މަގުދައްކައިދޭ ލީޑަރުންގެ ގޮތުގައި މަސައްކަތްކުރުމަށް ގޮވާލެއްވި އެވެ. 

އެކަން ހާސިލްކުރަން އޮޑިޓަރުން މަގުސަދެއްގައި މަސައްކަތްކުރުމާއި އަހުލާގު އަދި ނަތީޖާގެ މުހިންމުކަން ޒިޔަތު ފާހަގަކުރެއްވި އެވެ. އަދި އޭނާ ވިދާޅުވީ އެ ފޯރަމަކީ އޮޑިޓް ދާއިރާގެ ތާރީހުގައި ފާހަގަކޮށްލެވޭ މުހިންމު މަސައްކަތެއް ކަމަށެވެ. 

ފޯރަމްގައި ވާހަކަ ދައްކަވަނީ

އެ ފޯރަމްގައި ދާއިރާގެ ފަންނީ މާހިރުންގެ ޕެނަލް މަޝްވަރާތަކެއް ކުރިއަށް ގެންދިޔަ އެވެ. މަޝްވަރާކުރި ކަންކަމުގެ ތެރޭގައި:

  • އެސްއޯއީ އޮޑިޓްތަކާއި އޭގެ ފެންވަރު ބެލުން 

  • ޕްރޮފެޝަނަލް ހިދުމަތްތަކުގެ އަގު ކަނޑައެޅުން 

ޕެނަލް މަޝްވަރާތަކުގެ އިތުރުން، ޑީލޮއިޓް، ކޭޕީއެމްޖީ، އަދި އާނެސްޓް އެންޑް ޔަންގް ފަދަ ސަރަހައްދީ މަޝްހޫރު ކުންފުނިތަކުގެ ތަޖުރިބާކާރުންގެ ވާހަކަދެއްކެވި އެވެ. މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ތަޖުރިބާކާރުން ވެސް ބައިވެރިވި އެވެ. އެގޮތުން އެބޭފުޅުންވަނީ: 

  • އޮޑިޓްގެ ފެންވަރު މަތިކުރުމާއި، އެންޓި-މަނީ ލޯންޑްރިން، ތިމާވެށި، ސޯޝަލް އެންޑް ގަވަނަންސް (އީއެސްޖީ) އަދި އަލަށް ތައާރަފްވަމުންދާ ޓެކްނޮލޮޖީތަކާ ގުޅޭ ގޮންޖެހުންތަކާ ބެހޭގޮތުން ސެޝަންތަކުގައި މަޝްވަރާކުރި

އެ ފޯރަމް ނިންމާލެއްވީ ސީއޭ މޯލްޑިވްސްގެ ކައުންސިލް މެންބަރު އަލީ މުއާޒެވެ. އޭނާގެ ވާހަކައިގައި އޮޑިޓަރުންގެ ގާބިލުކަން އިތުރުކުރުމަށް ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތަށް މަސައްކަތްކުރުމުގައި ސީއޭ މޯލްޑިވްސްއިން ދެމިތިބޭނެކަމުގެ ޔަގީންކަން ދެއްވި އެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް