ވިލާ ނޮޓިކާ ޕެރެޑައިސްގެ އިންފިނިޓީ ސްވިމިން ޕޫލް: ހިތްގައިމު ތަނެއް
ވިލާ ނޮޓިކާގެ މި ރީތި ޕޫލަށް ޓޫރިސްޓުންގެ ހިތް ދަމައިގެންފި، ނަތީޖާއަކީ އެވޯޑް ލިބުން
އެ ޕޫލުގެ ފަރުމާކުރުމާއި ކުލަތައް ގޮސް ރިސޯޓްގެ މަޑު ނޫ ކުލައިގެ މޫދާއި ކުރިމަތިން ދެމިފައި އޮތް ހުދު ދޮންވެލިގަނޑާ ގުޅުމުން އެ އުފެދޭ ރީތިކަމަށް ބަސް ހުއްޓެ އެވެ.
ވިލާ ނޮޓިކާ ޕެރެޑައިސްގައި ޗުއްޓީ ހޭދަކުރަން ދާ ޓޫރިސްޓުންގެ ހިތް އެ ހިތްގައިމު ސްވިމިން ޕޫލަށް ލިބި، އޭގެ ނަތީޖާ ވެސް މިހާރު މި އޮތީ ފެނިފަ އެވެ. ޓްރެވަލް ޕްލަސް ލީޝާ އޭޝިއާ ޕެސިފިކް ލަގްޒަރީ އެވޯޑްސްގައި ރާއްޖޭގެ އެންމެ ހިތްގައިމު ރިސޯޓް ޕޫލުގެ އެވޯޑް ލިބުނީ އެ ޕޫލަށެވެ.
ކުރިން ޕެރެޑައިސް އައިލެންޑް ރިސޯޓް އަލުން ހަދައިގެން ގެނައި ބޮޑު ބަދަލުގައި ހިމެނޭ އެންމެ ރީތި އެއް ތަނަކީ ރިސޯޓްގެ މެދަށް ވާ ގޮތަށް، ހުޅަނގު ފަރާތުގައި ދަމާލި މި ސްވިމިން ޕޫލެވެ. ޕެރެޑައިސް އައިލެންޑް ރިސޯޓް 1993ގައި ފުރަތަމަ ހުޅުވި އިރު އޮތް ސްވިމިން ޕޫލަކީ ވެސް ރާއްޖޭގެ ފެންވަރުން އޭރު ރީތި ތަނެކެވެ.
ރިސޯޓްގެ އާ މަރާމާތުގައި އެ ތާރީހަށް ވެސް ބަލާފައި އޮތުމުގެ ހެއްކަކީ މިހާރު ރާއްޖޭގެ ރިސޯޓްތަކުން ފެންނަ ރީތި ޕޫލްތަކާ ވާދަކޮށްލެވޭނެ ސިފަތަކެއް އާ ޕޫލުގައި ވެސް ހިމެނުމެވެ.
ފޮޓޯތަކަށް ބެލުމުން އެކަނި ވެސް އެއީ ކިހާ ރީތި ތަނެއްކަން އިހުސާސްކުރެވޭނެ އެވެ. ޕޫލުގެ މެދަށް ވާ ގޮތަށް ދެ ފަރާތުގައި ހުރި ރުއް ބަރިން ވެސް އެ ގެނެސްދެނީ ފުރިހަމަކަމެވެ.
މި އިންފިނިޓީ ޕޫލު ކައިރީގައި ހުންނަ/އިންނަ ޓޫރިސްޓް މީހާ ނުވަތަ ޕޫލަށް އެރި އޮންނަ ފަތުރުވެރިޔާއަށް ފެންނާނީ ޕޫލުގެ ފެންގަނޑު، ކުރިމަތީގައި އޮތް ރީތި މޫދުގެ ލޮނުގަނޑާ ގުޅިފައި އޮތް ފަދަ ގޮތަކަށެވެ.
ރާއްޖޭގެ ޓޫރިޒަމްގައި މިކަހަލަ ލޯބި ކިތައްމެ ސިފަތަކެއް އެކުލެވިގެންވެ އެވެ.
ވިލާ ނޮޓިކާގައި ޗުއްޓީ ހޭދަކޮށްލަން ދާ މީހުންގެ ހަނދާނަކަށް މި ޕޫލާ އެކު ފޮޓޯއެއް ނަގައިނުލާ ހިތްހަމަނުޖެހޭނެކަން ކަށަވަރެވެ.
"މީގެން [މި އެވޯޑުން] ފާހަގަކުރެވެނީ ވިލާ ރިސޯޓްސްގެ ބްރޭންޑް އިން އެންމެ ކޮލިޓީ ހޮޓެލް އެކްސްޕީރިއަންސަސް ތައްޔާރުކުރުމަށް ދޭ ސަމާލުކަމާއި، އެ މަސައްކަތުގެ އަގު ވަޒަންކޮށް ވިލާ ނޮޓިކާ ޕެރެޑައިސް އައިލެންޑާ މެދު ފަތުރުވެރިންގެ މެދުގައި އޮންނަ ގާތްކަމެވެ،" އެވޯޑް ލިބުމާ އެކު ވިލާ ހޮޓެލްސް އިން ނެރުނު ބަޔާނެއްގައި ބުންޏެވެ.