ބީއެމްއެލް އިން ށ. އަތޮޅުގެ ރަށެއްގައި އޭޓީއެމްއެއް ހުޅުވަނީ. (ފޮޓޯ/ބީއެމްއެލް)

ބީއެމްއެލް

ބީއެމްއެލްއިން ށ. އަތޮޅުގެ ހުރިހާ ރަށެއްގައި އޭޓީއެމްގެ ހިދުމަތް ދޭން ފަށައިފި

ށ. އަތޮޅުގެ އިތުރުން، ހއ.، ނ.، މ.، ކ. އަދި ދ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މިހާރު އޭޓީއެމްގެ ހިދުމަތް ގާއިމްކޮށްފައި
24 މޭ 2025

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ށ. އަތޮޅުގެ 10 ރަށެއްގައި ސެލްފް ސާވިސް ބޭންކިން އޭޓީއެމް ހުޅުވައި އެ އަތޮޅުގެ ހުރިހާ ރަށެއްގައި އޭޓީއެމްގެ ހިދުމަތް ދޭން ފަށައިފި އެވެ.

ވީ ކިހިނެއް؟ - މިއީ ބީއެމްއެލް އިން މި އަހަރުގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ރަށެއްގައި އޭޓީއެމްގެ ހިދުމަތް ގާއިމުކުރުމަށް ހިންގާ 'މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް' މަޝްރޫއުގެ ދަށުން ށ. އަތޮޅުގައި ދޭން ފެށި ހިދުމަތެކެވެ.

އެއާ އެކު، ށ. އަތޮޅުގެ އިތުރުން، ހއ.، ނ.، މ.، ކ. އަދި ދ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މިހާރު އޭޓީއެމްގެ ހިދުމަތް ގާއިމްކޮށްފައިވާކަން ބީއެމްއެލް އިން ފާހަގަކުރި އެވެ.

ބުނީ ކީކޭ؟ - ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވަނީ، މިއީ އަސާސީ ބޭންކިން ހިދުމަތްތައް ދިރިއުޅޭ ރަށެއްގައި ހުރެގެން ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ހިންގާ މުހިންމު މަޝްރޫއެއްކަން ފާހަގަކުރައްވާފަ އެވެ.

"މި މަސައްކަތް މިހާ ހަލުވި ސްޕީޑެއްގައި ގެންދެވޭ ކަމީ އަޅުގަނޑުމެން ވަރަށް ފަހުރުވެރިވާ ކަމެއް. މި އަހަރުގެ މިހާތަނަށް މުޅިން އަލަށް 37 ރަށެއްގައި އަޅުގަނޑުމެން ސެލްފް ސާވިސް ބޭންކިން ހިދުމަތް ގާއިމުކޮށްފިން،" އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ވިއުގަ މުޅި ރާއްޖެއަށް ފުޅާކުރަމުން މި ދަނީ ކޮންމެ ރައްޔިތަކަށް ވެސް ފަސޭހައިން ވާސިލުވެވޭނެ ބޭންކިން ނިޒާމެއް ގާއިމުކުރުމުގެ މަގްސަދުގައި."

ޝަރީފް ވިދާޅުވީ މިއަހަރު އަތޮޅުތެރޭގައި ގާއިމްކޮށްފައިވާ އޭޓީއެމްތައް މެދުވެރިކޮށް 1.45 ބިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާ ކަމަށެވެ.

"ރަށްރަށުގެ ކަސްޓަމަރުންގެ މާލީ ހަރަކާތްތައް ވަރަށް ބޮޑަށް އިތުރުވެފައިވާކަން އަޅުގަނޑުމެންނަށް ފާހަގަކުރެވޭ. މި އަދަދުން ވެސް އަޅުގަނޑުމެންގެ މުޖުތަމައުތަކަށް މި ހިދުމަތަކީ ކިހާ މުހިންމު ހިދުމަތެއްކަން ވަރަށް ބޮޑަށް ހާމަވެގެންދޭ،" އޭނާ ވިދާޅުވި އެވެ.

ބީއެމްއެލްގެ ބޭންކިން ވިއުގަ

  • 20 އަތޮޅުގައި 39 ބްރާންޗު 

  • 133 ސެލްފް ސާވިސް ބޭންކިން ސެންޓަރު 

  • 188 އޭޓީއެމް 

  • އޭޖެންޓު ބޭންކިންގެ ހިދުމަތް 

  • އެންމެ ޒަމާނީ އޮންލައިން އަދި މޯބައިލް ބޭންކިންގެ ހިދުމަތް

އިތުރު އާޓިކަލް

އިތުރު އާޓިކަލް