ތުލުސްދޫގެ އާ އިންޖީނުގެ އަޅަން ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރަނީ. (ފޮޓޯ/ސްޓެލްކޯ)
ތުލުސްދޫގައި އާ އިންޖީނުގެއެއް އަޅަން 11.9 މިލިއަނަށް ހަވާލުކޮށްފި
ކ. ތުލުސްދޫގައި އަލަށް ގާއިމްކުރަން ނިންމާފައިވާ އިންޖީނުގެ އާއި ކަސްޓަމަ ސާވިސް ބިލްޑިން އަދި އިންޖީނުގޭގެ ވަށާފާރު އިމާރާތްކުރުމުގެ އެއްބަސްވުމުގައި 11.9 މިލިއަން ރުފިޔާއަށް އިއްޔެ ސޮއިކޮށްފި އެވެ.
ވީ ކިހިނެއް؟ - އިއްޔެ މެންދުރު ސްޓެލްކޯގެ މައި އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި، މި އެއްބަސްވުމުގައި ސޮއިކުރެއްވީ:
-
ސްޓެލްކޯގެ ފަރާތުން މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ
-
މަސައްކަތާ ހަވާލުވި ސަންވިލް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބުދުﷲ ރާފިއު
އެ ރަސްމިއްޔާތުގައި ސްޓެލްކޯގެ އިސް ވެރިންނާއި ރައްޔިތުންގެ މަޖިލީހުގެ ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހިމް ނަސީމް އަދި ތުލުސްދޫ ކައުންސިލްގެ ރައީސް އަސްލަމް މޫސާ ބައިވެރިވެވަޑައިގެންނެވި އެވެ.
ތަފްސީލް - ސްޓެލްކޯއިން ބުނީ:
-
މަސައްކަތް ހަވާލުކުރީ 11.9 މިލިއަން ރުފިޔާއަށް
-
175 ދުވަހުގެ ތެރޭގައި މަސައްކަތްކޮށް ނިންމާ ގޮތަށް
ބުނީ ކީކޭ؟ - ފަހުމީ ވިދާޅުވީ ތުލުސްދުއަކީ ސްޓެލްކޯއަށް ވަރަށް މުހިއްމު ރަށެއް ކަމަށެވެ. އެގޮތުން، ސްޓެލްކޯ ކުންފުންޏަކަށް ވުމަށް ފަހު މާލޭ ސަރަހައްދު ފިޔަވާ ހިދުމަތަށް ނެގި ފުރަތަމަ ރަށަކީ ތުލުސްދޫކަން އޭނާ ފާހަގަކުރެއްވި އެވެ.
"މީހުން ދިރިއުޅޭ ސަރަހައްދުގައި ހުރި ޕަވަހައުސްއަކަށް ވާތީ، މީހުންނަށް އެންމެ ފަސޭހަކޮށް، އާބަން ސެންޓަރުތަކާ ދުރުގައި ޕަވަހައުސްތައް އެޅުމަށް ރައީސް ގެންގުޅުއްވާ ސިޔާސަތުގެ ދަށުން، އަޅުގަނޑުމެން ތުލުސްދޫ ޕަވަހައުސް މި ބަދަލުކުރަނީ އަލަށް ހިއްކާފައިވާ ސަރަހައްދަށް،" އޭނާ ވިދާޅުވި އެވެ.
މަޖިލީހުގެ ތުލުސްދޫ ދާއިރާގެ މެންބަރު ނަސީމް ވިދާޅުވީ ތުލުސްދުއަށް ބޭނުންވާ ވަރަށް ކަރަންޓު ލިބުމުގައި ދަތިތަކެއް އެބަހުރި ކަމަށެވެ.
"މި ދަންނަވަނީ އާންމު ދިރިއުޅުމުގައި ރަށުން ކަރަންޓު ދާ ވާހަކައެއް ނޫން އެއްވެސް ހާލަތެއްގައި. ހަމަ ވަރަށް ރަނގަޅު ހާލަތެއްގައި ކަރަންޓު އޮތީ. އެހެން ނަމަވެސް މި އީދު އެއްޗެހި އައިސްގެން ލައިޓްތައް ޖައްސައި އެއްކަލަ ޕީކަށް އަރައިގެންދާ ވަގުތު ކޮންމެވެސް ވަރަކަށް ހިކްއަޕް އުޅޭ ވާހަކަ،" އޭނާ ވިދާޅުވި އެވެ.
އެކަންކަން އިރާދަކުރެއްވިއްޔާ މި އިންޖީނުގެއާ އެކު ރަނގަޅުވެގެން ދާނެ."