މޯލްޑިވްސް މެރިން އެކްސްޕޯ 2025ގައި އަލްޝާލީ މެރިންގެ ސްޓޯލްގައި އޮތް ލޯންޗެއް (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)
މެރިން އެކްސްޕޯގައި މިފަހަރު އެންމެ ބޮޑު އުޅަނދު ދައްކާލީ އަލް ޝާލީއިން
ކަނޑު ދަތުރުފަތުރާއި ބޯޓުފަހަރާ ގުޅޭ ހުރިހާ އެއްޗަކާއި ކަމެއް އެއް ތަނަކުން ދައްކާލަން ބާއްވާ މޯލްޑިވްސް މެރިން އެކްސްޕޯގައި މި އަހަރުގެ އެންމެ ބޮޑު އުޅަނދު އަލް ޝާލީ މެރިންއިން ދައްކާލައިފި އެވެ.
ވީ ކިހިނެއް؟ - މި އަހަރުގެ މޯލްޑިވްސް މެރިން އެކްސްޕޯ ފެށީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކުރިއަށްދާ އެ އެކްސްޕޯ މިރޭ ނިމޭނެ އެވެ.
ތަފްސީލު - ކޮންމެ އަހަރަކު ވެސް އެ ފެއާގައި ބައިވެރިވާ އަލް ޝާލީ މެެރިންއަކީ މެރިން އެކްސްޕޯ 2025ގެ އޮފިޝަލް ބޯޓް ބިލްޑާ ޕާޓްނަރެވެ.
މި އަހަރުގެ ފެއާގައި އަލް ޝާލީއިން ވަނީ އެ ކުންފުނީގެ ދެ އުޅަނދެއް އާންމުންނަށް ދައްކާލައިފަ އެވެ. އެއީ އާރުޓީއެލްއަށް ފަރުމާކޮށްދީފައިވާ އޭއެސް55 އާއި ޕެސެންޖާ ދަތުރުތަކަށް ހާއްސަ ޝެޑޯ 39 ސީރީޒްގެ ލޯންޗެކެވެ.
ޝެޑޯ 39
-
މެރިން އެކްސްޕޯގައި މި އުޅަނދު ދައްކާލީ އާ ފީޗާއަކާ އެކު؛ ކުރިން ފައިބާ މޮޑެލްގެ ސީޓުތައް ހުރި ނަމަވެސް މިފަހަރު ދައްކާލި އުޅަނދުގައި ހުރީ އިންޑިވިޖުއަލް ސީޓުތަކެއް (ފްލައިޓް ނުވަތަ ބަސް ސީޓު)
-
މިއީ ސެމީ ކްލޯސްޑް ލޯންޗެއް (އިތުރު ވިންޑޯއެއް ހަރުކޮށްފައި، ސަތަރި ހުންނަ ބައި ވަނީ ކުޑަކޮށްފައި)
-
200-300 ހޯސްޕަވަރާ ދެމެދުން ކަސްޓަމަރުން ބޭނުން އިންޖީނެއް އެޅޭނެ
އޭއެސް 55
މެރިން އެކްސްޕޯގައި އެކި ކުންފުނިތަކުގެ އުޅަނދުފަހަރު ދައްކާލިއިރު، މި އަހަރުގެ އެކްސްޕޯގައި ބައިވެރިކުރި އެންމެ ބޮޑު އުޅަނދަކީ މިއީ އެވެ. އެގޮތުން:
-
މިއީ 55 ފޫޓުގެ، މުޅިން ބަންދުކޮށް، އޭސީކޮށްފައިވާ ލޯންޗެއް
-
އާރުޓީއެލްގެ ސެޕްސިފިކޭޝަނަށް ފަރުމާކޮށްފައިވާ މި ލޯންޗުގައި 48 މީހުންގެ ޖާގައިގެ އިތުރުން ބަލިމީހުން ބާއްވާ އެނދަކާއި ދެ ވީލްޗެއާގެ ޖާގަ ހުންނާނެ؛ އާންމު ސްޕެސިފިކޭޝަންގައި ސީޓިން ކެޕޭސިޓީ ހުންނަނީ 60ގައި