ސުޕަމާޓް ބައި ސަމަން. (ދައުރު ފޮޓޯ/ އަބްދުﷲ އަބްދުﷲ އަނޫފް ޖުނައިދު)
ސުޕަމާޓް ބައި ސަމަން: ބާޒާރު ކުރުމުގެ އާ ޒަމާނެއް
ސުޕަމާކެޓެއްގައި ރަނގަޅު ހިދުމަތެއް ނުލިބިގެން ދެން ކަންބޮޑުވާކަށް ނުޖެހޭނެ އެވެ. ނޫނީ ޖީބަށް ނުކަތާވަރަށް އަގުބޮޑުވެގެން ވިސްނާކަށް ވެސް ނުޖެހޭނެ އެވެ. ގަންނަން އުޅޭ އެއްޗެއް ނުލިބިގެން އެހެން ފިހާރައަކަށް ވެސް ދާކަށް ނުޖެހޭނެ އެވެ. މި ހުރިހާ ކަންބޮޑުވުންތަކާއި އުނދަގޫތަކުގެ ހައްލު، ރޭ ހުޅުމާލޭ ފޭސް ދޭއްގެ ވިނަރެސް ޓަވަރު 3ގައި އެ ހުޅުވީ އެވެ. 'ސުޕަމާޓު ބައި ސަމަން'އިން ކޮންމެ މީހަކަށް ވެސް ކުރާހިތުން ބާޒާރު ކޮށްލެވޭނެ އެވެ.
ސުޕަމާޓް ބައްޓަންކޮށްފައިވަނީ ކުރާ ހިތުން ބާޒާރު ކުރެވޭނެ މާހައުލަކާ އެކީގަ އެވެ. މިކަން ހާސިލުކުރުމަށްޓަކައި ސުޕަމާޓުގެ ހުރިހާ ސިފަތަކެއް ބިނާކޮށްފައިވަނީ މައިގަނޑު ތިން އަސާސެއްގެ މައްޗަށެވެ. އެއީ ޗީޕް، ޗޮއިސަސް އަދި ކޮންވީނިއެންޓެވެ. ނުވަތަ އަގުހެޔޮކޮށް، ވީހާ ވެސް ގިނަ ބާވަތްތަކުގެ މުދާ ހިތްހަމަޖެހޭ މާހައުލެއްގައި ފަސޭހައިން ގަނެވޭނެ ގޮތް ހަމަޖައްސައިދިނުމެވެ.
ސުޕަމާޓުގެ ގްރައުންޑް ފްލޯ ހާއްސަކޮށްފައިވަނީ ތަފާތު ވައްތަރުގެ، އެކި ބްރޭންޑްތަކުގެ ކާބޯތަކެތީގެ ގިނަ ބާވަތްތަކަށެވެ. ފިހާރައަށް ވަންނައިރު އެއް ފަރާތުގައި ހުންނަނީ ސޭލްސް ކައުންޓަރުތަކާއި ލޮކަރުތަކެވެ. އެ ތަނުގައި ކިޔޫގައި މީހުން ތިއްބަސް، އެއްވެސް ދަތިކަމެއް ނެތި ސުޕަމާޓުގެ އެހެން ބައިތަކަށް ދެވޭނެ އެވެ.
ކައުންޓަރުގެ ކުރިމަތީގައި ހުންނަނީ ފުރަތަމަ ފަންގިފިލާއަށް ދެވޭ ލިފްޓެކެވެ. ސިޑިއަކުން އަރަން ޖެހޭތީ ކަންބޮޑުވާނެ ކަމެއް ނެތެވެ. ހާހެއް ވެސް ނުވާނެ އެވެ. މިއީ ބޭރު ފެންނަ ގޮތަށް ހުންނަ ލިފްޓެކެވެ.
ލިފްޓުން މައްޗަށް އަރާއިރު ފުރަތަމަ ފަންގިފިލާގައި ހުންނަނީ ޕާސަނަލް ކެއާ، ކިޗަން އެކްސެސަރީސް، ހޯމް ޑެކޯ، ކްލީނިން ޕްރޮޑަކްޓްސް، އެރޯމާ ތެރަޕީ ޕްރޮޑަކްޓްސް، ލިނެން އަދި ކުޑަކުދިން ކުޅޭ ސާމާނާއި އުފަންދުވަސް އަދި ވެޑިން ފަދަ މުނާސަބަތު ފާހަގަކުރަން ބޭނުންކުރާނެ ސާމާނެވެ.
ސުޕަމާޓުގެ ލޭއައުޓާއި ސެޓަޕް ބައްޓަންކޮށްފައިވަނީ ތޮއްނުޖެހި، ހަމަޖެހިލައިގެން ކަސްޓަމަރުންނަށް ބާޒާރުކޮށްލެވޭ ގޮތަށް، ޖާގަ ތަނަވަސްކޮށެވެ. މިސާލަކަށް ގްރައުންޑް ފްލޯއަށް ނުގޮސް ފުރަތަމަ ފަންގިފިލާއަށް ދާން ބޭނުންވާ މީހުންނަށް، އެކަން ކުރެވޭނެ މަގުވެސް ވަނީ ފަހިކޮށްދީފަ އެވެ. އަދި ކޮންމެ ފަންގިފިލާއެއްގައި ވަދެނުކުމެވޭ ގޮތަށް ދެ ކޮޅުގައި ދޮރު ހުންނާނެ އެވެ. އަދި މައި ކައުންޓަރުގެ އިތުރަށް ވަކިން ދުރުގައި އިތުރު ކައުންޓަރެއް ވެސް ހުންނާނެ އެވެ.
ބާޒާރުކުރުމުގައި ދިމާވާ މައްސަލަތަކަށް ހައްލެއް ގެނެސްދިނުމުގެ އަމާޒުގައި ހުޅުވި ސުޕަމާޓް ބައި ސަމަންގެ އަޖުމަ ބަލާލައި ތަޖުރިބާކޮށްލަން އެ ކުންފުނިން އާންމުންނަށް ދައުވަތު އަރުވަ އެވެ.