ކުރީގެ އޮޑިޓާ ޖެނެރަލް އަދި އެފްއެންއެފްސީގެ ސީއީއޯ ހަސަން ޒިޔަތު (ވ) އާއި އެ ކުންފުނީގެ ބައެއް އިސް ބޭފުޅުން. (ފޮޓޯ/އެފްއެންއެފްސީ)
ފަސްޓް ނޭޝަނަލްގެ ރިއަލް އެސްޓޭޓް ފަންޑަށް ބޮޑު ތަރުހީބަކާ އެކު 18 މިލިއަން ރުފިޔާ ލިބިއްޖެ
ރިއަލް އެސްޓޭޓަށް އިންވެސްޓް ކުރުމުގެ ފުރުސަތު އާންމުންނަށް ހޯދައިދިން ފުރަތަމަ އިންވެސްޓްމަންޓް ފަންޑު، "ފަސްޓް ނޭޝަނަލް ރިއަލް އެސްޓޭޓް އެންޑް ހޮސްޕިޓާލިޓީ ފަންޑު"ން ފުރަތަމަ ހޯދަން އަމާޒުކުރި 18 މިލިއަން ރުފިޔާ މަހެއްހާ ދުވަސް ތެރޭ ހަމަކޮށްފި އެވެ.
އެނގުން މުހިންމު - ފަސްޓް ނޭޝަނަލް ފައިނޭންސް ކޯޕަރޭޝަނުން ބަލަހައްޓާ އެ ފަންޑަށް އިންވެސްޓްކުރުމުގެ މުއްދަތު ހުޅުވާލީ 12 ޑިސެމްބަރު 2024 ން 16 ޖަނަވަރީ 2025 ގެ ނިޔަލަށެވެ. އެއީ ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) ގައި ރަޖިސްޓަރީ ކޮށްގެން ރާއްޖޭގައި ހުޅުވި ފުރަތަމަ ރިއަލް އެސްޓޭޓް ފަންޑެވެ. އެގޮތުން:
-
އެ ފަންޑުން ރެއިޒްކުރި ފައިސާ އިންވެސްޓް ކުރާނީ މާލޭގެ ހ. ސަކީނާ މަންޒިލްގެ ފުރަތަމަ 3 ފަންގިފިލާ 30 އަހަރުގެ މުއްދަތަށް ކުއްޔަށް ނެގުމަށް
-
މި ފަންޑުގައި ބައިވެރިވާން ހުޅުވާލި ފުރަތަމަ ފުރުސަތުގައި އަމާޒުކުރީ 18 މިލިއަން ރުފިޔާ ހޯދުމަށް
-
18 މިލިއަން ހޯދުމަށް ބޮންޑުގެ ގޮތުގައި ވިއްކަން ކަނޑައެޅުނީ 8.1 މިލިއަން ރުފިޔާ އަދި ހިއްސާގެ ގޮތުގައި ވިއްކަން ހުޅުވާލީ 9.9 މިލިއަން ރުފިޔާ
ތަފްސީލް - ފަސްޓް ނޭޝަނަލްގެ ސީއީއޯ، ހަސަން ޒިޔަތު ވިދާޅުވި ގޮތުގައި އެ ފަންޑުގައި ތަފާތު ފަރާތްތަކުން ވަނީ ބައިވެރިވެފަ އެވެ. އޭގެ ތެރޭގައި އަމިއްލަ ވިޔަފާރިތަކާއި ހިލޭ ސާބަހަށް މަސައްކަތް ކުރާ ޖަމްއިއްޔާތައް ހިމެނޭ ކަމަށް ޒިޔަތު ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ކުރިޔަށް ހުރި ޕްރޮޖެކްޓުތަކުގައި އިންވެސްޓް ކުރާ ފަރާތްތައް އިތުރުވެ ހާއްސަކޮށް ލޯކަލް ކައުންސިލްތަކާއި އިންސްޓިޓިއުޝަނަލް އެހެނިހެން އިންވެސްޓަރުން ބައިވެރިވާނެ ކަމަށް އުންމީދު ކުރެވެ އެވެ.
"ރިއަލް އެސްޓޭޓް ފަންޑަށް އިންވެސްޓްކުރި އަދަދަކީ އެ އެޖެންސީން އަމާޒުކުރި އަދަދަށް ވުރެ ވެސް މާރަނގަޅު އަދަދެއް. އަދި އާންމުން ދިން އިތުބާރާއި ތަރުހީބަށް އަޅުގަނޑުމެން ޝުކުރު އަދާކުރަން،" ޒިޔަތު ވިދާޅުވި އެވެ.
ފާހަގަކޮށްލެވޭ - ޒިޔަތު ފާހަގަކުރެއްވި ގޮތުގައި:
-
ކެންސާ ސޮސައިޓީގެ ނަމުގައި ފަރާތަކުން ވަނީ ފަންޑަށް އިންވެސްޓް ކޮށްފައި
-
މިއާ ގުޅިގެން ކެންސާ ސޮސައިޓީއަށް ދާއިމީ އާމްދަނީއެއް އިންވެސްޓްމަންޓުގެ ރިޓާންގެ ގޮތުގައި ލިބޭނެ
-
މީގެ އިތުރަށް ދެ ކައުންސިލަކުން ވެސް ފަންޑަށް އިންވެސްޓްކުރަން ޝައުގުވެރިކަން ފާޅުކުރި
"އަޅުގަނޑުމެންގެ އުއްމީދަކީ ކެޕިޓަލް މާކެޓުގައި ލިބެންހުރި ފުރުސަތުތަކުގެ ބޭނުންހިފައި ހެޔޮ އެދޭ ފަރާތްތަކުން ދަރުމައަށް މަސައްކަތްކުރައްވާ ފަރާތްތަކަށް މިގޮން އެހީތެރިކަން ފޯރުކޮށްދިނުން އިތުރުވުން،" ޒިޔަތު ވިދާޅުވި އެވެ.
މި ޕްރޮޖެކްޓްގެ އިންވެސްޓަރުންނަށް އަންނަ އެޕްރީލުން ފެށިގެން އަހަރަކު ހަތަރު ފަހަރެއްގެ މަތިން ރިޓާންސް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. ފަސްޓް ނޭޝަނަލް އިން ލަފާކުރާ ގޮތުގައި:
-
އެ ފަންޑުން ފައިސާ ޖަމާކުރި ފަރާތްތަކަށް ފައިދާގެ ގޮތުގައި %20 ދެވޭނެ
-
އަދި ދަރަނީގައި އިންވެސްޓް ކުރި ފަރާތްތަކަށް %12ގެ ފައިދާއެއް ދޭނެ
ދަރަނީގެ މުއްދަތަކީ ހަ އަހަރެވެ.