'ރޯލީމޭ'ގެ ޕޯސްޓަރެއް.

މީޑިއާނެޓް

މީޑިއާނެޓް ވީޑިއޯކްލަބުގެ 'ރޯލީމޭ' ސީރީޒް ޗާޓުގެ 1 ވަނައަށް

މި ސީރީޒްގައި 15 އެޕިސޯޑު ހިމެނޭ؛ ކޮންމެ ހަފްތާއެއްގެ ހޯމަ ދުވަހު މި ސީރީޒްގެ އާ އެޕިސޯޑެއް ރިލީޒްކުރާނެ
18 ޖެނުއަރީ 2025

އާ އަހަރާ ދިމާކޮށް މީޑިއާނެޓުގެ ވީޑިއޯކްލަބް ހިދުމަތް މެދުވެރިކޮށް ބެލުންތެރިންނާ ހަމައަށް ދޫކޮށްލި ދިވެހި ޑްރާމާ ސީރީޒް، 'ރޯލީމޭ'އަށް ގިނަ ބައެއްގެ ތައުރީފު ލިބި ވީޑިއޯކްލަބް މެދުވެރިކޮށް އެންމެ ގިނަ ބަޔަކު ބަލަމުން އަންނަ ސީރީޒްއަށްވެ ވީޑިއޯކްލަބްގެ ޓްރެންޑިންގެ 1 ވަނައަށް ޖެހިލައިފި އެވެ.

އަސަރުން ފުރިގެންވާ ލޯބި އަދި ރަހުމަތްތެރިކަމުގެ ވާހަކައެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ވާހަކައަކަށް ތައްޔާރުކޮށްފައިވާ މި ސީރީޒްގައި 15 އެޕިސޯޑު ހިމެނޭއިރު، މިހާތަނަށް ވަނީ ޖުމްލަ 4 އެޕިސޯޑު ރިލީޒްކޮށްފަ އެވެ. ކޮންމެ ހަފްތާއެއްގެ ހޯމަ ދުވަހު މި ސީރީޒްގެ އާ އެޕިސޯޑެއް ރިލީޒްކުރާނެ އެވެ.

މީޑިއާނެޓު އޮރިޖިނަލްސް ބެނާގެ ދަށުން ތައްޔާރުކޮށްފައިވާ މި ސީރީޒަކީ ދިވެހި ފިލްމު އިންޑަސްޓްރީގައި އެންމެ ކާމިޔާބު ޕްރޮޑަކްޝަން ހައުސް ކަމަށްވާ ޑާކްރެއިން އެންޓަޓެއިންމަންޓްގެ އުފެއްދުމެކެވެ.

މި ސީރީޒްގެ ސްކްރީންޕްލޭ ލިޔެފައިވަނީ އޮކްޓޫބަރު މަހު އޮލިމްޕަސް ސިނަމާގައި އެޅުވި ކާމިޔާބު ފިލްމު 'ބިބީ' ލިޔެ އަދި ޑައިރެކްޓްކުރި ޝަހުދާ މަމްދޫހެވެ. ސީރީޒް ޑައިރެކްޓުކޮށްފައިވަނީ ދިވެހި ފިލްމު ދާއިރާގައި މަގްބޫލު ޑައިރެކްޓަރު އަލީ ޝިފާއު (ޗިއްޕެ) އެވެ.

މި ސީރީޒްގެ ކާސްޓުންގެ ގޮތުގައި ދިވެހި ފިލްމީ ދާއިރާގައި މިހާރު އެންމެ މަގްބޫލު ދިވެހިންގެ ލޯބި ލިބިފައިވާ ގިނަ ތަރިންތަކެއް ފެނިގެންދެ އެވެ. އޭގެ ތެރޭގައި، ޝަރަފް އަބްދުﷲ، މަރިޔަމް މަޖުދާ (މަޖޫ)، މޫސާ އަލީފް، ނުޒުހަތު ޝުއައިބު (ނުޒޫ)، ރޯނު ހަސަން މަނިކު، އައިމިނަތު ނުހާ އަދި ޝީލާ ނަޖީބު ފާހަގަކޮށްލެވެ އެވެ.

މީޑިއާނެޓުގެ ވީޑިއޯކްލަބުން ވަނީ މިދިޔަ އަހަރު ރީތި ސީރީޒްތަކަކާއި ފިލްމުތަކެއް ދިވެހިންނާ ހަމައަށް ގެނެސްދީފަ އެވެ. މީގެ ތެރޭގައި، 'އެރެއަށްފަހު' އަދި 'ޝަރުތު' ފަދަ ސީރީޒްތަކާއި 'ފުރޭތަ' އަދި 'ނީނާ' ފަދަ ފިލްމުތައް ފާހަގަކޮށްލެވެ އެވެ.

މީގެ އިތުރުން، މީޑިއާނެޓު އޮރިޖިނަލްސް ބެނާގެ ދަށުން ތައްޔާރުކުރި ފިލްމު 'ރޮބޯމޭން – ދަ މޫވީ' ވަނީ އޮލިމްޕަސް ސިނަމާގައި ވެސް އަޅުވައި ކުދިބޮޑު ގިނަ ފަރާތްތަކެއްގެ މަގްބޫލުކަން ހޯދާފަ އެވެ.

ދިވެހި ފިލްމާއި ސީރީޒްގެ އިތުރުން، އިނގިރޭސި، ހިންދީ އަދި ކާޓޫން ފިލްމާއި ސީރީޒްގެ ލައިބްރަރީއެއް ވަނީ ވީޑިއޯކްލަބް ހިދުމަތުގައި ހިމަނާފަ އެވެ.

މީޑިއާނެޓުގެ ވީޑިއޯކްލަބް ހިދުމަތަށް މި އަހަރު ދިވެހިން ކަމުދާނެ ފަދަ ގިނަ ފިލްމާއި ސީރީޒް ގެނައުމަށް ތައްޔާރުވެފައިވާ ކަމަށް މީޑިއާނެޓުން ބުންޏެވެ.

މި ހިދުމަތުގައި ހިމެނޭ ކޮންޓެންޓް، ޓީވީ އަދި ފޯނު މެދުވެރިކޮށް ރާއްޖޭގެ ކޮންމެ ހިސާބެއްގައި ހުރެގެން ވެސް ބަލާލެވޭނެ އެވެ. އަދި އެމްއެސް ގްލޯބަލް މެދުވެރިކޮށް ރާއްޖެއިން ބޭރުގައި ދިރިއުޅޭ ފަރާތްތަކަށް ޓީވީ އަދި ފޯނު މެދުވެރިކޮށް ވީޑިއޯކްލަބްގައި ހިމެނޭ ކޮންޓެންޓް ބަލާލެވޭނެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް