އެލައިޑް އިންޝުއަރެންސްެގެ ހިދުމަތްދޭ މަރުކަޒެއް

އެލައިޑް އިންޝުއަރެންސަށް 2024 ވަރަށް ކާމިޔާބު؛ ރެކޯޑް އާމްދަނީއަކާއި ބޮޑު ކުރިއެރުމެއް

އެލައިޑް އިންޝްއަރެންސުގެ ވިޔަފާރި މިއަހަރު އިތުރަށް ފުޅާކުރުމަށް އާ އިންވެސްޓްމަންޓްތައް ހޯދައި އެކަންކަމަށް އިންވެސްޓްކުރަން ދިރާސާ ކުރަން ވަނީ ފަށާފައި
12 ޖެނުއަރީ 2025
1

އެލައިޑް އިންޝްއަރެންސުގެ ވިޔަފާރިއަށް މިދިޔަ އަހަރުގެ ތެރޭ ބޮޑު ކުރިއެރުމެއް ލިބި ރެކޯޑް އަދަދެއްގެ އާމްދަނީއެއް ލިބިފައިވާކަން އެ ކުންފުނީގެ މިދިޔަ އަހަރުގެ މާލީ އުސްއަލިތަކުން ހާމަވެއްޖެ އެވެ. 

ވީ ކިހިނެއް؟ - ސަރުކާރާއި ރައްޔިތުން ހިއްސާވާ އެސްޓީއޯގެ ސަބްސިޑަރީއެއްގެ ގޮތުގައި ހިންގާ އެލައިޑް އިންޝްއަރެންސް ކުންފުނީގެ މިދިޔަ އަހަރުގެ ހިސާބުތަކުން ދައްކާ ގޮތުގައި އެ ކުންފުނީގެ އާމްދަނީ ނުވަތަ ސޭލްސްއަށް ވަނީ 2023 ވަނަ އަހަރާއަޅާ ބަލާއިރު 200 މިލިއަނަށް ވުރެ ގިނަ ރުފިޔާ އިތުރުވެފަ އެވެ. އެގޮތުން: 

  • މިދިޔަ އަހަރުގެ އާމްދަނީއަށް ވަނީ 800 މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބިފައި؛ 2023ގައި ލިބުނީ 593.7 މިލިއަން ރުފިޔާ 

  • މިއީ %37ގެ އިތުރުވުމެއް އަދި ރެކޯޑެއް 

އެ ކުުންފުނީގެ އާމްދަނީގެ މަތިވުމުގެ އިތުރަށް ސާފު ފައިދާ ވެސް ވަނީ މައްޗަށް ޖެހިފަ އެވެ. އެގޮތުން 2023 ވަނަ އަހަރާ އަޅާ ބަލާއިރު ޓެކްސްއަށް ކެނޑުމަށް ފަހު ސާފު ފައިދާއަށް ވަނީ %530ގެ ކުރިއެރުމެއް ލިބިފަ އެވެ. 

ތަފްސީލް - ކުންފުނީގެ މާލީ އެ އުސްއަލިތަކާ ގުޅޭ ގޮތުން އެލައިޑުގެ މެނޭޖިން ޑިރެކްޓާ ހުސެއިން ލުވެއިޒް 'ދައުރު'އަށް ވިދާޅުވީ އެލައިޑްގެ 39 އަހަރުގެ ތާރީހުގައި މިއީ އެ ކުންފުނީގެ އާމްދަނީއަށް ލިބުނު ރެކޯޑް ކުރިއެރުމެއް ކަމަށެވެ. އެ ކުރިއެރުމުގެ ސަބަބެއްގެ ގޮތުގައި އޭނާ ވިދާޅުވީ: 

  • ކުންފުނީގެ އިންޝްއަރެންސް ޕެކޭޖުތައް ރަނގަޅުކޮށް ކަސްޓަމަރުންނާ އެކު ގާތް ގުޅުމެއް ބޭއްވުން 

  • އެ ކުންފުނީގެ ޕްރޮޑަކްޓުތައް ވިއްކުމަށް ކުރާ މަސައްކަތް މިދިޔަ އަހަރު އިތުރުކޮށް އާ ކުލަޔަންޓް ހޯދުމަށް ކުރި މަސައްކަތުގެ ހެޔޮ ނަތީޖާ 

"އަޅުގަނޑުމެން ހާއްސަ ޕްރޮޑަކްޓުތައް ހަދައި ރިޓެއިލް މާކެޓުގައި ވެސް މިދިޔަ އަހަރު އަޅުގަނޑުމެން ވަރަށް ރަނގަޅަށް ޕާފޯމްކޮށްފައި ވާނެ،" އޭނާ ވިދާޅުވި އެވެ. 

"ކުލަޔަންޓުން އަޅުގަނޑުމެންނަށް މިކުރާ އިތުބާރަކީ ވެސް މީގެ ސަބަބެއް. އަޅުގަނޑުމެން އެކަން ޝުކުރުވެރިކަމާ އެކު ފާހަގަކުރަން." 

މީގެ އިތުރަށް އޭނާ ވަނީ އެ ކާމިޔާބީގައި މުވައްޒަފުން އަދާކުރި ދައުރަށް ވެސް ޝުކުރު އަދާކުރައްވައިފަ އެވެ. 

"މުވައްޒަފުންގެ މިންނެތް މަސައްކަތް މުޅި ޓީމްގެ މަސައްކަތް މި ނަތީޖާގެ ސިއްރަކީ،" ލުވެއިޒް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި އަހަރު ވެސް އިންޝުއަރެންސް ވިޔަފާރީގައި އާ ކަންކަން ހާސިލްކޮށް މާލީ ކާމިޔާބުތައް ހޯދުމަށް އެލައިޑުން އަމާޒު ހިފާފައިވާ ކަމަށެވެ. އަދި މިދިޔަ އަހަރުގެ ކާމިޔާބީއާ އެކު އެކަމަށް މަގުފަހިވެގެން ގޮސްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. 

"މިދިޔަ އަހަރުގެ ގްރޯތަށް ވުރެ %5-10ގެ ގްރޯތަކަށް އަޅުގަނޑުމެން މި އަމާޒު ހިފާފައި ވަނީ،" އޭނާ ވިދާޅުވި އެވެ. 

އެ ކުންފުނީގެ ވިޔަފާރި ފުޅާކުރުމަށް މިއަހަރު އާ އިންވެސްޓްމަންޓްތައް ހޯދައި އެކަންކަމަށް އިންވެސްޓްކުރުމަށް ދިރާސާކުރަމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ. 

ކޮމެންޓް (1)

މާކުންބެ

12 ޖެނުއަރީ 2025
އެހެން އެސްއޯއީ ތަކަށް ގެއްލުންވަމުންދާއިރު، އެލައިޑް އިންޝުއަރެންސް އިން މިހޯދި ކާމިޔާބީއަށް މަރުހަބާ ދަންނަވްން.
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް