ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މަޖިލީހުގެ ކޮމެޓީއެއްގައި (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)
އަލަށް ރިޓަޔާވާ މީހުންނަށް ދޭ ޕެންޝަން ފައިސާ ކަނޑާނުލަން ނިންމައިފި
އަންނަ ޖެނުއަރީން ފެށިގެން ވަޒީފާ އިން އަލަށް ރިޓަޔާކުރާ މުވައްޒަފުންނަށް މަހުން މަހަށް ދޭ ޕެންޝަން ހުއްޓާލަން ނިންމި ނިންމުމަށް އަމަލު ނުކުރަން ނިންމައިފި އެވެ.
ވީ ކިހިނެއް؟ - ސަރުކާރުގެ އިގްތިސާދީ ރިފޯމް އެޖެންޑާގެ ދަށުން އެ ފިޔަވަޅު އަޅަން ނިންމައި ފިނޭންސް މިނިސްޓަރު އަދި ޕޭ ކޮމިޝަނުގެ ރައީސް މޫސާ ޒަމީރު ސޮއިކުރައްވައި މިދިޔަ ހަފްތާ އިދާރާތަކަށް ފޮނުއްވި ސިޓީއެއްގައި، ދައުލަތުގެ ވަޒީފާ އިން އަލަށް މުސްކުޅިކުރާ މުވައްޒަފުންނަށް މަހުން މަހަށް ދޭ އިނާޔަތް އަންނަ ޖެނުއަރީން ފެށިގެން ހުއްޓާލަން ނިންމާފައިވާކަން ވަނީ އަންގަވައިފަ އެވެ.
ތަފްސީލް - އަލަށް ރިޓަޔަވާ މީހުންނަށް މަހުން މަހަށް ދޭ ފައިސާ ކަނޑާލި ނަމަވެސް ރިޓަޔާވާއިރު ގަނޑުކޮށް ދޭ ފައިސާ ކުރިން ވެސް ދެމުން އައި ގޮތަށް ދޭން އޮތީ ނިންމައިފަ އެވެ.
ފިނޭންސް މިނިސްޓްރީގެ އޮފިޝަލަކު 'ދައުރު' އަށް މިއަދު ޔަގީންކޮށްދެއްވި ގޮތުގައި މިހާރު ނިންމާފައިވަނީ އަލަށް ރިޓަޔާވާ މީހުންނަށް މަހުން މަހަށް ލިބޭ ފައިސާ ލިބޭގޮތަށް އުސޫލު ދަމަހައްޓަންށެވެ. އެގޮތަށް ނިންމާފައިވަނީ ރައީސް އޮފީހުގެ އެންގުމަށް ކަމަށް ވެސް އެނގިފައިވެ އެވެ. ކުރިން ފޮނުވި ސިޓީ ބާތިލްކޮށް އެކަން ވަނީ މިހާރު އޮފީސްތަކަށް އަންގައިފަ އެވެ.
އިނާޔަތް ދިނުމުގެ އުސޫލަށް ގެންނަން އުޅުނު ބަދަލު ނުގެންނަން ނިންމާފައިވަނީ އެ ބަދަލާމެދު ގިނަ ބަޔެއްގެ ނުރުހުން އަމާޒުވެފައި ވަނިކޮށެވެ.
ގުޅުން ހުރި - އުމުރުން 65 އަހަރުން މަތީގެ މީހުންނަށް ކޮންމެ މަހަކު ދައުލަތުން ދޭ 5،000ރ.ގެ އަސާސީ ޕެންޝަން ތަނަވަސް މީހުންނަށް ނުލިބޭ ގޮތަށް އަންނަ އަހަރުގެ ބަޖެޓުގައި ވަނީ ހިމަނާފަ އެވެ.
ދިރިހުންނާނެ ކަމަށް އަންދާޒާކުރެވޭ އުމުރު މަތިވާނެ ކަމަށް ބެލެވޭތީ، އަހަރަކަށް ފަހު އަހަރެއް ދައުލަތުން އަސާސީ ޕެންޝަނަށް ކުރާ ހަރަދު ބޮޑުވާނެ ކަމަށް ބަޖެޓުގައި ލަފާކޮށްފައިވެ އެވެ.
ފިނޭންސް މިނިސްޓްރީން ލަފާކޮށްފައިވާ ގޮތުގައި:
-
ޖީޑީޕީގެ ނިސްބަތުން ޕެންޝަނަށް ކުރާ ހަރަދު މިހާރު %1އަށް ވުރެ ކުޑަކޮށް ހުރި ނަމަވެސް ކުރިއަށް އޮތް 10 އަހަރު ތެރޭގައި އެއަށް ވުރެ އިތުރުވާނެ
-
2055 ވަނަ އަހަރަށް ޖީޑީޕީގެ ނިސްބަތުން އެ އަދަދު ހުންނާނީ %2.8ގައި؛ އެއީ ގާތްގަނޑަކަށް 8 ބިލިއަން ރުފިޔާ
މި ހަރަދު ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމަށް، ފޯރުންތެރިކަމަށް ބަލައި އެންމެ މަދުން އާމްދަނީ ލިބޭ މީހުންނަށް އެކަނި މި ޕެންޝަން ދިނުމަށް ނިންމާފައިވާ ކަމަށް ބަޖެޓު ފޮތުގައި ލިޔެފައިވެ އެވެ. އެ ގޮތަށް އަމަލުކުރަން ފަށާނީ އަންނަ އޭޕްރީލުން ފެށިގެންނެވެ.
ނަމަވެސް އެންމެ މަދުން އާމްދަނީ ލިބޭ މީހުންގެ ގޮތުގައި ބަލާނީ އެންމެ މަތިން ކިހާ ވަރަކަށް ލިބޭ މީހުން ކަމެއް ބުނެފައެއް ނެތެވެ.
މީގެ އިތުރުން، ވަޒީފާއިން ރިޓަޔާވެގެން ލިބޭ ޕެންޝަނާއި ދައުލަތުން ދޭ އަސާސީ ޕެންޝަން ވެސް ލިބޭ މީހުން ގިނަވެ، ޑަބަލް ޕެންޝަންގެ މައްސަލަ ހައްލު ކުރުމަށް ގާނޫނަށް ގެންނަން ޖެހޭ ބަދަލުތައް ހުށަހަޅާނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފައިވެ އެވެ.
ކޮމެންޓް (1)
ތެފައާސާ.