ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ބަޖެޓު ބަހުސް ކުރިއަށް ދާ ގޮތް ބައްލަވާލެއްވުމަށް މަޖިލީހަށް ވަޑައިގެން މެންބަރުންނާ ވާހަކަ ދައްކަވަނީ (ފޮޓޯ/ މަޖިލިސް)
ވަޒީފާއިން އަލަށް ރިޓަޔާކުރާ މީހުންނަށް ކޮންމެ މަހަކު ދޭ އެލަވެންސް ހުއްޓާލަނީ
އަންނަ ޖެނުއަރީން ފެށިގެން ވަޒީފާ އިން އަލަށް މުސްކުޅިވާ މުވައްޒަފުންނަށް އިނާޔަތް ދިނުން ހުއްޓާލަން ނިންމައިފި އެވެ.
ވީ ކިހިނެއް؟ - ސަރުކާރުގެ އިގްތިސޯދީ ރިފޯމް އެޖެންޑާގެ ދަށުން އެ ފިޔަވަޅު އަޅަން ނިންމައި ފިނޭންސް މިނިސްޓަރު އަދި ޕޭ ކޮމިޝަނުގެ ރައީސް މޫސާ ޒަމީރު ސޮއިކުރައްވައި އިދާރާތަކަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައިވަނީ، ދައުލަތުގެ ވަޒީފާ އިން މުސްކުޅިކުރާ މުވައްޒަފުންނަށް މަހުން މަހަށް ދޭ އިނާޔަތް އަންނަ ޖެނުއަރީން ފެށިގެން ހުއްޓާލަން ނިންމާފައިވާ ކަމަށެވެ.
ތަފްސީލް - އަލަށް މުސްކުޅިކުރާ މުވައްޒަފުންނަށް އިނާޔަތް ދިނުުން ހުއްޓާލި ނަމަވެސް މި އަހަރުގެ ނިޔަލަށްް ވަޒީފާ އިން މުސްކުޅިވެ މަހުން މަހަށް އިނާޔަތް ލިބޭ މުވައްޒަފުންގެ އިނާޔަތަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށް އެ ސިޓީގައިވެ އެވެ.
އަލަށް މުސްކުޅިކުރާ މުވައްޒަފުންނަށް އަންނަ އަހަރުން ފެށިގެން އިނާޔަތް ދިނުުން ހުއްޓާލަން ނިންމިއިރު، ވަޒީފާ އިން މުވައްޒަފުން މުސްކުޅިކުރާއިރު އެއްފަހަރާ ފައިސާގެ އަދަދެއް ދެ އެވެ. އެ ބައި އުނިކުރާނެ ކަމެއް އެ ސިޓީގައި ބުނެފައެއް ނުވެ އެވެ.
ގުޅުން ހުރި - ދައުލަތުގެ ވަޒީފާ އިން މުސްކުޅި ކުރާ މީހުންނަށް އަންނަ އަހަރުން ފެށިގެން މަހުން މަހަށް ދޭ އެލަވެންސް ނުދޭން ނިންމާފައިވާއިރު، އުމުރުން 65 އަހަރުން މަތީގެ މީހުންނަށް ކޮންމެ މަހަކު ދައުލަތުން ދޭ 5،000ރ.ގެ އަސާސީ ޕެންޝަން ތަނަވަސް މީހުންނަށް ނުލިބޭ ގޮތަށް އަންނަ އަހަރުގެ ބަޖެޓުގައި ވަނީ ހިމަނާފަ އެވެ.
ދިރިހުންނާނެ ކަމަށް އަންދާޒާކުރެވޭ އުމުރު މަތިވާނެ ކަމަށް ބެލެވޭތީ، އަހަރަކަށް ފަހު އަހަރެއް ދައުލަތުން އަސާސީ ޕެންޝަނަށް ކުރާ ހަރަދު ބޮޑުވާނެ ކަމަށް ބަޖެޓުގައި ލަފާކޮށްފައިވެ އެވެ.
ފިނޭންސް މިނިސްޓްރީން ލަފާކޮށްފައިވާ ގޮތުގައި:
-
ޖީޑީޕީގެ ނިސްބަތުން ޕެންޝަނަށް ކުރާ ހަރަދު މިހާރު %1އަށް ވުރެ ކުޑަކޮށް ހުރި ނަމަވެސް ކުރިއަށް އޮތް 10 އަހަރު ތެރޭގައި އެއަށް ވުރެ އިތުރުވާނެ
-
2055 ވަނަ އަހަރަށް ޖީޑީޕީގެ ނިސްބަތުން އެ އަދަދު ހުންނާނީ %2.8ގައި؛ އެއީ ގާތްގަނޑަކަށް 8 ބިލިއަން ރުފިޔާ
މި ހަރަދު ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމަށް، ފޯރުންތެރިކަމަށް ބަލައި އެންމެ މަދުން އާމްދަނީ ލިބޭ މީހުންނަށް އެކަނި މި ޕެންޝަން ދިނުމަށް ނިންމާފައިވާ ކަމަށް ބަޖެޓު ފޮތުގައި ލިޔެފައިވެ އެވެ. އެ ގޮތަށް އަމަލުކުރަން ފަށާނީ އަންނަ އޭޕްރީލުން ފެށިގެންނެވެ.
ނަމަވެސް އެންމެ މަދުން އާމްދަނީ ލިބޭ މީހުންގެ ގޮތުގައި ބަލާނީ އެންމެ މަތިން ކިހާ ވަރަކަށް ލިބޭ މީހުން ކަމެއް ބުނެފައެއް ނެތެވެ.
މީގެ އިތުރުން، ވަޒީފާއިން ރިޓަޔާވެގެން ލިބޭ ޕެންޝަނާއި ދައުލަތުން ދޭ އަސާސީ ޕެންޝަން ވެސް ލިބޭ މީހުން ގިނަވެ، ޑަބަލް ޕެންޝަންގެ މައްސަލަ ހައްލު ކުރުމަށް ގާނޫނަށް ގެންނަން ޖެހޭ ބަދަލުތައް ހުށަހަޅާނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފައިވެ އެވެ.
ކޮމެންޓް (2)
ސިކުނޑި
ހަސަންދީ