އެމްއެމްއޭ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ގަވަރުނަރު މުނައްވަރު (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)
ފޮރެކްސް ގާނޫނުން ރިޒާވް ރަނގަޅުކޮށް ރޭޓިން ހިފެހެއްޓޭނެ: ގަވަރުނަރު
ފޮރެކްސް ގާނޫނެއް ހެދުމުގެ އެންމެ ބޮޑު ބޭނުމަކީ ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވް ވަރުގަދަ ކުރުން ކަމަށާއި އެކަމުގެ ސަބަބުން ރޭޓިން އިދާރާތަކުން ދީފައިވާ ރާއްޖޭގެ ރޭޓިންތައް ރަނގަޅުވާނޭ ކަމަށް މަރުކަޒީ ބޭންކް، އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރު މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - އަލަށް އަމަލުކުރަން ފަށާފައިވާ ފޮރެކްސް ގަވައިދުގެ ބަދަލުގައި އެކަމަށް ބިލެއް ތައްޔާރުކޮށް އާންމުންގެ ހިޔާލަށް ހުޅުވާލުމާ ގުޅޭ ގޮތުން މިއަދު އެމްއެމްއޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްއެމްއޭގެ ގަވަރުނަރު މުނައްވަރު ވިދާޅުވީ ބޭރު ފައިސާ މުއާމަލާތުގެ ކަންކަމަކީ މިހާތަނަށް އެމްއެމްއޭއިން އެހާ ބޮޑަށް އަޅާނުލާ ދޫކޮށްލާފައިވާ ކަންތައްތައް ކަމަށެވެ.
ގާނޫނުން ވެސް އެމްއެމްއޭއަށް ލާޒިމްކުރަނީ ރާއްޖޭގެ ރިޒާވް ރަނގަޅު މިންވަރެއްގައި ބެހެއްޓުމަށް ނަމަވެސް މިހާތަނަށް އެމްއެމްއޭއިން އަމިއްލަ އިސްނެގުމުގައި އެކަމަށް ފިޔަވަޅު އަޅާފައި ނުވާ ކަމަށް ގަވަރުނަރު ވިދާޅުވި އެވެ. އަދި ރިސޯޓްތަކުގެ އާމްދަނީގެ ވަކިވަރެއް މާރުކުރަން މަޖުބޫރު ކުރުވުމަކީ އެކަމަށް އިސްވެ އަޅާ ފިޔަވަޅެއްގެ ގޮތުގައި މުނައްވަރު ފާހަގަކުރެއްވި އެވެ.
"ދެމެހެއްޓެނިވި ލެވަލްއަކަށް ދަރަނި ގެންގޮސް ދަރަނި މެނޭޖްކުރަން ވެސް އެބަޖެހޭ. މިދިޔަ ފަސް އަހަރު ގިނަ ލޯނުތަކެއް ނަގާފައި މިހުރީ... އަޅުގަނޑުމެން ދެ އަހަރު ފަހުން ލޯނުތައް ދައްކަން ޖެހޭއިރު އެ ފައިސާ ރިޒާވްގައި ނެތިއްޔާ ވާނީ ކިހިނެއްތޯވާނީ... ވަރަށް އެހެން ކަހަލަ ޑީފޯލްޓް ސިޗުއޭޝަނަކަށް ގޮސްފާނެ. އަޅުގަނޑުމެންގެ ރިޒާވް އިތުރުކުރުމަކީ އެމްއެމްއޭއަށް ގާނޫނީ ގޮތުން ޒިންމާއެއް. އަޅުގަނޑުމެންގެ ރިޒާވް ކުރިން ދެންނެވި ގޮތަށް މިއޮތީ ވަރަށް ބޮޑަށް ޕެސިވްކޮށް ސަރުކާރަށް އެކަނި. އޭގެ ބަދަލުގައި އަޅުގަނޑުމެން މި ބަލަނީ އެކްޓިވްލީކޮށް ރިޒާވް އިތުރުކުރަން އިންޑަސްޓްރީއާ ގުޅިގެން މަސައްކަތް ކުރަން. އިންޑަސްޓްރީއާ މަޝްވަރާކުރާނަން،" މުނައްވަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ފިޗް އާއި މޫޑީސް ފަދަ ރާއްޖޭގެ މާލީ ރޭޓިން ހަދާ ދުނިޔޭގެ އެޖެންސީތަކުން ވެސް ބަލާ އެންމެ ބޮޑު އެއް މިންގަނޑަކީ ރާއްޖޭގެ ރިޒާވް ހުންނަ މިންވަރު ކަމަށެވެ. އެގޮތުން އޭނާ ވިދާޅުވީ ރިޒާވް ރަނގަޅުވެ ރޭޓިން ރަނގަޅުވުމުން ބޭރުގެ އިންވެސްޓްމަންޓުތައް ރާއްޖެ އަންނަވަރު އިތުރު ކުރެވޭނޭ ކަމަށެވެ. އެއީ އިންވެސްޓަރުން ވެސް އެންމެ ބޮޑަށް ބަލާނީ ރޭޓިން އެޖެންސީތަކުން ރާއްޖެއަށް ދޭ ރޭޓިންއަށް ކަމަށް ވެސް މުނައްވަރު ވިދާޅުވި އެވެ.
"އަޅުގަނޑު މިފަހުން ދިޔަ ކޮންފަރެންސެއްގައި ވެސް ރާއްޖޭގެ ރިޒާވް ނަމްބަރުތަކާ މި އެއްޗިހި ހިއްސާކުރީމާ އެހެން ހުރިހާ ގައުމުތަކެއްގެ ބޭފުޅުން ވިދާޅުވީ ރާއްޖޭގެ 4.5 ބިލިއަން ޑޮލަރުގެ ޓޫރިޒަމް އިންޑަސްޓްރީއެއް އޮންނައިރު ކީއްވެހޭ އެވަރުގެ ރިޒާވެއް ނެތީ. އެހެން ވީމާ އަޅުގަނޑުމެން މި މަސައްކަތް ކުރަން މިޖެހެނީ،" މުނައްވަރު ވިދާޅުވި އެވެ.
"ދުނިޔޭގެ ތަރައްގީވަމުން އަންނަ ހުރިހާ ގައުމެއްގައި ވެސް މެލޭޝިޔާ ފަދަ ތަންތަނުގައި ވެސް ބޭރު ފައިސާ މާރުކުރުމުގެ ގަވައިދުގައި ހިފެހެއްޓުންތަކެއް ގެންގުޅޭ. ވަރަށް މަދު ގައުމެއްގައި ނޯންނަނީ. އެހެންވީމާ މިއީ އަޅުގަނޑުމެން މި ގައުމުން އެކަނި އަލަށް ގަބޫލުކުރާ ކަމެއް ނޫން."
ބަދަލުތަކުން އާންމުންނަށް ފައިދާ ކުރާނީ ކިހިނެއް؟
ރިސޯޓްތަކަށް ލިބޭ ޑޮލަރު މާރުކުރަން އެންގުމުން އެކަމުން އާންމު ރައްޔިތުންނަށް ފައިދާ ކުރާނޭ ގޮތްތައް ވިދާޅުވެދެއްވަމުން ގަވަރުނަރު މުނައްވަރު ވިދާޅުވީ ރިސޯޓްތަކުން ބޭންކުތަކަށް މާރުކުރާ ޑޮލަރުން އެމްއެމްއޭން ނަގާނީ އޭގެ %60 ކަމަށެވެ. އަދި ބާކީ އޮންނަ ޑޮލަރު ބަހައްޓާނީ ބޭންކުތަކުން އަމިއްލަ ބޭނުމަށް ކަމަށް ވެސް ވިދާޅުވި އެވެ.
މީގެ އިތުރަށް، އެމްއެމްއޭއަށް ނަގާ ޑޮލަރު ވެސް ބޭނުންނުކޮށް އަނބުރާ ބޭންކުތަކަށް ދިނުމަކީ ވެސް އަމާޒެއް ކަމަށް މުނައްވަރު ވިދާޅުވި އެވެ. އެގޮތުން އޭނާ ވިދާޅުވީ:
-
ބޭންކުތަކުން އާންމުންނަށް ދޫކުރަން ޑޮލަރު ދޭ މިންވަރު އިތުރުކުރާނެ
-
ބީއެމްއެލްއިން މިހާރު ބޭރަށް ފައިސާ ފޮނުވަން ފޮނުވާ އަދަދުގެ %10 ލިބޭކަމަށް ވަންޏާ %20-%30 އަށް އެ އަދަދު އިތުރުކުރެވޭނެ
-
ހައްޖާއި އުމްރާ އަދި ކިޔަވާ ކުދިންނަށް ދޭ ޑޮލަރު އަދި ކާޑް ލިމިޓްތައް ވެސް ބޮޑުކުރެވޭނެ
-
ރިސޯޓްތަކަށް ވެސް ފައިނޭންސް ކުރަން ބޭންކުތަކަށް ވެސް އޭރުން އިތުރު ޑޮލަރު ލިބޭނެ؛ ރިސޯޓްތަކުގެ ޝޯޓް ފޯލެއް އުޅެންޏާ ބޭންކުތަކަށް އޯޑީ ދެވޭނެ
"އަޅުގަނޑުމެން މި ނަގާ ޑޮލަރު ވެސް އަނބުރާ ބޭންކުތަކަށް ވެއްދުން އަމާޒަކީ. އުންމީދަކީ ދިވެހިންނަށް ޑޮލަރު ލިބޭނޭ ގޮތަކަށް ހެދުން. އިންފޯމަލް މާކެޓެއް ނޫނޭ ދެން ދާން ޖެހޭނީ ބޭންކުތަކުންނޭ ޑޮލަރު ލިބޭނީ،" ދިގު މުއްދަތެއްގައި ޑޮލަރުގެ ކަޅު ބާޒާރު މިކަމުން ނައްތާލެވޭނޭކަން ފާހަގަކުރައްވާ މުނައްވަރު ވިދާޅުވި އެވެ.
މުނައްވަރު އިތުރަށް ވިދާޅުވި ގޮތުގައި ރިސޯޓްތަކާއި ޓޫރިޒަމް ސިނާއަތްވެފައި މިހާތަނަށް ވެފައި އޮންނަނީ ވަކި އިގްތިސާދެއްގެ ގޮތުގައި ކަމަށެވެ. އަދި އެކަމުގެ ސަބަބުން ރިއަލް ސެކްޓާއަށް ޓޫރިޒަމްގެ އާމްދަނީގެ ހަގީގީ މަންފާ ނުކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ރިސޯޓްތަކަށް މި ލިބޭ ޑޮލަރު މި ހީކުރަނީ އެއީ ފިކްސްޑްކޮށްނޭ ހުންނާނީ... އެ މަލްޓިޕްލައިވެގެން ދާނެ އިގްތިސާދުގައި އެ ދައުރުވަންޏާ. ފައިސާއަކީ މަލްޓިޕްލައިވާ އެއްޗެއް،" މުނައްވަރު ވިދާޅުވި އެވެ.
ކޮމެންޓް (2)
ސިކުނޑި
ފފފފފފފފފފފފފ