އެމްއެމްއޭ. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދް)
ޑޮލަރު މާރުކުރުމާ ބެހޭ ބިލު: އަދިވެސް ރިސޯޓުތަކުން 500 ޑޮލަރު މާރުކުރަން ޖެހޭ؛ ލުއި ގެސްޓްހައުސްތަކަށް
ރިސޯޓުތަކަށް އަންނަ ކޮންމެ ޓޫރިސްޓަކަށް 500 ޑޮލަރު އަދި ގެސްޓްހައުސްތަކުގައި ތިބޭ ކޮންމެ ގެސްޓަކަށް 25 ޑޮލަރު މާރުކުރަން މަޖުބޫރުކުރުމަށް ފަހު، އޭގެ ތެރޭގައި ހިލޭ ތިބޭ ޓޫރިސްޓުންނާއި ކުޑަކުދިން ނުހިމެނޭ ގޮތަށް އެކުލަވާލާފައިވާ ބޭރު ފައިސާ މާރުކުރުމާ ބެހޭ ގާނޫނެއްގެ ބިލު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ން ހިޔާލު ހޯދުމަށް އެކި ފަރާތްތަކާ ހިއްސާކޮށްފި އެވެ.
މައްސަލައިގެ ފެށުން - އެމްއެމްއޭ އިން މި ބިލު އެކުލަވާލިއިރު، 'ކެޓަގަރީ އޭ'ގައި ހިމެނޭ ރިސޯޓުތަކާއި ސަފާރީ އުޅަނދުތަކާއި 50 ކޮޓަރިއަށް ވުރެ ގިނައިން ހަދާފައިވާ ގެސްޓްހައުސްތަކުން ކޮންމެ ޓޫރިސްޓަކަށް 500 ޑޮލަރު އަދި 'ކެޓަގަރީ ބީ'ގައި ހިމެނޭ 50 ކޮޓަރިއަށް ވުރެ މަދުން ހަދާފައިވާ ގެސްޓްހައުސްތަކުން ކޮންމެ ގެސްޓަކަށް 25 ޑޮލަރުގެ މަގުން ރުފިޔާއަށް މާރުކުރަން މިހާރު ވަނީ މަޖުބޫރުކޮށްފަ އެވެ. އެމްއެމްއޭގެ އެ ގަވާއިދާ 70އަށް ވުރެ ގިނަ ރިސޯޓުތަކުން ވަނީ ދެކޮޅު ހަދާފަ އެވެ.
އިތުރަށް ކިޔާލަން
ޑޮލަރު މާރުކުރަން މެދުމިނުގެ ހައްލުތަކެއް ރިސޯޓް ވެރިން ހުށަހެޅި
18 ނޮވެމްބަރު 2024
ރިސޯޓް ވެރިންގެ ޝަކުވާގައި އޮތީ ހަގީގަތް؛ މި ބުރަ ނުއުފުލޭނެ
18 ނޮވެމްބަރު 2024
ޑޮލަރު މާރުކުރަން މަޖުބޫރުކުރާ ގަވާއިދާ ނަޝީދު ވެސް ދެކޮޅު
15 ނޮވެމްބަރު 2024
'ވިޔަފާރިވެރިންނަށް ދަތިކުރުމުން އަސަރުކުރާނީ ރައްޔިތުންނަށް'
15 ނޮވެމްބަރު 2024
50އަށް ވުރެ ގިނަ ރިސޯޓުން ޑޮލަރު މާރުކުރާ އާ ގަވައިދާ ދެކޮޅު
14 ނޮވެމްބަރު 2024
ޗަމްޕާ މުހައްމަދު މޫސާގެ ވިޔަފާރިތަކުން ޑޮލަރު މާރުކުރަން ދެކޮޅު
13 ނޮވެމްބަރު 2024
ވީ ކިހިނެއް؟ - ރާއްޖޭގެ މަރުކަޒީ ބޭންކުން ވަނީ އާ ބިލު އެ ތަނުގެ ވެބްސައިޓުގައި ރޭ ޝާއިއުކޮށްފަ އެވެ. އަދި އަންނަ އާދިއްތަ ދުވަހުގެ މެންދުރާ ހަމައަށް އެ ބިލަށް އީމެއިލް މެދުވެރިކޮށް ހިޔާލު ހުށަހެޅޭނެ ކަމަށް ވެސް އެމްއެމްއޭ އިން ރޭ ބުނެފައިވެ އެވެ.
ތަފްސީލް - މިހާރު އޮތް ގަވާއިދާއި އެ ބިލާ އަޅާކިޔާއިރު، އެ ބިލުގައި ހިމެނޭ އެންމެ ބޮޑު ބަދަލަކީ:
-
ރިސޯޓުތަކާއި ގެސްޓްހައުސްތަކާއި ހޮޓާތަކާއި ސަފާރީ އުޅަނދުތަކުގެ އިތުރަށް، ތިން ވަނަ ކެޓަގަރީއެއްގެ ގޮތުގައި ބެލެވިދާނެ ބައެއް އިތުރުކުރުން: އެއީ އަހަރެއްގެ ތެރޭގައި 20 މިލިއަން ޑޮލަރުގެ ބޭރު ފައިސާ ލިބޭ ވިޔަފާރިތައް؛ އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާ ރާއްޖޭގެ ބޭންކު އެކައުންޓަކަށް ޖަމާކުރަން ޖެހޭނެ އަދި އެ އާމްދަނީގެ %25 ރުފިޔާއަށް މާރުކުރަން ވެސް ޖެހޭނެ
-
50 ކޮޓަރިއަށް ވުރެ މަދުން ނުވަތަ ގިނައިން ހުރި ގެސްޓްހައުސްތަކާއި ސަފާރީ އުޅަނދުތައް ކެޓަގަރީ ބީއަށް ބަދަލުކުރުން؛ މި ބިލު ފާސްކޮށް، ތަސްދީގު ކުރުމުން، ކިތަންމެ ބޮޑު ގެސްޓްހައުސްއަކުން ވެސް މާރުކުރަން ޖެހޭނީ، މިހާރު މާރުކުރަން ޖެހޭ 500 ޑޮލަރުގެ ބަދަލުގައި 25 ޑޮލަރު
-
ކެޓަގަރީ އޭގައި ހިމެނޭ ރިސޯޓުތަކުން އަދިވެސް ކޮންމެ ޓޫރިސްޓަކަށް 500 ޑޮލަރު މާރުކުރަން ޖެހޭނެ
-
މާރުކުރަން ނުޖެހޭ ތިން ވައްތަރެއްގެ ޓޫރިސްޓުން ވަނީ ބިލުގައި ހިމަނާފައި؛ އެއީ 24 ގަޑިއިރު ހޭދަނުކުރާ ޓޫރިސްޓުންނާއި އުމުރުން 2 އަހަރުން ދަށުގެ ކުދިން އަދި ހިލޭ ނުވަތަ ކޮމްޕްލިމެންޓަރީކޮށް ތިބޭ ގެސްޓުން
-
ރާއްޖޭން ބޭރުގައި ރަޖިސްޓަރީކޮށްފައިވާ ޓޫރިސްޓު އުޅަނދުތައް މި ބިލުން އިސްތިސްނާވޭ
އެނގުން މުހިންމު - މި ބިލު އެކުލަވާލާފައިވާ ގޮތުން، އަދިވެސް ރިސޯޓުތަކުން ތިން ވައްތަރެއްގެ ޓޫރިސްޓުން ފިޔަވައި އެ ތަނެއްގައި ޗުއްޓީ ހޭދަކުރާ ކޮންމެ ގެސްޓަކަށް 500 ޑޮލަރު ރުފިޔާއަށް މާރުކުރަން ޖެހޭނެ އެވެ. އަދި ޓޫރިސްޓް ވިޔަފާރިތައް ނޫން އެހެން ބައެއް ބޮޑެތި ކުންފުނިތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ %25 ވެސް މާރުކުރަން މި ބިލުގައި ވަނީ ހިމަނާފަ އެވެ.
ކޮންމެ ޓޫރިސްޓަކަށް 500 ޑޮލަރު މާރުކުރަން ރާއްޖޭގެ އެންމެ ބޮޑެތި ވިޔަފާރިތަކުން ދެކޮޅު ހެދުމުން، ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެފައި ވަނީ އެ މިންވަރު މާރުކުރަން ލުއި ދެވެން ނެތް ކަމަށާއި އެ މަނިކުފާނު ހުންނެވީ ރައްޔިތުންގެ ފަޅީގައި ކަމަށެވެ.
ކޮމެންޓް