މޯލްޑިވިއަން އިން ލަންކާ އާއި މާލެ އާ ދެމެދު ދަތުރުތައް ފެށުން ފާހަގަ ކުރުމަށް ބޭއްވި ރަސްމިއްޔާތު (ދައުރު ފޮޓޯ)
މޯލްޑިވިއަންގެ އެއާބަސް މަރާމާތަށް؛ ކޮލަމްބޯ އާއި ބެންގަލޫރު ދަތުރުތައް މެދުކެނޑިފައި
ގައުމީ އެއާލައިން، މޯލްޑިވިއަންގެ ފްލީޓުގައި އޮންނަ އެއާބަސް އޭ321އަށް ދަތުރު ކުރެވޭ ވަގުތު ނުވަތަ 'ފްލައިން އަވާސް' ހަމަވެ، އެ ބޯޓު ސާވިސް ކުރުމުގެ މަސައްކަތް ކުރުމަށް ބޭއްވުމާ އެކު، އެ އެއާލައިނުން ސްރީ ލަންކާގެ ކޮލަމްބޯ އަށާއި އިންޑިއާގެ ބެންގަލޫރުގެ ދަތުރުތައް މެދުކަނޑާލައިފި އެވެ.
ވީ ކިހިނެއް؟ - މޯލްޑިވިއަންގެ އެއާބަސްގެ ފްލައިން އަވާސް ހަމަވެގެން ސާވިސް ކުރުމަށް ބޯޓު ބާއްވާފައި އޮންނަތާ ދުވަސްކޮޅެއް ވެއްެޖެ އެވެ. އެނގިފައިވާ ގޮތުގައި، ބޯޓުގެ ސާވިސް މަސައްކަތަށް ފަހު އަލުން އުދުހެން ފަށާނީ އެންމެ އަވަހަށް ވެސް އަންނަ ޑިސެމްބަރު މަހުގެ ފަހުކޮޅު އެވެ.
ތަފްސީލް - މޯލްޑިވިއަންގެ އޮފިޝަލަކު މިއަދު ވިދާޅުވީ އެއާބަސްގެ ފްލައިން އަވާސް ހަމަވެގެން ކޮންމެ އަހަރަކު ހަދާ މެއިންޓެނެންސްގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އެއާބަސްގައި ކޮލަމްބޯ އަށާއި ބެންގަލޫރަށް ކުރި ދަތުރުތައް ހުއްޓާލާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެ ދަތުރުތައް އަލުން ފެށޭނެ ދުވަހެއް އޭނާ ވިދާޅެއް ނުވެ އެވެ.
"އެއާބަސްގެ އިޔާލީ ސާވިސްއަށް ގޮސްފައިވީ. އެ ބޯޓު އަންނަންދެން މިހާރު އެކޮމޮޑޭޓު ކޮށްފައި ހުރި ފަސިންޖަރުންނަށް ހުންނާނެ އޮޕްޝަންތައް ދީފައި. އެހެން އެއާލައިނަކުން ދަތުރުކުރަން ނޫނީ ދުވަސް ބަދަލުކުރަން ވެސް،" އޮފިޝަލު ވިދާޅުވި އެވެ.
އެނގުން މުހިއްމު - މޯލްޑިވިއަން އިން ކޮލަމްބޯއަށް ދަތުރު ފެށީ މިދިޔަ އޭޕްރީލް މަހު އެވެ. އެ ދަތުރުތައް ފެށި ފަހުން ވެސް އެއާބަސްއަށް މައްސަލަ ދިމާވެ ދަތުރުތައް މެދުކެނޑުނެވެ.
ގުޅުން ހުރި - މޯލްޑިވިއަންއިން ރާއްޖެއިން ބޭރަށް ކުރާ ދަތުރުތަކާއި މަންޒިލްތައް އިތުރު ކުރުމަށް ވައިޑް-ބޮޑީ އެއާކްރާފްޓެއް ގަތުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. މީގެ ކުރިން ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވީ ވައިޑް ބޮޑީ އެއާކްރާފްޓުގެ ދަތުރުތައް މި މަސް ތެރޭ ފެށޭނެ ކަމަށެވެ.
ކެބިނެޓުން ނިންމާފައި އޮތީ ރާއްޖެއަށް ފަތުރުވެރިން ގެނެވޭނެ މަންޒިލްތަކަށް ދަތުރުތައް ފުޅާކުރަން ގައުމީ އެއާލައިންއަށް ވައިޑް-ބޮޑީ ދެ ބޯޓު ގެންނަން ސަރުކާރުން އެހީވާ ގޮތަށެވެ. އެގޮތުން، އެއާބަސް އޭ330 ބޯޓެއް ގެންނަން، ވައިގެ އުޅަނދު ކުއްޔަށް ދޭ ބައިނަލްއަގުވާމީ ކުންފުނި ޓްރޫނޯޑްއާ އެކު ވަނީ މިދިޔަ ޖުލައި މަހު ސޮއިކޮށްފަ އެވެ.
ކޮމެންޓް (2)
ދޮގުވެރިޔާ
އަމީނުލް ހައްގު