ގައުމީ އެއާލައިން މޯލްޑިވިއަންގެ ބޯޓެއް އިންޑިއާގެ ކޮޗިން އެއާޕޯޓުގައި
މޯލްޑިވިއަންގެ ބޮޑެތި ބޯޓުތަކުގެ ދަތުރުތައް އޮކްޓޫބަރުގައި ފަށަނީ
ގައުމީ އެއާލައިން މޯލްޑިވިއަންގެ ވައިޑް-ބޮޑީ އެއާކްރާފްޓްތަކުގެ އޮޮޕަރޭޝަންތައް މި އަހަރުގެ އޮކްޓޫބަރު ހިސާބުގައި ފެށޭނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން މިރޭ ވިދާޅުވެއްޖެ އެވެ.
އެނގުން މުހިންމު - ރާއްޖެއަށް ފަތުރުވެރިން ގެނެވޭނެ މަންޒިލްތަކަށް ދަތުރުތައް ފުޅާކުރަން ގައުމީ އެއާލައިންއަށް ވައިޑް-ބޮޑީ ދެ ބޯޓު ގެންނަން ސަރުކާރުން އެހީވާ ގޮތަށް ކެބިނެޓުން ނިންމާފައި ވާއިރު، މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭ ގައުމީ އެއާލައިނުގެ އޮޕަރޭޝަނަށް ވައިޑް ބޮޑީ ބޯޓު ތައާރަފު ކުރުމަކީ ރައީސް މުހައްމަދު މުއިއްޒުގެ ވައުދެކެވެ.
ބުނީ ކީކޭ؟ - އާންމުންގެ ސުވާލުތަކަށް ޖަވާބުދޭން ސަރުކާރުން ބާއްވާ 'އަހާ' ފޯރަމްގައި ވާހަކަ ދައްކަވަމުން އަމީން ވިދާޅުވީ މޯލްޑިވިއަންގެ ވައިޑް ބޮޑީ އެއާކްރާފްޓް އޮޕަރޭޝަންތައް ފެށުމުގައި ވަރަށް ބޮޑެތި ކުރިއެރުންތައް ލިބިފައިވާ ކަމަށެވެ. ނަމަވެސް އެ އެއާކްރާފްޓުތައް ގަތުމަށް ފަހު ރާއްޖެއަށް ރަޖިސްޓްރީ ބަދަލުކުރުމަކީ، މިނިސްޓަރު ވިދާޅުވި ގޮތުގައި، ވަގުތު ނަގާ ކަމެކެވެ.
"އެހެންވީމާ މި އަހަރު ނިމުމުގެ ކުރިން، އިރާދަކުރެއްވިއްޔާ، އޮކްޓޫބަރު ފަހުކޮޅު ނޫނީ ނޮވެމްބަރާ ހިސާބަށް ދާއިރު ގައުމީ އެއާލައިން ޗައިނާގެ ސިޓީތަކަށާއި ޔޫރަޕުގެ ބައެއް ސިޓީތަކަށް ފެށުމަށްޓަކައި [ސީދާ ޝެޑިއުލްކޮށް] މި މަސައްކަތް ފެށޭނެ. އެ ހިސާބަށް ދާއިރު އޮންނާނީ ގައުމީ އެއާލައިން ވައިޑް ބޮޑީ އޮޕަރޭޝަންސްއާ އެކީ ފެށިފައި،" މިނިސްޓަރު ވިދާޅުވި އެވެ.
ގުޅުން ހުރި ކަމެއް - މޯލްޑިވިއަންގެ ވައިޑް ބޮޑީ އެއާކްރާފްޓް އޮޕަރޭޝަންތައް ފެށުމަށްޓަކައި ދިގު ދަތުރުތަކަށް ހާއްސަކޮށް ފަރުމާކޮށްފައިވާ ބޮއިން 787 މަރުކާގެ ބޯޓެއް ކުއްޔަށް ނެގުމަށް އައިލެންޑް އޭވިއޭޝަނުން މިދިޔަ ޖެނުއަރީގައި އިއުލާންކުރި އެވެ. އަދި ބައިނަލްއަގުވާމީ ދަތުރުތައް ކުރުމަށް އެއާބަސް އޭ330 މަރުކާގެ ބޯޓެއް ޑްރައި ލީޒް ކުރުމަށް ވެސް އެ ކުންފުނިން ވަނީ ނިންމާ އެވެ.
ކެބިނެޓުން ނިންމާފައި އޮތީ ރާއްޖެއަށް ފަތުރުވެރިން ގެނެވޭނެ މަންޒިލްތަކަށް ދަތުރުތައް ފުޅާކުރަން ގައުމީ އެއާލައިންއަށް ވައިޑް-ބޮޑީ ދެ ބޯޓު ގެންނަން ސަރުކާރުން އެހީވާ ގޮތަށެވެ.