ފަރެސްމާތޮޑާ މަސްވެރިން މަސް ބާނަނީ
މިފްކޯއަށް މަސްކިރުން ބޮޑުތަނުން ދަށަށް؛ މިދިޔަ އަހަރަށް ވުރެ 28،000 ޓަނު މަދު
މިފްކޯއަށް މިއަހަރު މަސް ކިރާފައިވާ މިންވަރު މިދިޔަ އަހަރާ އަޅާބަލާއިރު ވަރަށް ބޮޑަށް ދަށްވެފައިވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
ވީ ކިހިނެއް؟ - މަސްވެރިކަން ދަށްވެ މިފްކޯގެ މާލީ ހާލަތު ވަރަށް ބޮޑަށް ވަނީ ގޯސްވެފަ އެވެ. މަސްވެރިކަން ދަށްވުމުގައި މަސްވެރިން މީގެ ކުރިން ބުނެފައިވަނީ ހަރަދު ފޫނުބެއްދޭތީ މަހަށް ނުގޮސް މަޑުކުރަން ޖެހޭ ފަދަ ހާލަތަކަށް ގޮސްފައިވާ ކަމަށެވެ.
ތަފްސީލު - މިފްކޯއަށް މަސްކިރާ މިންވަރު ދައްކައިދޭ ތަފާސްހިސާބު އެ ކުންފުނިން ވަނީ މިއަދު މީޑިއާތަކާ ހިއްސާކޮށްފަ އެވެ.
މި މަހުގެ 17ގެ ނިޔަލަށް މަސްކިރާފައިވާ ޖުމްލަ އަދަދު މިދިޔަ އަހަރާ އަޅާބަލާއިރު ވަނީ 28،951 މެޓްރިކް ޓަނު ދަށްވެފަ އެވެ.
އެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މި އަހަރުގެ ހުރިހާ މަސްތަކުގައި ވެސް މިފްކޯއަށް މަސް ކިރާފައިވަނީ މިދިޔަ އަހަރަށް ވުރެ މަދުންނެވެ. އެންމެ ބޮޑު ފަރަގެއް ހުރީ މި މަހާއި އޭޕްރީލް އަދި މެއިގަ އެވެ. އެގޮތުން:
-
ޖެނުއަރީ - 2023ގައި 7،528 މެޓްރިކް ޓަނު؛ މި އަހަރު 7،452 މެޓްރިކް ޓަނު (77 ޓަނު މަދު)
-
ފެބްރުއަރީ - 2023ގައި 9،035 މެޓްރިކް ޓަނު؛ މި އަހަރު 5،860 މެޓްރިކް ޓަނު (3،175 ޓަނު މަދު)
-
މާޗު - 2023ގައި 6،715 މެޓްރިކް ޓަނު؛ މި އަހަރު 4،611 މެޓްރިކް ޓަނު (2،104 ޓަނު މަދު)
-
އޭޕްރީލް - 2023ގައި 7،054 މެޓްރިކް ޓަނު؛ މި އަހަރު 2،322 މެޓްރިކް ޓަނު (4،732 ޓަނު މަދު)
-
މެއި - 2023ގައި 8،535 މެޓްރިކް ޓަނު؛ މި އަހަރު 3،666 މެޓްރިކް ޓަނު (4،869 ޓަނު މަދު)
-
ޖޫން - 2023ގައި 1،794 މެޓްރިކް ޓަނު؛ މި އަހަރު 1،272 މެޓްރިކް ޓަނު (523 ޓަނު މަދު)
-
ޖުލައި - 2023ގައި 1،831 މެޓްރިކް ޓަނު؛ މި އަހަރު 247 މެޓްރިކް ޓަނު (1،584 ޓަނު މަދު)
-
އޮގަސްޓު - 2023ގައި 3،204 މެޓްރިކް ޓަނު؛ މި އަހަރު 1،157 މެޓްރިކް ޓަނު (2،047 ޓަނު މަދު)
-
ސެޕްޓެމްބަރު - 2023ގައި 3،124 މެޓްރިކް ޓަނު؛ މި އަހަރު 1،529 މެޓްރިކް ޓަނު (1،595 ޓަނު މަދު)
-
އޮކްޓޫބަރު - 2023ގައި 8،660 މެޓްރިކް ޓަނު؛ މި އަހަރު 836 މެޓްރިކް ޓަނު (7،824 ޓަނު މަދު)
ގުޅުންހުރި ކަމެއް - އެންމެ ބޮޑު ދަށްވުމެއް މި މަހުން ފާހަގަކުރެވޭއިރު، މަސްވެރިކަން ދަށްވެ، މިފްކޯގެ މާލީ ހާލަތު ގޯސްވުމުގެ ސަބަބުން ސެޕްޓެމްބަރު 28 އިން ފެށިގެން ކިރާފައިވާ މަހަށް ދޭން ޖެހޭ ފައިސާ ވެސް ހުރީ ނުދެވި އެވެ.
އެ ތާރީހުން ފެށިގެން މި މަހުގެ 14އާ ހަމައަށް ނުދީ ހުރި ފައިސާގެ އަދަދު 9.1 މިލިއަން ރުފިޔާއަށް ވަނީ އަރާފަ އެވެ.