މަސްވެރިންތަކެއް މަސް ބާނަނީ (ފޮޓޯ/ތ. ގުރައިދޫ މަސްވެރިން/ފޭސްބުކް)

މަސްވެރިކަން

މަސްވެރިިކަން ދަށްވެ، ދެކޮޅުނުޖެއްސޭތީ މަހަށް ދިޔުން މަދު

މިއީ އާއްމުކޮށް ވެސް މަސްވެރިކަަން ދަށް ދުސްވަރެއް ނަމަވެސް ބައެއް މަސްވެރިން ބުނާގޮތުގައި މީގެ ކުރިން މިހާ ދަށްވި ތަނެއް އެ މީހުން ނުދެކޭ. ކަނޑުމަސްވެރިކަމުގައި އެވްރެޖު ސައިޒުގެ ބޮޑު ދޯންޏަކަށް ދުވާލަކު 3-4 ޓަނުގެ މަސް ނުބޭނިއްޖެ ނަމަ ހަރަދު ހަމަޖައްސަން ދަތިވާނެ ކަމަށް މަސްވެރިން ބުނޭ

މަސްވެރިކަން ދަށްވެ، ހަރަދު ފޫނުބެއްދޭތީ މަހަށް ފުރުން މަދުކުރަންޖެހިފައިވާ ކަމަށް ބައެއް މަސްވެރިން މިއަދު ބުނެފި އެވެ.

ވީ ކިހިނެއް؟ - މިދުވަސްވަރު މަސްވެރިކަން ދަށްވުމާ ގުޅިގެން، މިފްކޯއަށް ކިރާ މަހުގެ އަދަދު މަދުވެ، ދަޅުމަސް އުފައްދާ މިންވަރު ދަށްވެފައިވާ ކަމަށް އެ ކުންފުނިން އިއްޔެ ވަނީ ބުނެފަ އެވެ. އަދި މިފްކޯގެ ފިހާރަތަކުން ވަޅޯމަހާއި ރިހާކުރު ފަދަ މަހުގެ އުފެއްދުންތައް ލިބުން ވެސް ވަނީ ދަތިވެފަ އެވެ.

މަސްވެރިންގެ އަތުން މަސް ގަނެގެން މާރުކޭޓުގައި ވިއްކާ ބައެއް މަސްވެރިން ވެސް ބުނަނީ، މި ދުވަސްވަރު މަސްވެރިކަން ދަށްކަމުން، ވިއްކާނެ ކަނޑުމަސް ލިބުން ދަތިކަމަށެވެ.

ހުޅުމާލެ މަސް މާރުކޭޓުގައި މަސް ވިއްކަން ބަހައްޓާފައި (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދް)

ތަފްސީލް - ގދ. ފަރެސްމާތޮޑާގެ މަސްވެރިއެއް ކަމަށްވާ ހަސަން ޒަރީޒު މިއަދު ބުނީ މިއީ މޫސުމީ ގޮތުން މަސްވެރިކަން ދަށް ދުވަސްވަރެއް ނަމަވެސް، އޭނާގެ ހަޔާތުގައި ވެސް، މަސްވެރިކަން މިހާ ދަށް ދުވަސްވަރެއް ނުދެކޭ ކަމަށެވެ.

"މިހާރު އުމުރުން 56 އަހަރު. އަޅުގަނޑުގެ ހަނދާނުގައި ވެސް މިހާ މަސްވެރިކަން ދަށް ދުވަސްވަރެއް ނާދޭ،" ރާއްޖޭގެ އެއްވެސް ސަރަހައްދެއްގައި މަސްވެރިކަން މި ދުވަސްވަރު ރަނގަޅު ނޫންކަން ފާހަގަކުރަމުން ޒަރީރު ބުންޏެވެ.

އޭނާ ބުނީ މަސްވެރިކަން ނެތުމުން، މިހާރު މަހަށް ނުފުރާތާ ދޮޅުމަހެއްހާ ދުވަސް ވެއްޖެ ކަމަށެވެ. 'ދައުރު'އާ ވާހަކަދެއްކި އިރު ޒަރީރު ހުރީ ޑިންގީއެއްގައި ފަރުމަސްވެރިކަމުގަ އެވެ.

"މަހަށް ނުފުރަނީ ހަފްތާ ހަރަދު ވެސް ނުލިބޭތީ،" 30 މީހުންނާ އެކު ކަނޑުމަސްވެރިކަމުގައި ބޮޑު ދޯންޏެއްގައި އުޅޭ ޒަރީރު ބުންޏެވެ. އޭނާ ބުނީ "ޒަމާނީ އާލާތްތަކުން ބެލިއިރު މަސްވެރިކަމުގެ އަލާމާތެއް ވެސް ނެތް" ކަމަށެވެ.

ޒަރީރު ބުނި ގޮތުގައި، ގާތްގަނޑަކަށް 2008 ވަނަ އަހަރުން ފެށިގެން ހުވަދޫގެ ގިނަ ޒުވާނުންނަކީ މަސްވެރިކަމުގައި ކަނޑުމަތީ އުޅޭ މީހުން ކަމަށް ވިޔަސް މިހާރުގެ ހާލަތު ތަފާތެވެ.

"މަސް ނުބޭނޭތީ، މިހާރު ލަނޑާ ނަގައި އިހި ނަގަން، އަޅުގަނޑުމެން ރަށުގައި މަސްވެރިކަން ކުރާ ޒުވާނުން އުޅެނީ. އޭރުންތާ އާމްދަނީއެއް ލިބޭނީ،" އޭނާ ބުންޏެވެ.

 މަސްވެރިކަން ރަނގަޅު ދުވަސްވަރެއްގައި މަސްވެރިން މަސްވެރިކަމުގައި (ފޮޓޯ/ތ. ގުރައިދޫ މަސްވެރިން/ފޭސްބުކް)

'ހަރަދު ދެކޮޅެއްނުޖެއްސޭ'

ލ. އަތޮޅުގެ މަސްވެރިޔެއް ކަމަށްވާ އާދަމް ފާރިޝް ބުނީ، މަހުގެ އަގު މިހާރު ހުރި ވަރާ އަޅާބަލާއިރު، މަސްވެރިން މަހަށް ނުކުންނަން ކުރަން ޖެހޭ ހަރަދާއި ލިބޭ އާމްދަނީ ނުބައްދަލު ކަމަށެވެ.

"ތެލަށް ކުރަން ޖެހޭ ހަރަދު ބޮޑު،" އޭނާ ބުންޏެވެ.

ފާރިޝް ބުނި ގޮތުގައި، ރާއްޖޭގައި ކަނޑުމަހުގެ މަސްވެރިކަމުގައި ހަރަކާތްތެރިވާ އެވްރެޖު ސައިޒުގެ ބޮޑު ދޯންޏަކަށް، ދުވާލަކު 3 ނޫނީ 4 ޓަނުގެ މަސް ނުބޭނިއްޖެ ނަމަ ހަރަދުތައް ހަމަޖައްސަން އުނދަގޫވާނެ އެވެ.

"މިސާލަކަށް އިތުރަށް 2 ޓަނު ކިރައިގެން 45،000ރ. ލިބުނަސް، މަސް ދޯނީގައި އެ ތިބޭ 20 ނޫނީ 25 މީހުންނަށް އެ ފައިސާކޮޅު ބަހާލީމާ މަސްވެރިންނަށް އެ ލިބެނީ ކުޑަ އެއްޗެއް. އެ ކުރަން ޖެހޭ ހަރަދާ އަޅާބަލާއިރު އާމްދަނީ ކުޑަވީމާ މަސްވެރިން މަހަށް ނުފުރަނީ،" އޭނާ ބުންޏެވެ.

މަސްވެރިން މަސްވެރިކަމުގައި (ފައިލް ފޮޓޯ/އަސްދާނު ދޯނި)

ފަރެސްމާތޮޑާގެ ޒަރީރު ވެސް ބުނީ ދުވާލަކު މަދުވެގެން 2 ޓަނު މަސް ބޭނިގެން ނޫނީ ހަރަދު ދެކޮޅު ނުޖެއްސޭނެ ކަމަށެވެ.

"އަޅުގަނޑުމެން ދޯނީގައި ހަފްތާއެއްގެ ކޮއްތު ހަރަދަކީ 15،000ރ. މަސްވެރިކަން ރަނގަޅު ނަމަ ދުވާލަކު 15-16 ފީފާ ތެޔޮ އަނދާ. އެ ނޫން ދުވަސްވަރުގައި 10 ފީފާ ތެޔޮ އަނދާ. އެހެންވީމާ ހަރަދަށް ބަލާއިރު މިދުވަސްވަރު މަހަށް ނުކުމެގެން ދެކޮޅު ޖެހޭކަށް ނެތް،" ޒަރީރު ބުންޏެވެ.

ނަމަވެސް އޭނާ ބުނީ މި ދޭތެރެއިން އެއްގޮތަކަށް ވެސް މަހަށް ނުގޮސް ތިބުމަށް ފަހު ބައެއް ދޯނިތަކުން މިހާރު މަހަށް ނުކުންނަން ފަށާފައިވާ ކަމަށެވެ.

"މަސްވެރިންގެ އާއިލާތަކަށް، އަނބިދަރިންނަށް ކާންބޯންދޭން ކުރާ މަސައްކަތަކީ މިއީ. އެހެން ގޮތެއް ނެތީމާ ކިރިޔާ ވެސް އެއްޗެއް ލިބޭތޯ މިހާރު ފުރަނީ،" އޭނާ ކިޔައިދިނެވެ.

މަސްވެރިކަން ދަށް ދުސްވަރާއި އެލްނީނޯ އަދި އެންވެރިކަން ދަށްވުމާ ގުޅިފައި

މި ދުވަސްވަރު މަސްވެރިކަން ދަށްވުމާ ގުޅޭ ގޮތުން ފިޝަރީޒް މިނިސްޓްރީގެ ޑިރެކްޓަރު ޖެނެރަލް ޑރ. ހުސެން ސިނާން ވިދާޅުވީ، ތިން ސަބަބެއް ފާހަގަކުރެއްވޭ ކަމަށެވެ.

އާންމު ގޮތެއްގައި ކޮންމެ އަހަރެއްގެ ވެސް އޭޕްރީލް އިން ފެށިގެން އޮގަސްޓު މަހާ ހަމައަށް ރާއްޖޭގެ މަސްވެރިކަން ދަށްވާ ކަމާއި ޖުލައި މަހަކީ އާންމުކޮށް ވެސް މަސްވެރިކަން އެންމެ ދަށް މަސްކަން އޭނާ ފާހަގަ ކުރެއްވި އެވެ.

"އޭގެ ފަހުން އޮގަސްޓުން ފެށިގެން ރަނގަޅުވާން ފަށާފައި ޑިސެމްބަރު މަހާ ހަމައިން މަސްވެރިކަން ވަރަށް ރަނގަޅުވޭ،" ސިނާން ވިދާޅުވި އެވެ.

ދެވަނަ ކަމަކަށް އޭނާ ފާހަގަކުރެއްވީ، މި އަހަރަކީ އެލްނީނޯގެ އަހަރަކަށްވުމުން ކަނޑުގެ މަތީ ފަށަލައިގެ ހޫނުކަން އާދަޔާހިލާފަށް އިތުރުވުމާއި މަތީ ފަށަލައިގައި ހުންނަ ކާނާގެ މިންވަރު ދަށްވުމެވެ. އެއާ އެކު، މަސް ތިލަވާ މިންވަރު ދަށްވާނެ ކަމަށާއި މިއީ ވެސް މަސްވެރިކަން ދަށްވާނެ ސަބަބެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ތިންވަނަ ކަމެއްގެ ގޮތުގައި ސިނާން ފާހަގަކުރެއްވީ މި އަހަރު އެހެން އަހަރުތަކަށް ވުރެ ވެސް އެންވެރިކަން ދަށްވުމެވެ.

ފާހަގަ ކުރެވޭ - ސަރުކާރުގެ މަސް ކުންފުނި، މިފްކޯއިން މަސްވެރިންގެ އަތުން މަސް ގަންނަ އަގު ވަނީ ދަށްކޮށްފަ އެވެ. މީގެ ކުރިން ކިލޯއެއް 20 ރުފިޔާއަށް ގަތް މަސް މިހާރު ގަންނަނީ ބޭރުގެ ބާޒާރުގައި މަހުގެ އަގު ހުރި މިންވަރަށާއި މަސް ގަނެ، އެކްސްޕޯޓު ކުރުމަށް ހިނގާނެ ހަރަދަށް ބިނާކޮށް، ކޮންމެ ހަފްތާއަކު އަގު ކަނޑައަޅައިގެންނެވެ.

މަސް ގަންނަ އަގު ކުޑަކުރި ނަމަވެސް ސަރުކާރުން ވަނީ މަސްވެރިންނަށް ދޭ ތެލުގެ ސަބްސިޑީ ބޮޑުނުކުރަން ނިންމައިފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް