މިފްކޯގެ ބޯޓަކަށް މަސް ކިރަނީ. (ދައުރު ފޮޓޯ/ ހުސައިން ސުނައިން)
މިފްކޯއިން މަަސްވެރިންނަށް ދޭން ޖެހޭ ފައިސާ މި ހަފްތާގައި ދެވޭތޯ ބަލަނީ
މަސްވެރިންނަށް ނުދެވި ހުރި ފައިސާ ދިނުމަށް ކެނޑިނޭޅި މަސައްކަތް ކުރަމުން އަންނަ ކަމަށާއި އަމާޒަކީ މި ހަފްތާގެ ތެރޭގައި ފައިސާ ޖަމާކޮށްދިނުން ކަމަށް މިފްކޯއިން މިއަދު ބުނެފި އެވެ.
ވީ ކިހިނެއް؟ - މިދިޔަ މަހުގެ 28 އިން ފެށިގެން މިފްކޯއަށް ކިރާފައިވާ މަހަށް ދޭން ޖެހޭ ފައިސާ އެ ކުންފުނިން އަދި މަސްވެރިންނަށް ނުދެ އެވެ.
މިފްކޯއިން ކުރިން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިދިޔަ މަހުގެ 28 އާއި މި މަހުގެ 14އާ ދެމެދު މަސްވެރިން ކިރާފައިވާ މަހަށް 9.1 މިލިއަން ރުފިޔާ އެ ކުންފުނިން ދޭން ޖެހެ އެވެ.
ފައިސާ ނުދެވޭ ސަބަބަކީ، މިފްކޯއިން ބުނާ ގޮތުގައި، މަސްވެރިކަން ދަށްވެ، ކުންފުނީގެ މާލީ ހާލަތު ހުރި ގޮތުންނެވެ.
ބުނީ ކީކޭ؟ - "ޕެންޑިންގައި ހުރި ފައިސާ ވީ އެންމެ އަވަހަކަށް ހޯދައި، މި ހަފްތާގައި ޖަމާކުރެވޭތޯ ކެނޑިނޭޅި ދަނީ މަސައްކަތް ކުރެވެމުން،" މިފްކޯގެ އޮފިޝަލަކު އެ ކުންފުނީގެ މީޑިއާ ގްރޫޕަށް ފޮނުވި މެސެޖެއްގައި ވިދާޅުވި އެވެ.
"އަމާޒަކީ މި ހަފްތާގެ ތެރޭގައި އޮޑިވެރިންނަށް ފައިސާ ޖަމާކުރެވޭނެ ގޮތް ހަމަޖެއްސުން."
ތަފްސީލު - މިފްކޯއިން މިއަދު އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރާ އަޅާބަލާއިރު މިއަހަރު އެ ކުންފުންޏަށް މަސްކިރާފައިވާ މިންވަރު ވަރަށް ބޮޑަށް ވަނީ ދަށްވެފަ އެވެ.
ވަކިވަކި މަސްތަކަށް ބެލިޔަސް، ހުރިހާ މަސްތަކުގައި ވެސް މަސްކިރުން ހުރީ ދަށްކޮށެވެ. އެގޮތުން:
-
ޖެނުއަރީ - 2023ގައި 7،528 މެޓްރިކް ޓަނު، މި އަހަރު 7،452 މެޓްރިކް ޓަނު
-
ފެބްރުއަރީ - 2023ގައި 9،035 މެޓްރިކް ޓަނު، މި އަހަރު 5،860 މެޓްރިކް ޓަނު
-
މާޗު - 2023ގައި 6،715 މެޓްރިކް ޓަނު، މި އަހަރު 4،611 މެޓްރިކް ޓަނު
-
އޭޕްރީލް - 2023ގައި 7،054 މެޓްރިކް ޓަނު، މި އަހަރު 2،322 މެޓްރިކް ޓަނު
-
މެއި - 2023ގައި 8،535 މެޓްރިކް ޓަނު، މި އަހަރު 3،666 މެޓްރިކް ޓަނު
-
ޖޫން - 2023ގައި 1،794 މެޓްރިކް ޓަނު، މި އަހަރު 1،272 މެޓްރިކް ޓަނު
-
ޖުލައި - 2023ގައި 1،831 މެޓްރިކް ޓަނު، މި އަހަރު 247 މެޓްރިކް ޓަނު
-
އޮގަސްޓު - 2023ގައި 3،204 މެޓްރިކް ޓަނު، މި އަހަރު 1،157 މެޓްރިކް ޓަނު
-
ސެޕްޓެމްބަރު - 2023ގައި 3،124 މެޓްރިކް ޓަނު، މި އަހަރު 1،529 މެޓްރިކް ޓަނު
-
އޮކްޓޫބަރު - 2023ގައި 8،660 މެޓްރިކް ޓަނު، މި އަހަރު 836 މެޓްރިކް ޓަނު