ބިއޯންޑްގެ ފްލީޓަށް އިތުރު ކުރި ދެ ވަނަ ބޯޓުގައި ހުންނަވާ އެ އެއާލައިނުގެ ސީއީއޯ މީޑިއާއާ ވާހަކަ ދައްކަވަނީ (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)

ބިއޯންޑުގެ 2 ވަނަ ބޯޓު ގެނެސްފި؛ ރާއްޖެއާ އިތުރު މަންޒިލުތައް ގުޅާލަނީ

ރާއްޖޭގެ ސިމްޑީ ގްރޫޕާއި ދުބާއީގެ އެރޭބިސް ކުންފުނި ގުޅިގެން އުފައްދާފައިވާ ބިއޯންޑުގެ ފްލީޓަށް ދެ ވަނައަށް ގެނެސްފައިވަނީ އެއާބަސް އޭ321 މަރުކާގެ ބޯޓެއް

ދުނިޔޭގެ ފުރަތަމަ މަތީ ފަންތީގެ ލެޝާ އެއާލައިން، ބިއޯންޑުގެ ދެ ވަނަ ބޯޓު ގެނެސް، ރާއްޖެއާ ދުނިޔޭގެ އިތުރު މަންޒިލުތައް ގުޅާލަން ތައްޔާރުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ރާއްޖޭގެ ސިމްޑީ ގްރޫޕާއި ދުބާއީގެ އެރޭބިސް ކުންފުނި ގުޅިގެން އުފައްދާފައިވާ ބިއޯންޑުގެ ފްލީޓަށް ދެ ވަނައަށް ގެނެސްފައިވަނީ އެއާބަސް އޭ321 މަރުކާގެ ބޯޓެކެވެ. އެ އެއާލައިނުގައި ފުރަތަމަ ބޭނުންކުރަން ފެށީ އޭ319 މަރުކާގެ ބޯޓެކެވެ.

ތަފްސީލް - ބިއޯންޑުގެ ފްލީޓަށް ދެ ވަނަ ބޯޓެއް ގެނައުމާއި އެ އެއާލައިނަށް އެއް އަހަރުވުން ފާހަގަކުރުމަށް މިއަދު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވައިފަ އެވެ.

ބިއޯންޑް ގެ ފްލީޓަށް އިތުރު ކުރި ދެވަނަ ފްލައިޓު (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ބިއޯންޑުގެ ސީއީއޯ ޓޭރޯ ޓަސްކިލާ ވިދާޅުވީ ފާއިތުވި އެއް އަހަރު ތެރޭ ބިއޯންޑުން ފާހަގަކުރެވޭ ކާމިޔަބީތައް ހާސިލްކޮށްފައިވާ ކަމަށާއި އޭވިއޭޝަން ދާއިރާގެ ފަހުރުވެރި އެވޯޑުތައް ވެސް އެ އެއާލައިނަށް ލިބިފައިވާ ކަމަށެވެ.

ބިއޯންޑުގެ އޮޕަރޭޝަންތައް ފުޅާކޮށް، ކުރިއަށް ޕްލޭންކޮށްފައިވާ ކަންތައްތައް ހިއްސާ ކުރައްވަމުން ޓޭރޯ ވިދާޅުވީ:

  • ކުރިއަށް އޮތް ތަނުގައި އެ އެއާލައިނުގެ ފްލީޓުގައި 27 ބޯޓު އޮންނާނެ؛ އަންނަ އަހަަރުގެ ފަހު ހަ މަސް ތެެރޭ ހަތަރު ބޯޓު އެ އެއާލައިނުގެ ފްލީޓަށް އިތުރު ކުރާނެ

  • 2027 ވަނަ އަހަރާ ހަމައަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން 400،000 ޕްރިމިއަމް ފަތުރުވެރިން ރާއްޖެއަށް އުފުލާނެ

  • މިހާރު ދުނިޔޭގެ ފަސް މަންޒިލަކަށް އުދުހޭއިރު، ކުރިއަށް އޮތް ތަނުގައި ހަ ވަނަ މަންޒިލަކަށް ދަތުރު ފަށާނެ

ބިއޯންޑްގެ ފްލީޓްގެ ފުރަތަމަ ބޯޓު (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)

ބިއޯންޑުން މިހާރު ދަތުރު ކުރަނީ:

  • 1-

    ޖަރުމަނުގެ މިއުނިކް

  • 2-

    ސްވިޓްޒަލެންޑުގެ ޒިއުރިކް

  • 3-

    ސައުދީ އަރަބިއްޔާގެ ރިޔާލް

  • 4-

    ޔޫއޭއީގެ ދުބާއީ

  • 5-

    އިޓަލީގެ މިލާން

އެ އެއާލައިނުން ދެން އެންމެ އަވަހަށް ދަތުރު ފަށާނީ ތައިލެންޑަށެވެ. އެގޮތުން، އެކަމަށްޓަކާ ބޭނުންވާ ހުއްދައަށް ވަނީ އެދެފަ އެވެ. މީގެ އިތުރުން، ކުވެއިތު އަދި ސައުދީގެ ޖިއްދާއަށް ވެސް ދަތުރު ފެށުމަށް ވަނީ ރާވާފަ އެވެ.

ބިއޯންޑްގެ ފްލީޓަށް އިތުރު ކުރި ދެވަނަ ބޯޓު. (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)

ބުނީ ކީކޭ؟ - ބިއޯންޑުގެ ފްލީޓަށް އިތުރުކުރި ބޯޓުގައި ހުންނަވައި މީޑިއާއާ ވާހަކަ ދައްކަވަމުން ޓޭރޯ ވިދާޅުވީ ފާއިތުވި އެއް އަހަރަކީ ބިއޯންޑަށް ކާމިޔާބު އަހަރެއް ކަމަށެވެ. ގިނަ ފިލާވަޅުތަކެއް ދަސްވި، ކުރިއަށް ދިއުމަށް އިތުރު ހިތްވަރެއް ލިބުނު އަހަރެއްގެ ގޮތުގައި އެއާލައިނުގެ ފުރަތަމަ އެއް އަހަރު އޭނާ ފާހަގަކުރެއްވި އެވެ.

"އެއް އަހަރު ތެރޭ އެއާލައިން ކުރިއަރައިފި. އެއް އެއާކްރާފްޓާ އެކު އަޅުގަނޑުމެން ފެށީ. މިއަދު މި އިތުރުވީ ދެވަނަ އެއާކްރާފްޓު، ފުރަތަމަ ބޯޓަށް ވުރެ ބޮޑު ބޯޓެއް. ކުރިއަށް އޮތް ތަނުގައި އިތުރު މަންޒިލުތަކަށް ދަތުރު ފެށުން އަޅުގަނޑުމެންގެ އަމާޒަކީ. މިހާރު ޕްލޭނުގައި އެބަހުރި ތައިލެންޑަށް ދަތުރު ފަށަން. އޭގެ އިތުރުން މެެދުއިރުމަތީގެ އިތުރު މަންޒިލުތައް، އިންޑިއާ ވެސް އެއީ އަމާޒެއް،" އޭނާ ވިދާޅުވި އެވެ.

އިތުރު ބޯޓާ އެކު ބިއޯންޑުގެ ދަތުރުތައް އިތުރުވެ، ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު ވެސް އިތުރުވާނެކަން ޓޭރޯ ފާހަގަކުރެއްވި އެވެ.

އޭނާ ވިދާޅުވީ ދުނިޔޭގެ ފުރަތަމަ ލެޝާ ޕްރިމިއަމް އެއާލައިނަކީ ބިއޯންޑު ކަމަށް ވެފައި، އެ އެއާލައިނުން އޭވިއޭޝަން އިންޑަސްޓްރީއަށް އާ ކަންތައްތަކެއް ތައާރަފު ކުރި ކަމަށެވެ.

"މީގެ ތެރޭ ހިމެނެނީ މީގެ ކުރިން މި އިންޑަސްޓްރީން ނުދެކޭ ގިނަ ކަންތައް. އަޅުގަނޑުމެން މި ކުރިއަށް ދަނީ އެހެން މީހުންނަށް ވެސް ފިލާވަޅަކަށް ވަމުން އަދި އަމިއްލައަށް ވެސް ގިނަ ކަންތައް ދަަސްކުރަމުން. އެއާލައިނެއް އޮޕަރޭޓުކުރާނެ ގޮތާއި އެންމެ މަތީފަންތީގެ ކަސްޓަމަރުންނަށް ހިދުމަތް ދޭނީ ކިހިނެއްތޯ. މިއީ ވަރަށް އެކްސައިޓިން ދަތުރެއް. އެއާ އެކު، ކަންބޮޑުވާ ކަންތަކާ ވެސް ދިމާވޭ،" ޓޭރޯ ވިދާޅުވި އެވެ.

އޭނާ ވިިދާޅުވީ ބައިނަލްއަގުވާމީ ތިން އެވޯޑު މި ފާއިތުވި އަހަރު ތެރޭ ބިއޯންޑަށް ލިބިފައިވާ ކަމަށާއި މިއީ ބޮޑު ކާމިޔާބީއެއް ކަމަށެވެ.

"ލުފްތަންސާ، ސިންގަޕޫރު އެއާލައިންސް ފަދަ ބޮޑެތި އެއާލައިންތަކާ ވާދަކޮށް ރާއްޖޭގެ އެއާލައިނަކަށް މިފަދަ ޝަރަފުވެރި އެެވޯޑުތައް ލިބުނު މިއީ ފުރަތަމަ ފަހަރު. އަޅުގަނޑުމެންނަށް ވެސް އަދި ރާއްޖެއަށް ވެސް ލިބުނު ޝަރަފެއް މިއީ. މިއީ ކުރިއަށް ދާން ވެސް ލިބޭ ހިތްވަރެއް،" އޭނާ ވިދާޅުވި އެވެ.

ބިއޯންޑްގެ ފްލީޓަށް އިތުރު ކުރި ދެ ވަނަ ބޯޓު. (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)

ސެވަން ސްޓާ ލަގްޒަރީ ހޮސްޕިޓަލިޓީ އެންޑް ލައިފް ސްޓައިލް އެވޯޑްސްގައި ބިއޯންޑަށް ވަނީ ލަގްޒަރީ އެއާލައިންގެ އެވޯޑު ލިބިފަ އެވެ.

ޓޭރޯ ވިދާޅުވީ އެއާލައިންގެ ފްލީޓަށް އިތުރު ބޯޓުތައް ގެނެސް ހިދުމަތާއި ހިދުމަތުގެ ފެންވަރު އަބަދު ވެސް އެންމެ ރަނގަޅަށް ހިފެހެއްޓުމަކީ އަމާޒު ކަމަށެވެ.

އެއާލައިންތައް ފުޅާކުރުމަށް ބޭނުންވާ ބޯޓުތައް ލިބުމުގައި އެއާލައިންތަކަށް ދިމާވެފައިވާ ދައްޗަކީ ގޮންޖެހުމެއްގެ ގޮތުގައި ޓޭރޯ ފާހަގަކުރެއްވި އެވެ. ހާއްސަކޮށް ކޮވިޑުގެ ހާލަތުގައި ބޯޓު އުފައްދާ ކުންފުނިތަކުން އެ މީހުންގެ ޕްރޮޑަކްޝަން މަޑުޖައްސާލާފައި އޮތުމުން މިހާރު އެ ލަސްކަން ހުރިހާ އެއާލައިނަކަށް ވެސް ދިމާވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަންނަ އަހަރުގެ ފަހު ހަ މަސް ތެރޭ އިތުރު ހަތަރު ބޯޓެއް އަޅުގަނޑުމެންގެ ފްލީޓަށް އިތުރު ވާނެ. އިތުުރުވާ ކޮންމެ ފްލައިޓަކާ އެކު އިތުރު ހަތަރު މަންޒިލަކަށް އަޅުގަނޑުމެން ދަތުރު ފަށާނަން. އެހެންވީމާ އަންނަ އަހަރު ނިމޭއިރު 15 ނޫނީ 16 މަންޒިލަކަށް ބިއޯންޑުން ރާއްޖެ ގުޅާލާނަން. އޭގެ ތެރޭން ގިނަ މަންޒިލުތައް ވާނީ މީގެ ކުރިން އެހެން އެއާލައިންތަކުން ރާއްޖެއަށް ސީދާ ނުއުފުލާ މަންޒިލުތަކަށް،" އޭނާ ވިދާޅުވި އެވެ.

ބިއޯންޑަކީ މަތީ ފަންތީގެ ފަތުރުވެރިންނަށް ހިދުމަތް ދޭ އެއާލައިނަކަށް ވާއިރު، ޕްރިމިއަމް ފަތުރުވެރިންގެ އަދަދު އަހަރުން އަހަރަށް އިތުރުވާކަން ޓޭރޯ ފާހަގަކުރެއްވި އެވެ. އޭނާ ވިދާޅުވީ ޕްރިމިއަމް ފަސިންޖަރުންގެ މާކެޓު އަހަރަކު %8 އިތުރުވާ ކަމަށާއި މިއީ މިހާރު ދުނިޔޭގައި އެންމެ ކުރިއަރަމުން އަންނަ މާކެޓު ކަމަށެވެ.

"ރާއްޖެއަށް އުދުހޭ އެހެން އެއާލައިންތަކަށް ބެލި ނަމަވެސް ފާހަގަކުރެވޭ ކަމަކީ، ޕްރިމިއަމް ކެބިންތަކަށް އޮންނަ ޑިމާންޑު ބޮޑުކަން،" އޭނާ ވިދާޅުވި އެވެ.

ފާހަގަ ކުރެވޭ - ބިއޯންޑުގެ އޭ319 ބޯޓަކީ 44 މީހުންގެ ޖާގައިގެ ބޯޓެކެވެ. އެ އެއާލައިންގެ ފްލީޓަށް އިތުރުކުރި އޭ321 ބޯޓަކީ 68 މީހުންގެ ޖާގައިގެ ބޯޓެކެވެ.

އެ އެއާލައިންގެ ބޯޓުތައް ފަރުމާކޮށް، ކޮންފިގާ ކޮށްފައިވަނީ ފަސިންޖަރުންނަށް 'ލަގްޒަރީ' އިހުސާސް ވާނެހެންނެވެ.

ސިމްޑީ ގްރޫޕް

ޕްރޮފައިލް ޕޭޖް
info@simdi.com
3334400

އިތުރު އާޓިކަލް

އިތުރު އާޓިކަލް