ރައްޔިތުންގެ މަޖިލީޙުގެ ޖަލްސާއެއްގައި މަޖިލީހުގެ ނައިބު ރައީސް، ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމް ވާހަކަ ދައްކަވަނީ (ފޮޓޯ/ މަޖިލިސް)

ބީއެމްއެލްގެ ޒިންމާދާރު މަގާމުތަކަށް ދިވެހިން ލާންޖެހޭ: ނާޒިމް

ނާޒިމް ވިދާޅުވީ ބީއެމްއެލްގައި ދިވެހިންގެ ކޮންޓްރޯލު ނެތްނަމަ ކުރިއަށް އޮތްތަނުގައި ސީރިއަސް ކަންތައް ހިނގައިފާނެ ކަމަށް

ގައުމީ ބޭންކު، ބީއެމްއެލްގެ ޒިންމާދާރު މަގާމުތަކަށް ދިވެހިން އައްޔަނު ކުރަން މަސައްކަތް ކުރަން ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަދި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް މިއަދު ގޮވާލައްވައިފި އެވެ.

ވީ ކިހިނެއް؟ - މަޖިލީހުގެ މިއަދުގެ ޖަލްސާ އަށް ހުށަހަޅާފައިވާ ކުންފުނިތަކާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ބަހުސް ކުރައްވަމުން ނާޒިމް ވިދާޅުވީ، އެ ބިލު ހުށަހަޅަން ޖެހުނު އެއް ސަބަބަކީ ބީއެމްއެލްގެ ބޯޑަށް ކުއްލިއަކަށް އައިސްފައިވާ ހުސްކަން ކަމަށެވެ.

ތަފްސީލް - ނާޒިމް ވިިދާޅުވީ ބީއެމްއެލްގެ ބޯޑު މެންބަރުން އައްޔަން ކުރުމަށް ހާއްސަ ގޮތުން އާންމު ޖަލްސާއެއް ބޭއްވުމަށް ތާވަލްކޮށްފައިވަނިކޮށް ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ކާލް ސްޓުމްކަ އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ. އެހެންވެ އެ މަގާމަށް މީހަކު އައްޔަން ކުރުމަށް އިތުރު އީޖީއެމްއެއް ބާއްވަން ޖެހޭ ކަމަށެވެ.

"21 ސެޕްޓެމްބަރުގައި އީޖީއެމްއެއް ބާއްވަން ގޮވާލާފައިވަނިކޮށް އެ ކުންފުނީގެ ސީއީއޯ ވަނީ އިސްތިއުފާ ދެއްވާފައި. އެހެންކަމުން ވަރަށް އަވަހަށް އިތުރު އީޖީއެމް އެއް ބާއްވަން އެބަ ޖެހޭ ސީއީއޯ އެއް ނޫނީ އެމްޑީއެއް އައްޔަން ކުރަން،" ނާޒިމް ވިދާޅުވި އެވެ.

"އީޖީއެމް ބާއްވަން އޮންނަ މުއްދަތުތައް އެބަޖެހޭ ކުރު ކުރަން. 14 ދުވަހުގެ މުއްދަތެއް މިހާރު އޮތީމާ 21 ދުވަސް ދީފައި މި ބާއްވަނީ. މިއިސްލާހު ގެނައީމާ މިހާރު 21 ސެޕްޓެމްބަރުގައި ބާއްވަން ނިންމާފައިވާ އީޖީއެމް ބޭއްވި ނަމަވެސް އެއާ ވިދިގެން މާ ދުރު ނޫން މުސްތަގުބަލެއްގައި އިތުރު އީޖީއެމް އެއް ބާއްވަން މަގުފަހިވެެގެން ދާނެ."

މިހާރު ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގައި ވާގޮތުން ހާއްސަގޮތުން ކުރާ އާންމު ޖަލްސާއެއް ބޭއްވުމުގެ ނޯޓިސް ފޮނުވަން ޖެހެނީ 7 ދުވަހުގެ ތެރޭގަ އެވެ.

ނާޒިމް ވިދާޅުވީ ދައުލަތް ހިއްސާވާ ކުންފުނިތައް ހަރުދަނާކޮށް ހިންގަން ޖެހޭ ކަމަށެވެ.

މިސާލެއްގެ ގޮތުން އޭނާ ވިދާޅުވީ މިފަހުން ބީއެމްއެލްގެ ރުފިޔާ ކާޑުތަކުން ޑޮލަރުން މުއާމަލާތް ނުކުރެވޭގޮތަށް ނިންމިއިރު ބޭންކުގެ އެންމެ ޒިންމާދާރު މަގާމުތަކުގައި ތިއްބެވި ބޭފުޅުން ރާއްޖޭގައި ނެތް ކަމަށެވެ.

"އޭގެ ތެރޭގައި އޮޕަރޭޝަންސް ޑިރެކްޓަރެއް ނެތް. ކްރެޑިޓް ކޮންޓްރޯލް މެނޭޖަރެއް ނެތް. އަިދ ރިސްކު މެނޭޖަރެއް ވެސް ނެތް. މިއީ ރާއްޖެއިން ބޭރުގެ ބޭފުޅުން،" ނާޒިމް ވިދާޅުވި އެވެ.

"15،000 ޑޮލަރުގެ މުސާރަ ދެއްވާފައި ތިބި އެންމެ ޒިންމާދާރު ތިން މީހުން ރާއްޖެ އަކު ނެތް. އެހެންވީމާ ޕީސީބީ އިން ވެސް ފައިނޭންސް މިނިސްޓްރީ އިން ވެސް، ދައުލަތުގެ ހިއްސާތަކުގެ ބެލެނިވެރި ފަރާތްކަމުގައި ވާތީ، މި ކުންފުނިތަކުގެ ކަންތައް ދުވަހުން ދުވަހަށް ހިނގާ ގޮތް ވަރަށް ރަނގަޅަށް ބައްލަވަން އެބަ ޖެހޭ."

ނާޒިމް ވިދާޅުވީ:

  • 15،000 ޑޮލަރުގެ މުސާރަ އަކީ ބޮޑު އަދަދެއް ކަމަށް

  • މި މަގާމުތަކަށް ދިވެހިން ލެވޭތޯ ބަލަން ޖެހޭ

  • ބޭންކުގެ އިސް، ޒިންމާދާރު މަގާމުތަކަށް ދިވެހިން ލެވޭތޯ ބަލަން ޖެހޭ ކަމަށް

  • ދިވެހިންގެ ބޭންކު، ދިވެހިންގެެ ކޮންޓްރޯލު ނެތި ހިންގާނަމަ ކުރިއަށް އޮތްތަނުގައި މާ ސީރިޔަސް ކަންތައް ހިނގައިފާނެ ކަމަށް

"މި އިސްލާހަކީ ވަރަށް މުހިއްމު އިސްލާހެއް. ކުންފުނީގެ ބޯޑަށް އައްޔަނުކޮށްފައިވާ މެންބަރުން ރަށުގައި ވަޑައިގެން ނޫޅުއްވާތީ ނޫނީ އެބޭފުޅުން ހާޒިރު ނުވެ ބޯޑު ޖަލްސާތައް ނުބޭއްވޭ ހާލަތްތަކުގައި ނޯޓިސްގެ މުއްދަތު ކުޑަކޮށް ގާނޫނުން ފަހިކޮށްދިނީމާ ދިމާވެފައިވާ މައްސަލަތައް ހައްލު ކުރަން ފަސޭހަވާނެ،" ނާޒިމް ވިދާޅުވި އެވެ.

މި ބިލުގެ ބަހުސް މިއަދުގެ ޖަލްސާގައި ކުރިއަށްދާއިރު ސަރުކާރުގެ މެންބަރުން ވިދާޅުވަނީ، މިއީ މިވަގުތަށް މުހިއްމު ބަދަލެއް ކަމަށެވެ. މިއީ ކުންފުނިތަކުގެ ހިންގުން ހަރުދަނާވާނެ ބަދަލެއް ކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ. 

ގުޅުން ހުރި - ބޭންކާއި އިދިކޮޅު ފަރާތްތަކުން މާލީ ބަގާވާތެއް ކުރަން އުޅުނު ކަމަށް ބުނާ މައްސަލައެއް ފުލުހުން ބަލަމުން ދަނިކޮށް ބީއެމްއެލްގެ ސީއީއޯ ވަނީ މި މަހުގެ 8 ވަނަ ދުވަހު އިސްތިިއުފާ ދެއްވައިފަ އެވެ. އެ މައްސަލަ އަކީ ބޭންކުގެ ކާޑުތަކުން ޑޮލަރު މުއާމަލާތް ނުކުރެވޭ ގޮތަށް ބޭންކު ބޯޑުން މިދިޔަ އޮގަސްޓު މަހު ނިންމި ނިންމުމާ އެކު ތުހުމަތު  ކުރެވުނު މައްސަލަ އެކެވެ.

ކޮމެންޓް (1)

profile-image-placeholder

ބޭންކް

16 ސެޕްޓެމްބަރު 2024
ނާޒިމް ދައްކަވަނީ ރަނގަޅު ވާހަކައެއް. މައުލޫމާތު ކުޑަކޮށް ގޯސް. ބީއެމްއެލް ގައި "ކްރެޑިޓް ކޮންޓްރޯލް މެނެޖަރ" ކިޔާ މަގާމެއް ނޯވޭ. ހުނަންނީ ކްރެޑިޓް ޑިރެކްޓަރ އެއް. އަދި ކްރެޑިޓް ޑިޕާރޓްމެންޓްގައި ބޭރު މީހަކު މަސައްކަތެއް ނުކުރޭ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް